އާ އިންތިހާބެއް ބޭއްވުމާ މެދު ސުޕްރީމްކޯޓުން ކުރާ ކޮންމެ ހުކުމަކަށް ބޯލަނބާނެ ކަމަށް ޖުމްހޫރީ ޕާޓީން ބުނެފި އެވެ. ޖުމްހޫރީ ޕާޓީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އެ ޕާޓީގެ އެދުމަކީ އިތުބާރާ އެކު ބޭއްވޭ ރިޔާސީ އިންތިހާބެއް ވީހާ އަވަހަކަށް އިންތިޒާމުވެ، ކުރިއަށް ދިއުން ކަމަށެވެ.

"....އަދި ރާއްޖޭގައި ރައްޔިތުންގެ އިތުބާރާ އެކު ބޭއްވޭ ރިޔާސީ އިންތިހާބެއްވީ އެންމެ އަވަހަކަށް އިންތިޒާމުވެ ކުރިއަށް ދިއުމެވެ. ރިޔާސީ އިންތިހާބުގައި ހަދާފައިވާ ބޮޑެތި މަކަރުތަކާ އޮޅުވާލުންތައް އަލުން ތަކުރާރު ނުވާނޭހެން ކަންކަން އިސްލާހުކޮށް، އައު އިންތިހާބެއް ބޭއްވުމާ މެދު ސުޕްރީމްކޯޓުން ކުރައްވާ ކޮންމެ ހުކުމަކަށް ޖުމްހޫރީ ގުޅުމުގެ ފަރާތުން ކިޔަމަންތެރިކަމާ އެކު ބޯލަނބާނަމެވެ،" ބަޔާނުގައިވެ އެވެ.

ބަޔާނުގައި އަދި ބުނެފައި ވަނީ ސުޕްރީމްކޯޓަށް ހުށަހެޅިފައިވާ މައްސަލަ ވީހާ ވެސް އަވަހަށް ނިމިގެން ދިއުން އެދޭ ކަމަށެވެ.

"ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް، ޖުމްހޫރީ ގުޅުމަށް ތާއީދުކުރައްވަވާ އެންމެހާ ދިވެހި ރައްޔިތުންގެ އެދުމަކީ ވޯޓް އޮޅުވާލުމާ ގުޅިގެން ދިވެހި ރާއްޖޭގެ ސުޕްރީމްކޯޓަށް ހުށަހެޅިފައިވާ މައްސަލަ ވީހައި ވެސް އަވަހަށް ނިމިގެން ދިއުމެވެ،" ބަޔާނުގައިވެ އެވެ.

ވޯޓް އޮޅުވާލި ކަމަށް ކުރެވޭ ތުހުމަތުތަކަކީ އަޅާނުލައި ދޫކޮށްލެވޭ ވަރަށް ވުރެ ސީރިއަސް މައްސަލައެއް ކަމަށް ވެސް ބުނެފައިވެ އެވެ. އަދި ބުނެފައި ވަނީ ވޯޓްގައި ހަދާ މަކަރުތަކާ އުޅުވާލުންތައް ހުއްޓުވުމަކީ ރައްޔިތުންގެ ބާރުވެރިކަން ހުރި ވެރިކަމެއް އުފެއްދުމަށް ޓަކައި މިހާރުން މިހާރަށް ލާޒިމު ކަމެއް ކަމަށެވެ.