ރޯމް (ސެޕްޓެމްބަރ 30): އިޓަލީގެ ބޮޑުވަޒީރު އެންރީކޯ ލެޓާގެ ކޯލިޝަން ސަރުކާރު ބަލިކަށިވެ ވެއްޓުމުގެ ބިރުހީވެފައިވާތީ ލެޓާ އިޓަލީގެ ރައީސް ޖޯޖިޔޯ ނަބުލިތާނޯ އާ ބައްދަލުކުރައްވައިފި އެވެ.

އިއްޔެ ބޭއްވި މިބައްދަލުކުރެއްވުން އޮތީ ނަބުލިތާނޯ ދިރިއުޅުއްވާ އިޓަލީގެ ރިޔާސީ ގަނޑުވަރުގަ އެވެ. މިބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން މަޝްވަރާކުރެއްވީ އައު ކޯލިޝަން ސަރުކާރެއް އެކުލަވާލުމާބެހޭ ގޮތުން ކަމަށް ރޮއިޓާސް ބުނެ އެވެ. ބޮޑުވަޒީރު އެންރީކޯ ލެޓާގެ ކޯލިޝަން ސަރުކާރު ބަލިކަށިވެ ޕާލަމެންޓްގެ އަޣްލަބިއްޔަތު ގެއްލިފައި ވަނީ އެ ކޯލިޝަންގައި ހިމެނޭ އިޓަލީގެ ކުރީގެ ބޮޑުވަޒީރު ސިލްވިޔޯ ބާލުސްކޯނީގެ "ޕީޕަލް އޮފް ފްރީޑަމް ޕާޓީ"ގެ ފަސްވަޒީރުން މިދިޔަ ހޮނިހިރު ދުވަހު މަގާމުން އިސްތިއުފާދެއްވުމުންނެވެ.

ބާލުސްކޯނީގެ ޕާޓީގެ ތާއީދު ގެއްލުމާއެކު ޕާލަމަންޓްގެ އަޣްލަބިއްޔަތު ނެތުމުން ބޮޑުވަޒީރު އެންރީކޯ ލެޓާގެ ކޯލިޝަން ސަރުކާރު ކޮންމެވަގުތަކު ވެސް ވެއްޓިދާނެ އެވެ. ޕާލަމެންޓްގެ އަޣްލަބިއްޔަތުނެތް ޙާލަތުގައި މިހާރުއޮތް ލެޓާގެ ސަރުކާރަށް ދެމިއެއްނޯވެވޭނެ އެވެ. އަނެއްކޮޅުން އިޓަލީ އަށް ކުރިމަތިވެފައިވާ ސިޔާސީ މިމައްސަލަ ޙައްލު ޙައްލުކުރުމަށް ޓަކައި އެގައުމުގެ ރައީސް ޖޯޖިޔޯ ނަބުލިތާނޯ ގެންދަވަނީ ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރައްވަމުންނެވެ. މިކަމުގެ ބޭނުމަކީ އައު ސަރުކާރެއް އެކުލަވާލުމަށް މަގުފަހިކުރުމެވެ.

އިޓަލީގައި އެންމެ ފަހުން ބޭއްވި އިންތިޚާބަށް އަދި އަހަރެއް ވެސް ނުވާއިރު އަވަސްއިންތިޚާބެއް ބޭއްވުމަކީ ގައުމަށް އެންމެ ރަނގަނޅުގޮތް ނޫންކަމަށާ އެންމެ ރަނގަނޅު ގޮތަކީ އައު ކޯލިޝަން ސަރުކާރެއް ވުޖޫދަށް ގެނައުންކަމަށް ރައީސް ޖޯޖިޔޯ ނަބުލިތާނޯވިދާޅުވި އެވެ. އިޓަލީގެ ކުރީގެ ބޮޑުވަޒީރު ސިލްވިޔޯ ބާލުސްކޯނީގެ "ޕީޕަލް އޮފް ފްރީޑަމް ޕާޓީ" އަށް ނިސްބަތްވާ ފަސްވަޒީރުން މިދިޔަ ހޮނިހިރު ދުވަހު މަގާމުން އިސްތިއުފާ ދެއްވީ ބާލުސްކޯނީ ސެނެޓުން ބޭރުކޮށްލުމަށް އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތުގައި ކޯލިޝަންގައި ހިމެނޭ ޕާޓީތައް ވެސް ބައިވެރިވާ ކަމަށް ތުހުމަތުކޮށެވެ.
ދައުލަތަށް ޓެކްސް ދެއްކެވުމަށް މަކަރު ހެއްދެވުމުގެ ކުށް ބާލުސްކޯނީގެ މައްޗަށް ސާބިތުވުމާ އެކު ހަތަރު އަހަރުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް ކޮށްފައިވާތީ އިޓަލީގެ ސެނެޓުން ބާލުސްކޯނީ ބޭރުކުރުމުގެ މަސައްކަތް އިދިކޮޅު ޕާޓީތަކުން ފަށާފައިވެ އެވެ. އަދި މިމަސައްކަތުގައި ބައިވެރިނުވާނެކަމުގެ ޔަގީންކަން ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން ވެސް ދީފައެއްނުވެ އެވެ. (ރޮއިޓާސް)