29 Sep 2013, 21:24
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އާއި އެ މަޖިލީހުގެ އިއްޒަތްތެރި ބައެއް މެންބަރުންނާއި އިލެކްޝަން ކޮމިޝަންގެ ރައީސް ފުވާދު ތައުފީގުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން ތައްޔާރުވަމުންދާ ކަމަށް ޕީޕީއެމްގެ ގާނޫނީ ވަކީލު އިބްރާހީމް ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް އާއި އެމްޑީއޭ ގުޅިފައިވާ ކޯލިޝަނުން މިއަދު ނަސަންދުރަ ޕެލަސް ހޮޓެލްގައި ބޭއްވި ނޫސް ކޮންފަރެންސްގައި ވައްޑެ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން އެބޭފުޅުންގެ ވާޖިބުތައް އަދާކުރުމުގައި ގާނޫނާ ހިލާފުވެފައިވާ ކަމަށް ބެލެވޭ ހާލު އެބޭފުޅުންގެ ގޮނޑި ގެއްލިފައިވާ ކަމާ މެދު ހިލާފުތަކެއް އުފެދިފައި ވާތީ އެކަން ސާފު ކޮށްދެއްވުމަށް އެދި ދިވެހި ރާޖޭގެ ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހެޅުމަށް ނިންމަވާފައިވާ ކަމަށެވެ.
"ދިވެހިރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެންބަރުން، އެ މެންބަރުންގެ ގާނޫނީ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކުން އެކަހެރިވެ ވަޑައިގެން ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފަށް އަމަލު ކުރައްވަމުން ގެންދަވާތީ، އެގޮތަށް އަމަލު ކުރެއްވި ބޭފުޅުންނާ މެދު އެ ބޭފުޅުންގެ ގޮނޑި ހުސްވެއްޖެ ކަމާ މެދުގައި ޚިލާފުތަކެއް އުފެދޭ ހާލަތުގައި ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓަށް ގޮސް، ސުޕްރީމް ކޯޓުން އެ މައްސަލަ ވަކިގޮތަކަށް ނިންމުމަށް ޓަކައި، އަޅުގަނޑު މައްސަލަތައް ހުށަހައިޅައިގެން ކުރިއަށް ގެންދާނޭ ވާހަކަ އިއުލާނުކުރަން،" ވައްޑެ ވިދާޅުވި އެވެ.
ވައްޑެ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ކަމުގައި ވިޔަސް އަދި އެއްވެސް ކޮމިޝަނެއްގެ މެންބަރެއް ކަމުގައިވީ ނަމަވެސް ދިވެހި ރާޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކުގެ ތަރަހައިން ބޭރުން އެއްވެސް ބާވަތެއްގެ އަމަލެއްކޮށް އެ އަމަލުގައި ދެމި ހުރުމަށްޓަކައި، އަދި ދެމި ހުރެ ގާނޫނާ ހިލާފު އަމަލުތައް ހިންގުމަށް ޕީޕީއެމްގެ ފަރާތުން އެއްވެސް ވަރަކަށް ޖާގަ ނުދެއްވާނެ ކަމަށެވެ.
"އެފަދަ ޖާގައަކީ އެއްވެސް މިންވަރަކަށް އެ މެންބަރުންނަށް ކަށަވަރު ވެފައި އޮތް ޖާގައެއް ނޫން. އެއީ ރައްޔިތުންގެ ހައްގުގައި ރައްޔިތުންގެ މަސްލަހަތަށް ޓަކައި ކަންކަން ކުރަން ޖެހޭ ބަޔަކަށް ވާހިނދު، އެ މަސްލަހަތާ ފުށުއަރާ ގޮތަށް، ދިވެހި ރާއްހޭގެ ގާނޫނު އަސާސީއާ ހިލާފަށް އެއްވެސް ފަރާތަކުން އެއްވެސް ކަމެއް ކުރުމުން ގެންދާ ނަމަ، އަދުލު އިންސާފުގެ ދާއިރާ އިން ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން އެއަށް އަމަލު ކުރުމަށް އަޅުގަނޑުމެން ކޯޓަށް ދާނޭ ވާހަކަ ދަންނަވާލަން،" ޕީޕީއެމްގެ ގާނޫނީ ވަކީލު ވިދާޅުވި އެވެ.
މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުސްތަފާގެ ގޮނޑީގެ މައްސަލައިގައި ވެސް ކޯޓުގައި ވަކާލާތުކޮށް އެ މައްސަލަ ކާމިޔާބު ކުރެއްވި ވަކީލު ވިދާޅުވީ، ދިވެހި ރާޖޭގައި އަދުލު އިންސާފު ގާއިމު ކުރުމުގެ އެންމެ މަތީ ބާރަކީ ސުޕްރީމް ކޯޓުކަމަށް ވެފައި އަދި އަދުލު އިންސާފު ގާއިމު ކުރާ ފަރާތްތަކަކީ ކޯޓުތައް ކަމަށްވީ ހިނދު، ކޯޓުތަކުގެ އަމުރުތައް ނަގަހައްޓައި ހިފެހެއްޓުމަކީ މަޖިލީހުގެ މެންބަރުންގެ ވެސް ވަރަށް ބޮޑު ޒިންމާއެއް ކަމަށެވެ.
"ނަމަވެސް އެބޭފުޅުން މިއަދު ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން ނެރެފައިވާ އެކިއެކި އަމުރުތަކާ ހިލާފުވެ، ކޯޓުގެ ހުރުމަތް ކަނޑާލައި ކޯޓުގެ އެކިއެކި ފަނޑިޔާރުންގެ ނަތައް ވަކިވަކިން ވިދާޅުވެ ކޮންމެ ބޭފުޅަކާ ދޭތެރޭގައި ޒާތީ ހަސަދަވެރިކަމާއެކީގައި ޒާތީ ތައައްސުބުން އެއްކިބާ ނުވެ ތިއްބަވައި، ތައްސުބުން ފުރިގެންވާ ހާލުގައި ތިއްބަވައިގެން އެކިއެކި ފަނޑުޔާރުންނާ ބެހޭ ގޮތުން ތަފާތު އެކިއެކި ވާހަކަތައް ދައްކަވަމުން ގެންދަވަނީ، އެބޭފުޅުންގެ އަބުރާއި އިއްޒަތާ ކަރާމާތަށް އުނިކަން ލިބޭނޭ ގޮތަކަށް،" ވައްޑެ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ގާނޫނު އަސާސީގެ 113 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް ކަންތައްތައް ކުރުމަށް ނިންމައި އެ ނިންމުންތަކަކީ އެންމެ ފަހުގެ ނިންމުންތަކަށް ދެކިގެން އެމްޑިޕީ އަށް ނިސްބަތްވާ މަޖިލީހުގެ ބައެއް މެންބަރުންނާއި އިލެކްޝަން ކޮމިޝަންގެ ރައީސް ވެސް ގެންދަވަނީ ވާހަކަފުޅު ދައްކަވަމުން ކަމަށެވެ.
"އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ބައެއް މެންބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި އޭގެ އިތުރުން އެބީދައިން ވާހަކަފުޅު ދައްކަވަމުން ގެންދަވާ އިތުރު ބޭފުޅުން ވެސް މީގެތެރޭގައި ހިމެނޭ ގޮތަށް އަޅުގަނޑުމެން މައްސަލަ ވައްދަމުން ގެންދާނީ،" ލޯޔަރު ވަހީދު ވިދާޅުވި އެވެ. "އެއީ އިލެކްޝަން ކޮމިޝަންގެ ރައީސް ކަމުގައިވީ ނަމަވެސް، އަދި ނާއިބު ރައީސް ކަމުގައިވީ ނަމަވެސް އަދި އެނޫން މުއައްސަސާއެއް ކަމުގައިވީ ނަމަވެސް، ޖަމިއްޔާއެއް ކަމުގައިވީ ނަމަވެސް، ޖަމާއަތެއް ކަމުގައިވީ ނަމަވެސް ގާނޫނީ ގޮތުން އެކަން އޮތް ގޮތަކީ ކޮބައިތޯ ބެލުމަށްޓަކައި އަޅުގަނޑުމެން ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓަށް ގޮސް އެކަންތަކާ މެދު ގޮތެއް ނިންމުމަށް އަޅުގަނޑުމެން ކުރިއަށް ގެންދާ ވާހަކަ ދިވެހި ރާއްޖޭގެ ރައްޔިތުންނަށް ދަންނަވަން."
