ގއ. މާމެންދޫ ގެއެއްގައި އަލިފާންރޯވެ ބޭނުންނުކުރެވޭ ވަރަށް އަނދައިފި އެވެ.

މާމެންދޫ ކައުންސިލްގެ ނައިބް ރައީސް ސައުދުﷲ ރަޝީދު ވިދާޅުވީ އަލިފާނުގެ ހާދިސާއެއް ހިނގާފައި ވަނީ އެ ރަށު "ގުލްޝަން"ގޭގައި ކަމަށާއި އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް އެ ހާދިސާގެ ސަބަބުން އެ ގޭގެ ބޮޑު ބަޔަކަށް ގެއްލުންވެ، ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހާދިސާ ހިނގި އިރު އެގޭގެ ވެރިން ވަނީ ހައްޖަށް ގޮސް. އަލިފާނުގެ ހާދިސާގެ ސަބަބުން ގެއަށް ވަރަށް ބޮޑެތި ގެއްލުންތަކެއްވެފައި ވަނީ. ގެ ބޭނުމެއް ނުކުރެވޭނެ." އޭނާ ވިދާޅުވި އެވެ.

ސައުދުﷲ ވިދާޅުވީ އެގޭގައި އަލިފާން ރޯވި ކަމުގެ މައުލޫމާތު ކައުންސިލަށް ހުށަހަޅާފައި ވަނީ ރޭ ފަތިހު 4:30 އެހާކަންހާ އިރު ކަމަށެވެ. އަލިފާންގަނޑު ނިއްވާލާފައި ވަނީ އެރަށު ރައްޔިތުންނާއި ފުލުހުން ގުޅިގެން ކުރި މަސައްކަތުން މިއަދު ހެދުނު ހަތެއް ޖެހި އިރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.