30 Sep 2013, 12:18
ރާއްޖެ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އަދި ރާއްޖޭގެ އިގްތިސާދު އެންމެ ބޮޑަށް ބަރޯސާވެފައިވާ ޓޫރިޒަމް ބޮއިކޮޓް ކުރުމަށާއި ޓޫރިޒަމްގެ އަގު ވެއްޓޭ ގޮތަށް ބައިނަލްއަގުވާމީ ބޮޑެތި ނޫސްތަކަކުން ހަބަރުތައް ފަތުރަން ފަށައިފި އެވެ.
އިނގިރޭސި ވިލާތުގެ މަޝްހޫރު ނޫހެއްކަމަށް ވާ "ދަ އިންޑެޕެންޑެންޓް"ގައި ވަނީ "އިލެކްޝަންގެ ސަބަބުން ރާއްޖޭގެ ލޭނާރު ހުއްޓެނީ" އެސުރުހީގެ ދަށުން ރާއްޖޭގެ މަޝްރަހު ބިރުވެރިކަމެއްގެ ގޮތަށް ސިފަކޮށްފައިވާ ރިޕޯޓެއް މިދިޔަ ހުކުރު ދުވަހު ވަނީ ޝާއިކޮށްފަ އެވެ. އަދި އެ ރިޕޯޓްގައި ވަނީ އިންތިހާބުގެ ދެވަނަ ބުރު ލަސްވުމާއި ގުޅިގެން ރާއްޖޭގައި ހިންގަމުންދާ ކަންތައްތަކަށް އަލިއަޅުވާލާފަ އެވެ.
މަޝްހޫރު ނޫހެއް ކަމަށްވާ ދަ ގާޑިއަންގައި "އިލެކްޝަން ލަސްކުރުމުގެ ސަބަބަބުން ޓޫރިޒަމް ދާއިރާގެ މުވައްޒަފުން މުޒާހަރާގައި" އެ ސުރުހީގެ ދަށުން ލިޔެފައިވާ އާޓިކަލްގައި ވެސް ވަނީ އިންތިހާބު ލަސްވުމާއި ގުޅިގެން ޓުރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން ހަޅުތާލުކުރާ ކަމަށް ބުނެފަ އެވެ.
އެ ނޫހަށް ދިން އިންޓަވިއެއްގައި މޯލްޑިވްސް ޓޫރިޒަމް އެމްޕްލޯޔާސް ވޯކާސް ސެކެޓްރީ ޖެނެރަލް މައުރޫފް ޒާކިރު ވިދާޅުވެފައި ވަނީ ރާއްޖޭގެ ޓުރިޒަމް ހުއްޓުވުމަކީ އެމީހުންގެ އަމާޒެއް ނޫން ކަމަށާއި ކަންކަން ކުރިއަށް ގެންދިއުމަށް ބޭނުން ވަނީ ގާނޫނާއި ގަވައިދުގެ މަތިން ކަމަށެވެ.
އޭޖެންސް ފްރާންސް ޕްރެސް (އޭއެފްޕީ) އަށް ދިން އިންޓަވިއުއެއްގައި އެމްޑީޕީގެ ސްޕޯކްސް ޕާސަން އިންޓަނޭޝަނަލް އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބުދުލް ޣަފޫރު ވަނީ ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރުމަށް ގޮވާލާފަ އެވެ.
"ރާއްޖޭގައި ޑިމޮކްރަސީ ހުއްޓުވުމަށް ހަރަދުކުރަނީ ޓޫރިޒަމުން ލިބޭ ފައިދާ. ރާއްޖެ އަށް ޓޫރިސްޓުން އައުން މަނާކުރުމަށް އެހެން ގައުމުތަކުގައި އަޅުގަނޑުމެން އެދެނީ އެހެންވެ،" އޭއެފްޕީ އަށް ދެއްވި އިންޓަވިއުގައި ހާމިދު ވިދާޅުވެފައިވެ އެވެ.
ބޮއިކޮޓް ކެމްޕެއިންތަކާ ގުޅިގެން ތަކުރާރުކޮށް "ސަން" އިން ގުޅުމުން ވެސް ޓޫރިޒަމް މިނިސްޓްރީން އެކަމާ ބެހޭ ގޮތުން އެއްޗެކޭ ބުނެފައެއް ނުވެ އެވެ.
ރާއްޖެ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ، އަދި ރާއްޖެ އަށް ވަންނަ ބޭރު ފައިސާގެ ބޮޑުބައެއް ހިއްސާކުރާ ޓޫރިޒަމް ވިޔަފާރި ބޮއިކޮޓް ކުރުމަށް އެމްޑީޕީން މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ގޮވާލި އެވެ. އަދި އެކަމުގެ ނުބައި އަސަރު ރާއްޖޭގެ ޓޫރިޒަމަށް އެކި ފަހަރު މަތިން ކުރި އެވެ. އެ ފަހަރު ޓޫރިޒަމަށް ދިން ގެއްލުމުން އަރައިގަނެވުނީ ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލުންނާއި އިންޑިސަޓްރީ ގުޅިގެން އެތައް މިލިއަން ޑޮލަރެއް ހަރަދުކޮށް، އަދި އެތައް ކެމްޕޭނެއް ކޮށްގެނެވެ.