29 Sep 2013, 22:04
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެމްޑީޕީ އަށް ނިސްބަތްވާ ބައެއް މެންބަރުން ކޯޓުގެ ހުރުމަތް ކެނޑޭގޮތަށް ވާހަކަ ދައްކައި ގާޒީންނާއި ފުލުހުންގެ އާއިލާތަކަށް ބިރުދެއްކުމަށް ގޮވާލި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އާއި ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީ އާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ގާޒީންނާއި ފުލުހުންގެ އާއިލާތަކަށް ބިރުދެއްކުމަށް ގޮވާލި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.
އެ މައްސަލައިގެ އިތުރުން މިދިޔަ ހުކުރު ދުވަހު ސަލްސާ ރޯޔަލް ކައިރީ އެމްޑީޕީން ކުރި މުޒާހަރާގައި އެ ޕާޓީގެ ޗެއަޕާސަން އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ފުލުހުންގެ އަނބިން ކައިރިއަށް ވަނުމަށް ގޮވާލައި ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ބިރުދެއްކުމަށް ގޮވާލި މައްސަލަ ވެސް ތަހުގީގު ކުރަމުން އަންނަ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
މީޑިއާ އޮފިޝަލް ވިދާޅުވީ ތަހުގީގު ކުރަމުންދާ މައްސަލަތަކާ ގުޅިގެން ފުލުސް އޮފީހަށް ހާޒިރުކުރަން ޖެހޭ ކޮންމެ މީހަކު ހާޒިރުކުރުމުގައި ފުލުހުން ފަސްނުޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ ފުލުހުންގެ ގާނޫނީ ވާޖިބު އަދާކުރުމުގައި ފަސްނުޖެހި ދިވެހި ގައުމަށާއި ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ދެމިތިބޭނެ ކަމަށެވެ.