30 Sep 2013, 09:43
އެމްޑީޕީން ރޭ މާލޭގައި ކުރި މުޒާހަރާގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއި އިތުރު ބަޔަކު ހައްޔަރުކޮށްފި އެވެ.
ފަރީދީމަގު އެފްޑީއައި ސަރަހައްދުގައި ރޭ ކުރި މުޒާހަރާގައި އާޒިމް ވަނީ ފުލުހުންގެ ބެރިކޭޑުތައް ފަޅާލައި ފުލުހުންގެ ސަފުތެރެއަށް ވަދެގަތުމަށް މުޒާހަރާގެ ބައިވެރީންނަށް އިރުޝާދު ދެއްވައިފަ އެވެ.
އާޒިމް އެގޮތަށް އިރުޝާދު ދެއްވަން ފެށުމާ އެކު ފުލުހުން ވަނީ އެކަން ހުއްޓާލުމަށް ތަކުރާރުކޮށް އެތަކެއް ފަހަރު އޭނާ އަށް ނަސޭހަތްތެރިވެފަ އެވެ. ނަމަވެސް ފުލުހުންގެ އެންގުމަށް ތަބާނުވުމުން އެންމެ ފަހުން ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފަ އެވެ.
އާޒިމްގެ އިތުރުން 12 ވަރަކަށް މީހުން ރޭ ހައްޔަރުކޮށްފައިވެ އެވެ. އެ އެންމެން ވެސް ހައްޔަރުކޮށްފައި ވަނީ ފުލުހުންނާ ދިމާލަށް ފުޅިއާއި އެކި ޒާތުގެ ތަކެތި އުކައި ތަނުގެ މަސްލަހަތު ނަގާލިކަމުގެ ތުހުމަތުގަ އެވެ.
ރޭގެ މުޒާހަރާގައި މުޒާހަރާގެ ބައިވެރީން ވަނީ ފުލުހުންގެ ބެރިކޭޑުތައް ނަގައި ފޮރުވާފަ އެވެ. އެގޮތުން އަތަމާ ގޯޅިގަނޑު ތެރޭގައި ހުރި ގަރާޖެއްގެ ތެރޭގައި ބެރިކޭޑެއް ފޮރުވާފައި ވަނިކޮށް ފުލުހުން ވަނީ ހޯދާފަ އެވެ.
ފުލުހުންގެ ބެރިކޭޑުތައް ފަޅާލައި ފުލުހުންގެ ސަފުތެރެއަށް ވަދެގަތުމަށް އާޒިމް ގޮވާލާފައި ވަނީ މުޒާހަރާގައި އެމްޑީޕީން ބޭނުން ކުރި ޕިކަޕްގެ ތެރޭގައި ހުރެ އަޑުގަދަ ކުރާ ބޭނުން ކޮށްގެނެވެ. އެހެންކަމުން އެ ޕިކަޕް ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
ރޭގެ މުޒާހަރާގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާ ދެކޮޅަށް ވެސް ވަނީ އަޑުއުފުލާފަ އެވެ. އެމަނިކުފާނަށް ރާއްޖޭގެ ވެރިކަމަށް ވަޑައިނުގަނެވޭނެ ކަމަށް ބުނެ މުޒާހަރާގެ ބައިވެރީން ވަނީ ގާސިމާ ދެކޮޅަށް އަޑުއުފުލާފަ އެވެ.