25 Nov 2010, 04:40
ވަޒީރެއްގެ ރުހުން އޮތްތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގައި ނަގާ ވޯޓެއްގައި އެވަޒީރަކަށް ރުހުން އޮތް ކަމަށް ކަނޑަނޭޅިއްޖެ ނަމަ، އެ ވަޒީރަކު ޢައްޔަނު ކުރިކުރުން ނިމުމަކަށް އަންނާނެ ކަމަށް މައްޝޫރު ޤާނޫނީ ވަކީލު އަދި ކުރީގެ ލީގަލް ރިފޯމް މިނިސްޓަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދުގެ އޭނާގެ އަމިއްލަ ބޮލޮގްގައި އިއްޔެ ވިދާޅުވެފައި ވަނީ މިދިޔަ ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނެގި ވޯޓަކީ ވަޒީރުންނަށް ރުހުން އޮތްތޯ ބެލުމަށް ނެގި ވޯޓެއް ކަމަށެވެ. ނަމަވެސް އެވޯޓަކީ ރައީސުލްޖުމްހޫރިއްޔާ އަށް ޤާނޫނު އަސާސީން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ޢައްޔަނުކުރައްވާފައިވާ ވަޒީރަކު، މަގާމުން ވަކިކުރުމަށް ނެގުނު ވޯޓެއް ކަމަށް ދޭހަވާ ފަދަ ގޮތަކަށް ސަރުކާރުން ވާހަކަ ދައްކަމުންދާ ކަމަށާއި މަޖިލީހަށް ވަޒީރަކު މަގާމުން ވަކިކުރެއްވޭނީ، އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅި، މަޖިލީހުގެ 39 މެންބަރުންގެ ވޯޓުން، އިތުބާރު ނެތް ކަމަށް ފާސްވެގެން ކަމަށް ސަރުކާރުން ބުނަމުންދާ ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ.
ވަޒީރުންނަށް ރުހުންދިނުމާއި ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަކީ މުޅިން ތަފާތު ދެ ކަމެއްކަން ބަޔާންކުރައްވައި ނަޝީދު ވިދާޅުވެފައި ވަނީ ވަޒީރެއްގެ މައްޗަށް ރުހުން އޮތްތޯ ބަލަނީ، އެވަޒީރަކު މަގާމަށް އައްޔަނުކުރުމުގެ މަރުޙަލާގައި ކަމަށާއި އެ ވޯޓު ނަގަނީ، ރުހުން އޮތްތޯ ބެލުމަށް ކަމަށެވެ. އަދި އެ ވޯޓަކީ، މުޅި މަޖިލީހުގެ އަޣްލަބިއްޔަތު ހަމަވާންޖެހޭ ވޯޓެއް ނޫން ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފައިވެ އެވެ.
"ރުހުން އޮތްތޯ ބެލުމަށް މަޖިލީހުގައި ނެގޭ ވޯޓުން ރުހުން އޮތް ކަމަށް ކަނޑަނޭޅިއްޖެ ނަމަ، އެ ވަޒީރަކު ޢައްޔަނުކުރިކުރުން ނިމުމަކަށް އަންނާނެ. އެއީ އެވަޒީރަކު ޢައްޔަނުކުރުމުގެ މަރުޙަލާ ފުރިހަމަ ނުވާތީ،" ނަޝީދު ވިދާޅުވެފައިވެ އެވެ.
ހަމައެހެންމެ ވަޒީރެއްގެ މައްޗަށް އިތުބާރު ނެތް ކަމަށް ވޯޓުނަގަނީ، މަޖިލީހުގެ ރުހުމާ ވެސް އެކު، ޢައްޔަނުކުރެވިފައިވާ ވަޒީރަކު، މަގާމުން ވަކިކުރުމަށް ކަމަށާއި އެކަމަކުގައި، ނަގާ ވޯޓުގައި މަޖިލީހުގެ މުޅި އަޣްލަބިއްޔަތާ އެއްވަރަށް 39 ވޯޓު ލިބެން ޖެހޭ ކަމަށް ނަޝީދު ވިދާވެފައިވެ އެވެ. އަދި އެ ވޯޓުގައި އިތުބާރު ނެތް ކަމަށް ކަނޑައަޅައިފި ނަމަ، އެވަޒީރަކު މަގާމުން ވަކިވާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ވަޒީރަކު އައްޔަން ކުރުމުގައި އަމަލްކުރަން ޖެހޭ ކަމަށް ޤާނޫނު އަސާސީގައި ބުނާ ކަންކަމުގެ ތަރުތީބާ މެދު އަޅުގަނޑުމެންގެ ތެރޭގައި ޚިޔާލު ތަފާތުވެފައި ވީނަމަވެސް، އެއްބަސްވެވޭ އެއްކަމެއް އެބައޮތްކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވެފައި ވަނީ ވަޒީރަކު އައްޔަނުކުރުމުގެ މަރުޙަލާގައި، ޤާނޫނު އަސާސީގައި ބުނާ ހުރިހާ ކަމެއް ފުރިހަމަ ވާންޖެހޭނެ ކަމަށެވެ.
"ޤާނޫނު އަސާސީގައި ވަޒީރަކު ޢައްޔަނުކުރުމުގެ މަރުޙަލާގައި ފުރިހަމަވާންޖެހޭ ރުކުންތަކެއް ހުރޭ. އެއީ ރައީސް މީހަކު އައްޔަނުކުރުން. އޭނާ މަގާމުގެ ހުވާކުރުން. އެމީހަކު މަގާމާ ހަވާލުވުން. އެއަށް ފަހު އެމީހަކަށް މަޖިލީހުގެ ރުހުން ހޯދުން،" ކުޅުދުއްފުށީ ދެކުނު ދާއިރާގެ ވެސް މެންބަރު ނަޝީދު ވިދާޅުވެފައިވެ އެވެ.
އެއިން އެއްވެސް ކަމެއް ފުރިހަމަ ނުވިނަމަވެސް އެވަޒީރަކު އައްޔަން ކުރުމުގެ މަރުހަލާ ފުރިހަމަ ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވެފައިވެ އެވެ.
ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި 12 ވަޒީރުނަށް ރުހުން އޮތްތޯ ބެލުމަށް ނެގި ވޯޓުގައި ހަ ވަޒީރެއްގެ މައްޗަށް ރުހުން ނެތް ކަމަށް އެވަގުތު ޖަލްސާއަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންގެ އަގުލަބިއްޔަތުން ވަނީ ފާސްކޮށްފަ އެވެ. ނަމަވެސް މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަގުލަބިއްޔަތު ހަމަވެ އިތުރުވާ އަދަދަކަށް އެއްވެސް ވަޒީރަކަށް ރުހުން ނެތް ކަމަށް މަޖުލީހުން ފާސްވެފައި ނުވާތީ އެކަމުން ދޭހަ ކޮށްދެނީ އެބޭފޫޅުންގެ މަގާމުތަކުގައި އަދި ޤައުމީ މަސްއޫލިއްޔަތުތަކައިގެން ކުރިއަށް ދިޔުމަށް ރައްޔިތުން މަޖުލީހުގެ ރުހުން އޮތް ކަން ކަމުގައި ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
ރުހުން ނެތް ވަޒީރުންނަށް މަގާމުގައި ދެމިނުތިއްބެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި އެ މައްސަލަ ޑީއާރުޕީގެ ޑިޕިއުޓީ ލީޑަރު އަލީ ވަހީދާއި ޕީއޭގެ ޑިޕިއުޓީ ލީޑަރު މޫސާ ޒަމީރު މިހާރު ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފަ އެވެ.