30 Sep 2013, 10:51
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ދޫކުރަންޖެހޭ ފައިސާ ހިފަހައްޓާފައިވާ ކަމަށް ބުނެ، އެ އެސޯސިއޭޝަނުން ދޫކުރާ "ފުޅިމަދު ޗެކެއްގައި ދެން ނުހިފާނެ" ކަމަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުން ބުނެފި އެވެ.
ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު އަދި ވަރުގަދަ ފުޓްބޯޅަ ޓީމުގެ ޑައިރެކްޓާ އޮފް ފުޓްބޯލް އަންވަރު އަލީ "ސަން"އަށް ވިދާޅުވީ، މުބާރާތް ތަކުން ހޯދާ ކާމިޔާބީތައް ފާހަގަކޮށް އެފްއޭއެމްއިން އެ ޓީމަށް ދޭންޖެހޭ ވަރަށް ގިނަ ފައިސާ ނުލިބި އެބަހުރި ކަމަށާއި ކޮންމެ ފަހަރަކު ވެސް ލިބެނީ ރަމްޒީ ޗެކެއް ކަމަށެވެ.
"އަޅުގަނޑު މެން ބޭނުމެއް ނޫން އަގެއް ނެތް ރެޖިފޯމް ޗެކެއް. އެ ހިފައިގެން ދިޔައިމަ އެއްވެސް ތާކުން އެއަށް ފައިސާއެއް ދުލެއް ނުކުރޭ،" އަންވަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ނިއުގެ އޮފީސް ފުރާލަން ބަހައްޓަން ފުޅިމަދު ޗެކްތަކެއް ކޮންމެހެން ބޭނުން ނުވާ ކަމަށާއި، އެޓީމުން އެފްއޭއެމްގައި އެދުނު ނަމަވެސް މިހާތަނަށް އެފަދަ އެއްވެސް ޗެކަކަށް ފައިސާ ލިބިފައި ނުވާ ކަމަށެވެ.
"އަޅުގަނޑުމެން ބޭނުމެއް ނުވޭ އޮފީސް ފުރާލަން ކޮންމެހެން ފައިސާ ނުލިބޭ ބޮޑެތި ޗެކްތަކެއް ބަހައްޓާކަށް. އޭގެ ބަދަލުގައި އަޅުގަނޑުމެން އެދެން އެ ޗެކުތަކަށް ލިބެންޖެހޭ ފައިސާ ދޫކޮށް ދިނުމަށް،" އަންވަރު ވިދާޅުވި އެވެ.
ނިއުއިން ބުނެފައިވަނީ، އެފްއޭއެމްއިން މިހާތަނަށް އެޓީމަށް ދޫކުރަން ޖެހޭ ފައިސާގެ އަދަދު ތިން ލައްކަ އަށްވުރެ ބޮޑުވާނޭ ކަމަށެވެ. އޭގެ ތެރޭގައި ދިވެހި ލީގު ކާމިޔާބުކުރުމުން ލިބެން ޖެހޭ ލައްކައެއްހާ ރުފިޔާ އާއި ޗެރިޓީ ޝީލްޑްގެ އެއް ލައްކަ ރުފިޔާ އާއި، ވެޓަރަންސް ކަޕްގެ ޗެމްޕިއަން ޓީމަށް ލިބެންޖެހޭ 20000ރ. އާއި، ޔޫތު ކަޕުގެ ފެއަޕްލޭ ޓީމަށް ދޭ 15000ރ. އާއި ލީގުގައި ބައިވެރިވި ޓީމުތަކަށް ދޫކުރި ގާތްގަނޑަކަށް 62000ރ އާއި، އަދި ގޭޓް ފައިސާގެ ގޮތުގައި ލިބެން ޖެހޭ ފައިސާ ވެސް ހިމެނޭ ކަމަށެވެ.
ނިއުރޭޑިއަންޓަށް ފައިސާ ނުލިބިވާ މައްސަލަ އޮޅުން ފިލުވުމަށް އެފްއޭއެމްއަށް ސަންއިން ގުޅާލުމުން އެ އިދާރާގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ނާސިރު (ނާބެ) ވިދާޅުވީ، ޓީމުތަކަށް ދޭންޖެހޭ ފައިސާއާ ބެހޭ މައުލޫމާތު އެފްއޭއެމްއިން ވަރަށް އަވަހަށް މީޑިއާއާ ހިއްސާ ކުރާނޭ ކަމަށެވެ.