ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އިންތިހާބުގެ ކަންތައްތަކުގައި ހަރަކާތްތެރިވި އިލެކްޝަންސްގެ އޮފިޝަލުންނަށް ބިރު ދައްކާ ކަމަށް ބުނެ ދީނީ އިލްމުވެރިންގެ ބޮލުގައި އިލްޒާމްތަކެއް އެޅުވުމަށް މަސައްކަތްތަކެއް ބަޔަކު ކުރަމުން ގެންދާ ކަމަށް ބުނެ އަދާލަތު ޕާޓީން އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފި އެވެ.

އަދާލަތު ޕާޓީން އެކަން ކުށްވެރިކޮށްފައި މިވަނީ އިންތިހާބުގައި ހަރަކާތްތެރިވި އިލެކްޝަންސްގެ އޮފިޝަލުންނަށް އިންތިހާބާ ބެހޭ އެއްވެސް ކަމެއް ސުޕްރީމް ކޯޓުގެ ހުކުމާއި ގާނޫނު އަސާސީއާ ހިލާފަށް ހިންގައިފި ނަމަ މަރާލާނެ ކަމުގެ އިންޒާރުދީ މެޖެސްތަކެއް ފޮނުވަމުން އަންނަ ކަމަށް ބުނާ ދަނޑިވަޅެއްގަ އެވެ.

އެ މައްސަލަ ބަލައިދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނުން ވަނީ ފުލުހުންގެ އިދާރާ އަށް ވެސް ހުށަހަޅައިފަ އެވެ.

އަދާލަތު ޕާޓީގެ ސްޕޯކްސްޕާސަން އަލީ ޒާހިރު ސަން އަށް ދެއްވި އިންޓަވިއެއްގައި ރޭ ވިދާޅުވީ އެކަމުގެ ފަހަތުގައި ތިބީ ރާއްޖޭގައި އުޅޭ "ދީނީ އިލްމުވެރިން"ކަމަށް ދޭހަކޮށްދިނުމަށް ބަޔަކު ކުރަމުން ގެންދާ މަސައްކަތްތައް އެ ޕާޓީން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި އެ ޕާޓީއަކީ މީހުން މަރަން ގޮވައި ހަމަނުޖެހުމަށް ގޮވާލައިފައިވާ ބައެއް ނޫން ކަމަށެވެ.

"އެ މެސެޖްތަކުގައި ޖަހާއެއްޗެއް ޖަހާފާއި ފަހަތަށް ﷲ އަކްބަރު ޖަހައިގެން މި ފޮނުވަނީ. އަޅުގަނޑުމެން ދެކޭ ގޮތުގައި އެކަމަކީ ދީނީ ކަމެއްގެ ގޮތުގައި ފްރޭމްކުރަން ބަޔަކު ރާވައިގެން ކުރާ ކަމެއް. އަދާލަތާއި ދީނީ ބޭބޭފުޅުންގެ ބޮލުގައި އިލްޒާމުތަކެއް އެޅުމަށް ބަޔަކު މަސައްކަތް ކުރަމުން ގެންދާތީ އަޅުގަނޑުމެން އެކަން ވަރަށް ބޮޑަށް ކުށްވެރިކުރަން." ޒާހިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންތިހާބުގެ ތެރޭގައި ވޯޓް ފޮށިތައް ދޮށުގައި ހަރަކާތްތެރިވި އޮފިޝަލުންނަށް ބިރުދައްކާ ކަމަށް ބުނެ އިންޒާރުތަކެއް ފޮނުވަމުންދާ އިރު އެ މެސެޖްތައް އިންތިހާބުގައި ހަރަކާތްތެރިވި ހުރިހާ އޮފިޝަލުންނަށް ފޮނުވަމުން ގެންދިއުމަކީ ވެސް ސުވާލު އުފެދޭ ކަމެއް ކަމަށެވެ. އަދި އެ މެސެޖުތައް ފޮނުވަމުން ގެންދަނީ ވަރަށް ބޮޑަށް ޕްލޭންކޮށްގެން ކަމަށް ދެކެވަޑައިގެންނަވާ ކަމަށާއި އެ މެސެޖްތައް ފޮނުވާ ބަޔަކު ހޯދައި އެބަޔަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ކަމާ ބެހޭ ފަރާތްތަކަށް ގޮވާލާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި އަހަރު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާއި ދެވަނަ ބުރުގައި ހަރަކާތްތެރިވާ އިލެކްޝަންސް ކޮމިޝަންސްގެ އޮފިޝަލުންގެ ނަމާއި ފޯނު ނަމްބަރުތައް ހިމެނޭ ލިސްޓެއް އެކުލަވާލުމަށް ފަހު ސިޔާސީ ޕާޓީތަކަށް ފޮނުވާފައިވާ ކަމަށް އިލެކްޝަނުން ވަނީ ބުނެފަ އެވެ.

ފޯނުން އެކި ފަރާތްތަކަށް ބިރުދެއްކުމާއި މަރުގެ އިންޒާރުދިނުން ފަދަ ކަންތައްތައް މިދުވަސްވަރު އިތުރުވެފައިވާ ކަމަށާއި އެފަދަ އަމަލުތައް ހިންގާ ނަމަ އެ މައްސަލައެއް ބެލުމަށް ފަހު އިތުރު އިންޒާރަކާ ނުލައި ހިދުމަތް ކަނޑާލާނެ ކަމަށް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ވަނީ ބުނެފަ އެވެ.