މާލޭގައި ރޭވެސް ސައިކަލަކާއި ކާރެއްގައި ރޯކޮށްލައިފި އެވެ.

އެގޮތުން ރޭ އަލިފާން ރޯކޮށްލާ އަންދާލާފައި ވަނީ ކަޅުތުއްކަލާ ކޮށި ކައިރީ ޕާކްކޮށްފައި ހުރި ސައިކަލަކާއި މަދޮށި ގޯޅީގައި ހުރި ގެއެއްގެ ގަރާޖް ތެރޭގައި ޕާކްކޮށްފައި އޮތް ކާރެއްގަ އަވެ.

ފުލުހުން ބުނީ ސައިކަލުގައި ރޯވެފައިވާ އަލިފާން ސިފައިން ނިއްވާލާފައިވާ އިރު އެ ސައިކަލަށް މާބޮޑުގެއްލުމެއް ލިބިފައިނުވާ ކަމަށޭވެ. އަދި ކާރުގައި ރޯކޮށްލާފައިވާ އަލިފާން އެގޭ މީހުން ނިއްވާލާފައިވާ އިރު ކާރުގެ ފަހަތް ވަރަށް ބޮޑަށް އަނދާފައިވާ ކަމަށް ބުންޏެވެ.

އެމައްސަލާގައި އަދި މީހަކު ހައްޔަރުކޮށްފައިނުވާ އިރު ފުލުހުން ބުނީ އެ މައްސަލަ ތަހުގީގް ކުރަމުންދާ ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރެ އާއި އާދިއްތަ ދުވަހުގެ ރޭ ވެސް ކާނިވަލުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ އިރު، މިދިޔަ ހޯމަ ދުވަހު ވަނީ އިމާދުއްދީން ސްކޫލް ކައިރީގައި މަރާމާތަށް ބާއްވާފައި އޮތް ޓެކްސީއެއްގައި ރޯކޮށްލައިފަ އެވެ. އަދި ހަމަ އެ ދުވަހުގެ ފަތިހު ވަނީ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ބޭބޭފުޅު، މުހައްމަދު ޝާހިދުގެ ކާރުކޮޅުގައި ރޯކޮށްލައިފަ އެވެ.

އަދި މިދިޔަ ހުކުރު ދުވަހުގެ ރޭ ވަނީ ތިނާދޫ މީހެއްގެ ގޯއްޗެއްގައި އޮތް ލޯންޗެއް ވެސް ރޯކޮށްލައިފަ އެވެ.