30 Sep 2013, 10:25
ޑރ. އަފްރާޝީމްގެ މަރުވެގެން ދިޔައީ ޖިހާދެއްގަ އެވެ. ޝަހީދަކަށް ހުށަހެޅިގެން ދިޔައީ ވެސް ދީނީ ނަސޭހަތެއް މުޅި ގައުމަށް ދެއްވުމަށް ފަހު އެވެ. އަވަހާރަކޮށްލުމުގެ ހަމަލާ ކުރިމަތިވުމުގެ ކުރިން ޕަބްލިކް ބްރޯޑްކާސްޓަރު އަދި ގައުމީ ޓީވީން އެމަނިކުފާނު ވަނީ "ކަމަކަށް" މައާފަށް ވެސް އެދިފަ އެވެ. އެއީ އެމަނިކުފާނު ދެއްކި ވާހަކަފުޅަކުން ނުބައި މާނައެއް ނެގިފައިވާ ނަމަ އެވެ. މެދުމިނުގެ އިސްލާމްދީން ނޫނީ މޮޑަރޭޓް އިސްލާމްދީނަށް ރާއްޖޭގައި ގޮވާލެއްވުމުގެ އުހުގައި ހުންނެވީ ޑރ. އަފްރާޝީމެވެ.
އެމަނިކުފާނު ގައުމަށް މުހިއްމު ވަނީ އިލްމުވެރިއަކަށް ވުމުންނެއް ނޫނެވެ. މެލޭޝިޔާގެ އިސްލާމިކް ޔުނިވަސިޓީން ޕީއެޗްޑީ ނޫނީ ޑޮކަޓަރޭޓް ހާސިލްކުރެއްވި ބޭފުޅެއްގެ ގޮތަގައެއް ވީމައެއް ނޫނެވެ. އެއީ މަޖިލީހަށް އިންތިހާބުވި ހަމައެކަނި ދީނީ ދަންނަބޭކަލެވެ. އުސޫލުލް ފިގުހު އެނގިވަޑައިގަންނަވާ ހަމައެކަނި މުދައްބިރެވެ. ރާއްޖޭގައި މިހާތަނަށް އުފައްދާ އެންމެ ބޮޑު ބިލް، އާ ގާނޫނުލް އުގޫބާތު މަސައްކަތް ކުރާ ކޮމެޓީގެ މެންބަރަކަށްވީމަ އެވެ.
އެމަނިކުފާނުގެ މައްޗަށް ހިންގި ޖަރީމާއަށް މާދަމާ އަހަރެއްވާނެ އެވެ. އަހަރު ދުވަހުން ހޯދުނު އިންސާފަކީ ކޮބައިތޯ އެވެ. އަސްލު ގާތިލުންނަކީ ކޮން ބައެއްކަން ހޯދުނުތޯ އެވެ. އަދުލަށް ހުކުމް ކުރެވުނުތޯ އެވެ. އާއިލާއަށް ކުރިމަތިވި ބިރުވެރިކަމުން އަރައިގަނެ، ގެއްލިގެންދިޔަ ހައްގު ހޯދައިދެވުނުތޯ އެވެ. މިއިން އެއްވެސް ކަމަކަށް އަދި ވާސިލެއް ނުވެ އެވެ.
ފުލުހުން މިހާތަނަށް ހިންގި ތަހުގީގަކީ ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު، ހޯދުންތަކެވެ.
އެތައް ސަތޭކަ ގަޑިއިރެއް ވަންދެން މެދުނުކެނޑި، އެފްބީއައިގެ އެހީތެރިކަމާ އެކު ފުލުހުން ހިންގި ތަހުގީގަށް ފަހު އެކަމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ދެ މީހަކު ހޯދުނެވެ. އެއީ ހ. ލޮބީ ހުސައިން ހުމާމް އަހްމަދާއި ހ. ހިކޯސްޓް އަލީ ޝާނެވެ.
އަފްރާޝީމްގެ މަރަށް އަހަރު ދުވަސް ވެގެން ދާއިރު ޝަރީއަތުގައި ކަން ހިނގައިދާ ގޮތުން ސުވާލު އުފެދެ އެވެ. އަމިއްލަ އިއުތިރާފު ފިޔަވައި، އިތުރު ހެއްކިތައް ނެގުމުގައި ދިގުލައިގެން ދަނީ ކީއްވެގެންތޯ އެވެ. ޝަރީއަތް ނިމެންދެން ބަންދުގައި ތިބި ހުމާމް އާއި ޝާންއާ ދެ މީހުން ކުރެ މީހެއްގެ މައްޗަށް ކުށް ޝާބިތުވެފައިނުވާ ކަމީ ހަގީގަތުގައި ވެސް އެކަން ކުރީ އެ ދެ މީހުންތޯ އަދި ހައްޔަރުގައި އެ ތިބީ ތިބެން ޖެހޭ މީހުންތޯ ސުވާލު އުފެދެ އެވެ.
