30 Sep 2013, 10:02
ނިޔުޔޯކް (ސެޕްޓެމްބަރ 30): އިންޑިޔާ އާއި ޕާކިސްތާނުގެ ސަރަހައްދީ ރޮނގުގައި ހިނގަމުންދާ ކުރިމަތިލުންތައް ހުއްޓުވުމާބެހޭ ގޮތުން އެދެގައުމުގެ ބޮޑުވަޒީރުން މަޝްވަރާކުރައްވައިފި އެވެ.
އދ.ގެ ޖެނެރަލް އެސެމްބްލީގެ އަރިމަތީގައި އިންޑިޔާގެ ބޮޑުވަޒީރު މަންމޯހަން ސިންގް އާއި ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ނަވާޒް ޝަރީފް ނިޔުޔޯކްގައި އިއްޔެ ބައްދަލުކުރައްވައި މަޝްވަރާކުރެއްވީ ސަރަހައްދީ ރޮނގު ހުރަސްކޮށް ދެގައުމުގެ ސިފައިން ބަދަލުކުރާ ޙަމަލާތައް ހުއްޓުވުމާބެހޭގޮތުން ކަމަށް އިންޑިޔާގެ ގައުމީ ސަލާމަތާބެހޭ މުސްތަޝާރު ޝެވީ ޝަންކަރު މައިނޫން ވިދާޅުވި އެވެ.
"ކަޝްމީރުގެ ސަރަހައްދީ ރޮނގު ކަމަށްވާ ލައިން އޮފް ކޮންޓްރޯލް ހުރަސްކޮށް ދެގައުމުގެ ސިފައިން ޙަމަލާތައް ބަދަލުކުރުން ހުއްޓުމަކަށް ގެނައުމާ ބެހޭ ގޮތުން ދެގައުމުގެ ބޮޑުވަޒީރުން މަޝްވަރާކުރެއްވި. އަދި ޙަމަލާތައް މުޅިން ހުއްޓުމަކަށް ގެނެވިގެން މެނުވީ ދެގައުމުގެ ގުޅުންތައް ރަނގަނޅު ކުރުމުގެ މާހައުލު ގާއިމް ނުކުރެވޭނެ ކަމަށް ދެ ބޭފުޅުން އެއްބަސްވެވަޑައިގެންނެވި."ނިޔުޔޯކްގައި ދެއްވި ބަޔާނެއްގައި ޝަންކަރު ވިދާޅުވި އެވެ.
ކަޝްމީރުގެ ސަރަހައްދީ ރޮނގު ކަމަށްވާ ލައިން އޮފް ކޮންޓްރޯލް ހުރަސްކޮށް މިއަހަރުތެރޭގައި އިންޑިޔާ އާއި ޕާކިސްތާނުގެ ސިފައިން އެތަށްފަހަރަކު ޙަމަލާތައް ބަދަލުކޮށްފައިވެ އެވެ. މިހަމަލާތަކުގައި ދެފަރާތުން ވެސް އެތަށް ބަޔަކު މަރުވެފައިވެ އެވެ. މިއީ، ޕާކިސްތާނުގެ ބޮޑުވަޒީރުކަމަށް ނަވާޒް ޝަރީފު އިންތިޚާބުވެވަޑައިގެންނެވި ފަހުން ދެގައުމުގެ ބޮޑުވަޒީރުން ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ. (ރޮއިޓާސް)