30 Sep 2013, 11:28
އިންޑިއާ ސިފައިން ރާއްޖެ އެރުމަށް ޑރ. އަހްމަދު ޝަހީދު ގޮވާލެއްވުމަކީ ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމާއި އިސްތިގުލާލު އެއްކިބާކޮށްފައި ނަމަވެސް ލިބުނު ގޮތަކަށް އެމްޑީޕީން ވެރިކަން ބޭނުންވެގެން އުޅޭކަން އެނގޭ ކަމެއް ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.
ސަން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ޑރ. ޖަމީލް ވިދާޅުވީ ބައިނަލްއަގުވާމީ މުއާހަދާތަކާއި ބައިނަލްއަގުވާމީ ގާނޫނުތައް ރަނގަޅަށް އެނގޭ ނަމަ ބޭރު ގައުމުތަކުން ރާއްޖޭގެ ދާޚިލީ ކަންތައްތަކުގެ ތެރެއަށް ވަނުމަށް ނުގޮވާނެ ކަމަށެވެ.
ޑރ. ޖަމީލް ވިދާޅުވީ ރާއްޖޭގައި ދާޚިލީ ހަމަނުޖެހުމެއް ހިނގައިގެން ނޫޅޭ ކަމަށާއި ރާއްޖޭގައި އުފެދިގެން އުޅެނީ ދުސްތޫރީ މައްސަލައެއް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ގާނޫނު ބުނާ ގޮތުން ދުސްތޫރީގޮތުން ސުވާލު އުފެދޭ މައްސަލަތަކުގައި ގޮތެއް ކަނޑައަޅާނީ ޝަރުއީ މަރުހަލާއިން ކަމަށާއި ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން ދުސްތޫރީ ގޮތުން ސުވާލު އުފެދިފައިވާ މައްސަލަ އޮތީ ޝަރީއަތަށް ހުށަހެޅިފައި ކަމަށެވެ. އެހެންކަމުން އެ މައްސަލައާ މެދު ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުން ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވި އެވެ.
ދުސްތޫރީ މައްސަލަތައް ހައްލުކުރާނެ ގޮތް ރާއްޖޭގެ ގާނޫނީ އޮނިގަނޑުގައި ސާފުކޮށް ލިޔެވިފައި ވަނިކޮށް އެކަން ހައްލު ކުރުމަށް އިންޑިއާ ސިފައިން ރާއްޖެ އަންނަން ގޮވާލުމަކީ ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމާއި އިސްތިގުލާލު އެއްކިބާ ކޮށްފައި ނަމަވެސް ލިބުނު ގޮތަކަށް އެމްޑީޕީން ވެރިކަން ބޭނުންވެގެން އުޅޭ ކަން އެނގޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އދ. ގެޗާޓާގައި ވާގޮތުގެ މަތިންނާއި އަދިހަމަ އެއާ އެކު ބައިނަލްއަގުވާމީ މުއާހަދާއި އިންޓަނޭޝަނަލް ގާނޫނުތަކުގައިވާ ގޮތުގެމަތިން އެކަންތައްތައް ރަނގަޅަށް އެނގޭ ކަމުގައިވާ ނަމަ ދުނިޔޭގެ ގައުމުތަކުގެ ދާޚިލީ ކަންތައްތަކުގެ ތެރެއަށް ނުވަންނާނެ. ރާއްޖޭގައި އަދި އެހާވަރަކަށް ދާޚިލީ ހަމަނުޖެހުމެއް ހިނގައިގެން ނޫޅޭ. ރާއްޖޭގައި މިއުޅެނީ ދުސްތޫރީ ކަމެއް. މިހާރު އެކަން އުޅެނީ ޝަރުއީ މަރުހަލާގައި. އެހީ ދުސްތޫރީގޮތުން އެކަން އޮތްގޮތް. އެކަމާ ގުޅުވައިގެން ރާއްޖެ އަށް އިންޑިއާ ސިފައިން އަންނަން ގޮވާލި ގޮވާލުމަކީ އަޅުގަނޑު ދެކޭގޮތުގައި ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމާއި އިސްތިގުލާލު އެއްކިބާ ކޮށްފައި ނަމަވެސް ލިބުނު ގޮތަކަށް ވެރިކަން ބޭނުންކަން އެނގޭ ކަމެއް،" ޑރ. ޖަމީލް ވިދާޅުވި އެވެ.
ރާއްޖޭގެ ދާޚިލީ ކަންތައްތަކުގެ ތެރެއަށް ބޭރުގެ ފަރާތްތަކުން ނުފޫޒު ފޯރުވާ ހިސާބަކަށް ކަންތައް ގެންގޮސްފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ޑރ. ޖަމީލު ވިދާޅުވީ ނަޝީދުގެ ވެރިކަމުގައި ފެނިގެން ދިޔައީ އެއްވެސް ބެލުމަކާއި ނުލައި ރާއްޖޭގެ މުހިންމު އިންވެސްޓްމެންޓުތައް ބޭރުގެ ފަރާތްތަކުގެ އަތްމައްޗަށް ދޫކޮށްލި މަންޒަރު ކަމަށެވެ. އަދި ވިދާޅުވީ ނަޝީދުގެ ވެރިކަމުގެ ދުވަސްވަރު ޔުނެސްކޯއިން ފަލަސްތީނަކީ ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ފެނޭތޯ ނެގި ވޯޓުގައި ފަލަސްތީނާ ދެކޮޅަށް ރާއްޖެ އިން ވޯޓު ދެއްވާފައިވާ ކަމަށެވެ.
"ހަގީގަތުގައި އދ.ގައި ނެގުނު ފަލަސްތީނުގެ ވޯޓުގައި ވެސް ރާއްޖެ އެއިން އެއްކިބާވެ ރާއްޖޭގައި މީގެކުރީން ގެންގުޅުނު މިނިވަން ހާރިޖީ ސިޔާސަތުން އެއްކިބާވެފައި ވަނީ. އަޅުގަނދު ދަންނަވާލަން ބޭނުންވަނީ މި ސަގާފަތް ފެށިގެން ގޮސްފައި ވަނީ އެމްޑީޕީގެ ސަރުކާރުންނޭ،" ޑރ. ޖަމީލް ވިދާޅުވި އެވެ.
ޑރ. ޝަހީދުގެ އެ ވާހަކަތަކާ ގުޅޭ ގޮތުން ޖަމީލް ވިދާޅުވީ އެއީ ރާއްޖޭގެ މިނިވަންކަން ދިފާއު ކުރާނެ ބަޔަކު ދައްކާނެ ވާހަކައެއް ނޫންކަމަށާއި ޝަހީދަކީ އަބަދުވެސް ގައުމާއި ރައްޔިތުންނަށް ގެއްލުންވާ ފަދަ ވާހަކަ ދައްކާ ބޭފުޅެއް ކަމަށެވެ.
އެފަދަ ވާހަކަތައް ޑރ. ޝަހީދު ދައްކަވަމުން ގެންދަވަނީ ބައިނަލް އަގުވާމީ އާދަކާދަތަކާއި ބައިނަލް އަގުވާމީ ގާނޫނުތައް އެނގިވަޑައިނުގަންނަވާތީ ކަމަށާއި އެ މައްސަލަ ބަލައި އޭނާއާ މެދު ގާނޫނީ ފިޔަވަޅު އަޅަން ޖެހޭ ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވި އެވެ.