ޑރ. އަފްރާޝީމްގެ މަރުގެ މައްސަލާގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ފުލުހުން ތުހުމަތުކުރާ ބަޔަކު ހައްޔަރުވެފައިވާ އިރު އެކަން ކުރި ބަޔަކު ރާއްޖޭން އެރޭ ދަންވަރުގެ ވަގުތެއްގައި ފުރައިގެން ގޮސްފައިވާ ކަމަށް އެ ހާދިސާ ހިނގިތާ ދެ މަސް ދުވަސް ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އަދި އެމަނިކުފާނަށް އެ މައުލޫމާތު ލިބިވަޑައިގެންފައި ވަނީ އަވަށްޓެރި ގައުމެއްގެ އިންޓެލިޖެންސުން ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އެހެން ކަމުގައިވާ ނަމަ ފުރައިގެން ދިޔަ ކަމަށް އިންޓެލިޖެންސްގެ މައުލޫމާތު ލިބިވަޑައިގެންފައިވާ މީހަކީ ކާކު ކަމެއް ނުވަތަ އެ މީހަކު ފުރައިގެން ދިޔަ މެދުއިރުމަތީގެ ގައުމަކީ ކޮބައި ކަމެއް ކަމާ ބެހޭ އިދާރާތަކާ އެމަނިކުފާނު ހިއްސާނުކުރެއްވީ ކީއްވެގެންތޯ އެވެ. އަދި ނަޝީދު އެވިދާޅުވާ ގޮތަށް އެކަން ކުރި މީހާ މި ރާއްޖެ އިން ފުރައިގެން ގޮސްފައިވާ ނަމަ އެމައްސަލައިގެ ތުހުމަތުގައި މިހާރު ހައްޔަރުކޮށްފައި ތިބި މީހުންނަކީ އެމައްސަލައިގައި އެ އަމަލް ހިންގި ކަމަށް "ފްރޭމްކޮށްފައި" ތިބި ބަޔަކު ކަމަށް ބައެއް ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަތަކުގެ ފަހަތުގައި ހަގީގަތެއް ވެދާނެ ކަމާ މެދު ސުވާލު އުފެދެ އެވެ.
މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި އަފްރާޝީމަށް ހަމާލާދިން ކަމަށް އެ މައްސައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ހުމާމް އިއުތިރާފް ވުމަށް ފަހު، އެކަމަށް އިންކާރުކޮށް އެގޮތަށް ބަޔާން ދިނީ ފުލުހުން ބިރުދައްކައިގެން ކަމަށް ވަނީ ބުނެފަ އެވެ. ހުމާމަކީ މީގެކުރިން ވެސް އެކިފަހަރު މަތިން މީހުންނަށް ވަޅި ބިރުދައްކައި ހަމަލާދީ މީހަކު މަރާލައިފައިވާ ކަމަށް ޝަރީއަތުގައި އަމިއްލައަށް އިޢުތިރާފްވެފައިވާ މީހަކަށްވާ އިރު އަފްރާޝީމްގެ މަރާލުމުގައި އޭނާ ބައިވެރިނުވާ ކަމަށް ގަބޫލްކުރާ ބަޔަކު ވެސް އެބައުޅެ އެވެ. ނަމަވެސް ފުލުހުން ބުނަމުން ގެންދަނީ ގާތިލުން އެ ތިބީ ހޯދިފައި ކަމަށާއި ޝަރީއަތުގެ މަޖިލީހުގައި އެކަން ސާބިތުކޮށްދޭން ޖެހިއްޖެ ނަމަ އެކަށީގެންވާ ހެއްކާއި ގަރިނާ ހުށަހަޅާނެ ކަމަށެވެ. އޭރުން އެމައްސަލައިގައި ނުލިބި ހުރި ސުވާލުތަކުގެ ޖާވާބު ލިބިގެންދާނެ ކަމަށް ކޮމިޝަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވެސް ވަނީ ވިދާޅުވެފަ އެވެ.
