މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އާޖެންޓީނާގެ ކުރީގެ ގައުމީ ޓީމުގެ ކެޕްޓަން ޑިއެގޯ މަރަޑޯނާ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމަށް ފަހު މިރޭ ފުރައިފި އެވެ.

މިމަހުގެ 19 ވަނަ ދުވަހުގެ ހެނދުނު އެމިރޭޓްސް ފްލައިޓުން ރާއްޖެ އައި ކުރީގެ ފުޓްބޯޅް ކުޅުންތެރިޔާ މަރަޑޯނާ ،52، ޗުއްޓޭ ހޭދަކުރުމަށް އައީ އޭނަގެ ލޯބިވެރިޔާ ރޮކިއާ އޮލީވިއާ ،23، އާ އެކު އެވެ.

ސަން އަށް އިނގިފައި ވާގޮތުގައި މަރަޑޯނާ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައި ވަނީ އ. އަތޮޅުގެ ރިސޯޓެއްގަ އެވެ. އަދި މަރަޑޯނާ އެ ރިސޯޓުގައި ހޭދަކުރި 12 ދުވަހުގެ ޗުއްޓީ ނިންމާލާ އެބުރި ގައުމަށް ފުރުމުގެ ކުރިން އޭނަ ވަނީ މިރޭ މާލޭ ޑްރޭޑަސް ހޮޓަލުގައި ވެސް ގަޑިއެއް ހާއިރު މަޑު ކޮށްފައެވެ.

ޕަޕަރާޒީ ނޫސްވެރިންގެ އުނދަގޫ ބޮޑުވެދާ ނެތީ އޭނާ ޗުއްޓީ ހޭދަ ކުރާ ރިސޯޓުގެ ނަން ހާމަކުރުމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ ދެކޮޅު ހަދާފަ އެވެ.

މަރަޑޯނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު މިރޭ އޭނާ ފުރިއިރު، އިނގިރޭސީ މަޝްހޫރު ފުޓްބޯޅަ ތަރި ޑޭވިޑް ބެކަމް ވަނީ މިއަހަރުގެ ކުރީކޮޅު ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފަ އެވެ. އަދި ޕޯޗުގީޒްގެ ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނަލްޑޯ އާއި ޗެލްސީގެ ކުރީގެ ދެ ކުޅުންތެރިން ކަމަށްވާ ޑިޑިއަ ޑްރޮގްބާ އާއި ނިކޮލަސް އަނެލްކާ ވެސް ވަނީ މިއަހަރު ތެރޭ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފަ އެވެ. އަދި މީގެ އިތުރުން ވެސް ޔޫރަޕްގެ މަޝްހޫރު ގިނަ ކުލަބްތަކަށް ކުޅޭ ފުޓްބޯޅަ ކުތުން ތެރިން ވަނީ އެތައްފަހަރަކުވެސް ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް އައިސްފަ އެވެ.

މަރަޑޯނާ ވަނީ ބްރެޒިލްގެ ކުރީގެ ތަރި ޕެލޭއާ އެކު ފީފާއިން ހޮވި 20 ވަނަ ގަރުނުގެ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފަ އެވެ. އަދި އޭނޭ ވަނީ ކުޅުން ހުއްޓާލުމަށް ފަހު އާޖެންޓީނާގެ ގައުމީ ޓީމުގެ ކޯޗުކަން ވެސް ކޮށްފަ އެވެ.

މަރަޑޯނާގެ ފުޓްބޯޅަ ކެރިއަރު ނިންމާލަން ޖެހުނީ އޭނާ އިޓަލީގައި ކުޅެން އުޅުނު ދުވަސްވަރު، މަސްތުވާ ތަކެތީގެ ބާވަތެއް ކަމުގައިވާ ކޮކޭންއަށް ޕޮސިޓިވް ވުމުގެ ސަބަބުންނެވެ. އެގޮތުމް 1991 ވަނަ އަހަރު މަރަޑޯނާ ވަނީ، 15 މަސް ދުވަހަށް ސަސްޕެންޑް ކޮށްފަ އެވެ. އަދި އޭގެ ފަހުން 1994 ވަނަ އަހަރު އެމެރިކާގައި އޮތް ވޯލްޑް ކަޕުގައި މަސްތުވާތަކެތި ބޭނުން ކޮށްގެން އޭނާ ވަނީ އަނބުރައި ގައުމަށް ފޮނުވާލާފަ އެވެ.

މަރަޑޯނާ ވަނީ އާޖެންޓީނާގެ ގައުމީ ޓީމަށް 91 މެޗު ކުޅެ 31 ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފަ އެވެ. އަދި ކްލަބް ލެވެލްގައި އޭނާ ކުޅެފައިވާ ކްލަބްތަކުގެ ތެރޭގައި އާޖެންޓީނާގެ އާޖެންޓީނޯ ޖޫނިއާސް، ނެވެލްސް އޯލްޑް ބޯއީސް، ބޮކަ ޖޫނިއާސް، ސްޕެއިންގެ ބާސެލޯނާ، ސެވިއްޔާ، އިޓަލީގެ ނަޕޯލީ ހިމެނެ އެވެ.

އާޖެންޓީނާގެ ފުޓްބޯޅަ ފޭނުންގެ މެދުގައި ބަތޮލެއްގެ ނަންދެވި އަދި ވަރަށް ބޮޑަށް ގަދަރު ލިބުނު މަރަޑޯނާގެ ހަޔާތުގައި ދިމާވި ތަފާތު ހާދިސާތަކަށްފަހު އޭނާގެ ވާހަކަ ދުނިޔޭގެ މީޑިއާ ތަކުގައި ތަފާތު ގޮތްގޮތަށް ވަނީ ދެކެވިފަ އެވެ.