ފަސް ޑޮލަރަށް ވުރެ ދަށުގެ ނޫޓު ޑިޕޮސިޓް ކުރުމަށް މާދަމާއިން ފެށިގެން ތިން ޕަސެންޓްގެ ސާވިސް ޗާޖެއް ނަގާ ގޮތަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ހަމަޖައްސައިފި އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ބޭންކުން ނެރުނު ނޯޓިސްއެއްގައި ވަނީ އެގޮތަށް ހަމަޖެއްސީ ބޭންކުން ނަގުދުކޮށް ޑޮލަރު ނަގާ ފަރާތްތަކުން ކުދި ނޫޓު ބޭނުންވާ މިންވަރު ވަރަށް މަދު ކަމަށެވެ. އަދި ކުދި ނޫޓު މަދުވުމާ ގުޅިގެން ބޭންކަށް ޖަމާވަމުންދާ ކުދި ނޫޓުތައް ބޮޑެތި ނޫޓަށް ބަދަލުކުރުމަށްޓަކައި ރާއްޖެއިން ބޭރަށް ފޮނުވާ އަދި އަނބުރާ ގެނައުމުގައި ބޭންކުން ކުރަން ޖެހޭ ހަރަދު ބޮޑުވުމުގެ ސަބަބުން ހިދުމަތުގެ އަގުގެ ގޮތުގައި ނަގަން ކަނޑައެޅިފައިވާ ޗާޖެއް ކަމަށް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލް އިން ބުނީ ބޮޑެތި ނޫޓުތަކަށް ބަދަލުކުރުމަށް ކޮންމެ މަހަކު ކުދި ނޫޓުތައް ބޭރަށް އެކްސްޕޯޓްކުރަން ޖެހޭ ކަމަށެވެ. އަދި އެގޮތަށް ބަދަލުކުރަން ފޮނުވާއިރު ފްރެއިޓް ޗާޖާއި އިންޝުއަރެންސް އަދި އޯވާސީސް ބޭންކް ޗާޖް ވެސް ހިމެނޭ ކަމަށް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލް އިން ތިން ޕަސެންޓްގެ ޗާޖެއް ނެގުމަށް ހަމަޖެހިފައި ވަނީ އެއް ޑޮލަރާއި ދެ ޑޮލަރު އަދި ފަސް ޑޮލަރުގެ ނޫޓު ޖަމާކުރާއިރު އެވެ.

ފަހަކަށް އައިސް ބައެއް ފަރާތްތަކުން ކުދި ނޫޓުތައް ގަނެ ބޭންކަށް ޖަމާކުރަނީ ޓީޓީ ހެދުމަށެވެ.