ޑރ. އަފްރާޝީމްގެ މަރުގެ މައްސަލައިގެ ތަހުގީގު ކުރިއަށް ދިޔައިރު ފުލުހުން ވަނީ އެމައްސަލަ ޝަރީއަތަށް ސާބިތުކޮށްދެވޭ ވަރަށް ހެއްކާއި ގަރީނާ ހުށަހެޅި ފަރާތަކަށް 500،000ރ. ދޭން ފުލުހުން ހުށަހަޅައިފަ އެވެ. ނަމަވެސް މިހާތަނަށް އެއްވެސް ފަރާތަކުން އެފަދަ ހެއްކެއް ހުށަހަޅައިފައި ނުވާތީ އެ ފައިސާ އެއްވެސް ފަރާތަކަށް ދީފައެއް ނުވެ އެވެ. އަނެއް ކޮޅުން އަފްރާޝީމް އަވަހާރަކޮށްލީ ބަޔަކު ހަތަރު މިލިއަން ރުފިޔާ ދޭނެ ކަމަށް ބުނެގެން ކަމަށް އެ މައްސަލައިގައި އިއުތިރާފް ބަޔާނެއް ދިނުމަށް ފަހު ފަހުން އިންކާރުކޮށްފައިވާ ހުމާމް ތަހުގީގަށް ދީފައިވާ އިއުތުރާފް ބަޔާނުގައި ވަނީ ބުނެފަ އެވެ. އެހެން ކަމުގައިވާއިރު މިކަމުގެ ފަހަތުގައި ހަގީގަތުގައި ވެސް ސިޔާސީ އަތެއް ނުވަތަ ސިޔާސީ މަގުސަދެއް އޮވެދާނެ ކަމަށް ބެލެވެ އެވެ.
ހުމާމް އިއުތިރާފް ބަޔާނަށް ބަލާ އިރު އޭނާ ބުނެފައި ވަނީ "އަފްރާޝީމް އަވަހާރަކޮށްލައިފިއްޔާ ހަތަރު މިލިޔަން ރުފިޔާ ލިބޭނެ ކަމަށް އެ މައްސަލާގެ ތުހުމަތުގައި ހައްޔަރުކުރުމަށް ފަހު ކޯޓު އަމުރަކަށް ދޫކޮށްލި ސިފައިންގެ މީހާ އަޒުލިފް ރައޫފް އާއި 'ސްޕައި' ނަމަކަށް ކިޔާ މީހަކު އޭނާގެ ކައިރީގައި ބުނި ކަމަށެވެ. އަދި ބުނީ އަފްރާޝީމް މަރާލާނެ ގޮތާ ގުޅޭގޮތުން އެމްޑީޕީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކުގެ ދަނބިދަރިފުޅު އަބްދުﷲ ޖާވިދު (ޖާ) އާއި ޖާގެ ބޭބެ ޖަނާ އާއި އަޒްލިފްގެ އިތުރުން އޭނާ ބައްދަލުކޮށް މަޝްވަރާކޮށްފައިވާ ކަމަށެވެ"
އެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރޭގައި 18 އަހަރުން ދަށުގެ ކުޑަ ކުއްޖަކު ހިމެނޭ އިރު އެކުއްޖާގެ މައްޗަށް ފުލުހުންގެ ތަހުގީގަށް ދޮގު ހެކިދިން ކަމުގެ ކުށް ސާބިތުވެގެން އަށް މަސް ދުވަހުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް ވަނީ އިއްވައިފަ އެވެ. އަނެއްކޮޅުން އެމައްސަލާގައި ތުހުމަތުކުރާ ޝާން ވެސް ވަނީ އަފްރާޝީމް މަރާލި ކަމަށް ދައުލަތުން ކުރާ ދައުވާއަށް އިންކާރުކޮށްފަ އެވެ.
އެ ޖަރީމާ ހިންގުމަށް ރާވައި ފައިސާދޭނެ ބުނި ކަމަށް ބުނާ އަދި އެޖަރީމާގެ އަޑީގައި ތިބި ކަމުގެ ތުހުމަތަށް ހައްޔަރުކުރި މީހުންގެ މައްސަލަ މިހާ ދުވަސް ވެގެން ދިޔައިރު ވެސް ޝަރީއަތާ ހަމައަށް ނުގެންދެވި ލަސްވެގެން ގޮސްފައިވާ ކަމަކީ ވެސް ސުވާލު އުފެދިގެން އަންނަ ކަމެކެވެ. ދެން އަނެއްކާ ވެސް އޮތީ އެކަމުގެ ތުހުމަތު ކުރެވޭ ފަރާތްތަކުގެ އިއުތިރާފުން އެކަން ސާބިތުކުރުން ނޫން ނަމަ އެކަށީގެންވާ ހެއްކާ ގަރީނާތަކެއްގެ މައްޗަށް ބިނާކޮށް ގާތިލުން ހޯދުމެވެ. ސުވާލަކީ ހަގީގީ ގާތިލުންނަކީ ކޮބައިބާވަ އެވެ.