29 Sep 2013, 21:38
ރައީސް މުހަންމަދު ނަޝީދުގެ ވެރިކަން ބަދަލުވުމާ ގުޅިގެން 8 ފެބުރުއަރީގައި އެމްޑީޕީ އިން ކުރި ބޮޑު މުޒާހަރާ ރޫޅާލުމުގައި އެ ޕާޓީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކަށް ފުލުހުންގެ މީޑިއާ އޮފިޝަލް މުހައްމަދު އަތީފު އަނިޔާކުރިކަން ސާބިތުކުރެވޭ ވަރަށް ހެކި ނެތުމުން އެ މައްސަލަ ޕީޖީ އަށް ނުފޮނުވާނެ ކަމަށް ޕޮލިސް އިންޓަގްރިޓީ ކޮމިޝަން (ޕީއައިސީ) އިން ނިންމައިފި އެވެ.
ޕީއައިސީ އިން މިއަދު އަތީފަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ އޭނާ ރީކޯ މޫސަ އަށް އަނިޔާކުރިކަމަށް އެކަކު ހެކިބަސް ދީފައިވީ ނަމަވެސް ސާބިތުވާ ވަރަށް ހެކި ލިބިފައިނުވާތީ އެ މައްސަލަ ޕީޖީއަށް ނުފޮނުވާނެ ކަމަށެވެ.
އެމައްސަލައާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް އަތީފް މިއަދު ވިދާޅުވީ އޭނާ އެ ދުވަހު މަސައްކަތް ކުރީ ރީކޯ މޫސަ އަށް ހިމާޔަތް ދިނުމަށް ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް މީހަކަށް އަނިޔާވެރިނުވެ ފުލުހެއްގެ ވާޖިބު އަދާކުރާނެ ކަމަށް އަތީފް ވިދާޅުވި އެވެ.
ފެބުރުއަރީ އަށެއްގެ ހަމަނުޖެހުމުގައި ގިނަ އަދަދެއްގެ އާނުމަށާއި ފުލުހުންނަށް ވެސް ވަނީ އެކި ވަރުގެ އަނިޔާތައް ލިބިފަ އެވެ. އަދި އަނިޔާވެރިވި ކަމަށް ބެލެވޭ ފުލުހުންގެ މައްސަލަތައް ޕީއައިސީ އިން ދަނީ ބަލަމުންނެވެ.