30 Sep 2013, 13:06
ސިޔާސީ ގޮތުން ކުރާ މަސައްކަތުގައި ހިންހަމަނުޖެހޭ ކަންތައްތަކެއް ދިމާވި ނަމަވެސް، ޕީޕީއެމްގެ ސަޕޯޓަރުން ދޫކޮށްލާފައި ދެވޭކަށް ނެތް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.
މަހުލޫފު އެހެން ވިދާޅުވީ އޭނާ ޕީޕީއެމްއިން ވަކިވެވަޑައިގެން، އެމްޑީޕީއާ ގުޅެން އުޅޭ ކަމުގެ އަޑުތައް ފެތުރިފައިވަނި ކޮށެވެ. ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެސް ވިދާޅުވެފައި ވަނީ މަހުލޫފް ހިތްނުތަނަވަސްވާ ކަންތައްތަކެއް ދިމާވަމުންދާ ކަމަށާއި ނަމަވެސް އޭނާ ހުންނަވާނީ ޕީޕީއެމްގައި ކަމަށެވެ.
އެމްޑީޕީއާ ގުޅުން އުޅޭ ކަމުގެ އަޑުތައް ފެތުރުމާއެކު މީޑިއާ ދުރުގައި އުޅުއްވާ މަހުލޫފު އިއްޔެ ފުވައްމުލަކަށް ވަޑައިގެން، ޕީޕީއެމްގެ ސަޕޯޓަރުންނާއެކު ބޭއްވި ޖަލްސާއެއްގައި އޭނާ ވަނީ އެމްޑީޕީއާ ގުޅުން އުޅޭ ވާހަކަތައް ދޮގު ކުރައްވާފަ އެވެ. މަހުލޫފު ވިދާޅުވީ ޕީޕީއެމްގެ ސިޔާސީ ހަރަކާތްތަކާ ދުރުގައި އުޅުއްވަނީ ހިންހަމަނުޖެހޭ ކަންތަކުން "ރެސްޓް" ކުރުމަށް ކަމަށެވެ.
"އަޅުގަނޑު ސިޔާސީ މައިދާނަށް ނުކުމެ މި ކުރާ މަސައްކަތުގައި އަޅުގަނޑަށް ހިންހަމަނުޖެހޭ ބައިވަރު ކަންތައްތަކެއް ދިމާވިޔަސް، އަޅުގަނޑަށް ތިބޭފުޅުން [ޕީޕީއެމް ސަޕޯޓަރުން] ދޫކޮށްލާފައި ދެވޭކަށް ނެތޭ. އަޅުގަނޑުގެ ހިންހަމަނުޖެހުމަށްޓަކާއި ރާއްޖޭގައި އޮތް އިސްލާމްދީނައި އެހެންކަންތައްތައް އޮއްވައި ތިބޭފުޅުން ދޫކޮށްލާފައި އަޅުގަނޑަކަށް ދެވޭކަށެއް ނެތޭ،" މަހުލޫފް ވިދާޅުވި އެވެ.
މަހުލޫފް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ޕީޕީއެމުން ކާމިޔާބު ކުރާނެ ކަމަށާއި ފުވައްމުލަކުގެ ރައްޔިތުން ކުރަމުންދާ ބުރަ މަސައްކަތުން އެކަން ކަށަވަރުވާ ކަމަށެވެ. އަދި ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ހީލަތްތެރި ރޭވުންތަކެއް ރާވާފައި، މަކަރު ހަދާފައިވާ ކަމަށެވެ.
"އޭގެ އެއް މިސާލު ނޫންތޯ 95،000 ވޯޓު އަޅުގަނޑަށް ލިބިފައި އޮތީމައި ކީއްވެތޯ ތެޅިފޮޅި ގަންނަންވީ. އަޅުގަނޑަށް އެވަރު ލިބިފަ އޮތިއްޔާ ބުނާނީ އަދި ވެސް އެއްފަހަރު އަލުން ގުނާލާށޭ، ކީއްވެތޯ އެހެން ބުނަން ނުކުރިގެން އުޅެނީ،" މަހުލޫފު ވިދާޅުވި އެވެ.
އިންތިހާބުގައި ފުރަތަމަ ބުރާމެދު އުފެދިފައިވާ ކަންބޮޑުވުން ހައްލު ކުރުމަށް ޖުމްހޫރީ ޕާޓީއާއެކު ޕީޕީއެމް ގުޅިގެން މަސައްކަތް ކުރާނެ ކަމަށާއި އެމްޑީޕީ ފިޔަވައި ހުރިހާ ޕާޓީތައް ގުޅިގެން، ބޭނުންވާ ލަޑުދަނޑި ހާސިލް ކުރާނެ ކަމަށް މަހުލޫފު ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ޕީޕީއެމަށް އެއްބާރުލުން ދެއްވާ ކަމަށް އިޝާރާތް ކުރައްވައި، އެމަނިކުފާނަށް މަހުލޫފު ޝުކުރު އަދާކުރެއްވި އެވެ.
އެމްޑީޕީއާ ގުޅެން އުޅޭ ކަމުގެ އަޑުތަކެއް ފެތުރިފައިވަނިކޮށް، މަހުލޫފު އެކަން ދޮގުކޮށްފައިވާއިރު، މިއަހަރުގެ ޖޫން މަހު ވެސް އެފަދަ އަޑުތަކެއް ފެތުރެން ފެށިފައި ވަނިކޮށް އޭނާވަނީ އެކަން ދޮގުކޮށްފަ އެވެ. ނަމަވެސް އެފަދަ އަޑުތަކެއް ފެތުރުމާއެކު މަހުލޫފު ވަނީ މީޑިއާ އެކަހެރިކޮށް އުޅުއްވައި، ރާއްޖެއިން ބޭރުގައި ދުވަސްތަކެއް ހޭދަކުރައްވާފަ އެވެ.