މިމަހުގެ ހަތްވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން އެއްވެސް ކެންޑިޑޭޓަކަށް އިންތިހާބު ކާމިޔާބުކުރުމަށް ބޭނުންވާ 50 އިންސައްތައަށް ވުރެ ގިނަ ވޯޓު ލިބިފައި ނުވާ އިރު، ވައްޑެ ވިދާޅުވީ ގާނޫނު އަސާސީގެ 110 ވަނަ މާއްދާގައި ރައީސަކު ހޮވުމަށް ކަނޑައަޅާފައިވާ މުއްދަތާއި 111 ވަނަ މާއްދާގައި ބާޔާންކޮށްފައިވާ ހާލަތުގައި އިންތިހާބުގައި މައްސަލަތަކެއް މެދުވެރި ވެއްޖެ ނަމަ ދެން ކަންތައް ކުރަންވީގޮތް 113 ވަނަ މާއްދާގައި ވަރަށް ސާފުކޮށް ކަނޑައަޅާފައިވާ އިރު އެކަން، ގާނޫނު ހަދާ މަޖިލީހުގައި ތިއްބެވި ބައެއް މެންބަރުންނަށް ނޭނގުމަކީ ނުވަތަ އޮޅުވާލުމަކީ ވަރަށް ބޮޑަށް ހައިރާންވާން ޖެހޭ ކަމެއް ކަމަށެވެ.
ގާނޫނު އަސާސީގެ 113 ވަނަ މާއްދާގައި ލިޔެފައިވަނީ، "ރައީސުލްޖުމްހޫރިއްޔާގެ މަގާމާމަށް ކުރިމަތިލާ މީހެއްގައި ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނާއިބަކަށް ހުންނާނޭ ކަމަށް އިއުލާނުކުރެވޭ މީހެއްގައި ހުންނާން ޖެހޭ ޝަރުތުތައް ފުރިހަމަވާ ކަމާ މެދު، ނުވަތަ ރައީސުލްޖުމްހޫރިއްޔާ އަކު އިންތިހާބު ކުރުމުގައި ދިމާވާ ކަމަކާ މެދު، ނުވަތަ ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަގާމުން ދުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމާ ނިންމުމަކާ މެދު އެއްވެސް ޚިލާފެއް އުފެދިއްޖެ ނަމަ، އެކަމެއް ވަކިގޮތަކަށް ނިންމުމުގެ ބާރު ލިބިގެން ވަނީ ހަމަ އެކަނި ސުޕްރީމް ކޯޓަށެވެ. މިފަދަ ނިންމުމެއް ސުޕްރީމް ކޯޓުން ނިންމަވަން ވާނީ އެކޯޓުގައި ހިމެނޭ ހުރިހައި ފަނޑިޔާރުން ތިބެގެންނެވެ. އަދި އެގޮތުން އެ ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުމެވެ." މިހެންނެވެ.
ޕީޕީއެމްއާއި އެމްޑީއޭ އަދި އެ ދެ ޕާޓީއާ ގުޅިފައިވާ ކޯލިޝަނުން މިއަދު ވަނީ، ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދުގެ މައްޗަށާއި އަދި ވެސް ކޯޓަށް ހުށަހެޅިފައިވާ އެފަދަ އެކިއެކި މައްސަލަތައް ނުނިމި ލަސްވަމުން ދާތީ އެ މައްސަލަތައް އަވަސްކޮށްދިނުމަށް ގޮވާލައި ސިލްސިލާ މުޒާހަރާތަކެއް ކުރުމަށް ތައްޔާރުވަމުންދާ ކަމަށް ބުނެފަ އެވެ.