މާދަމާ ވާނެ ގޮތެއް ވަނީ ނޭނގުމުގެ ތެރޭގަ އެވެ. އެކަމަކު މާދަމާއަކީ މިއަދުގެ ބަނޑުން ވިހާނެ ދަރިއެކެވެ. މިއަދުގެ ހަލާތަކީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ނެތް މުހިންމު ހަތް ވަޒީރަކު ދިވެހި ދައުލަތުގެ ސަރުކާރުގެ ހަތް ވުޒާރާއެއްގައި ތިއްބެވުމެވެ. ސުވާލަކީ މާދަމާ ދިވެހި ދައުލަތުގެ ބޯ މައްޗަށް ނޫފުލޭވަރުގެ ބަރެއް ވެއްޓިޖެ ނަމަ ޒިންމާ އުފުލާނީ ކާކު ހެއްޔެ އެވެ؟


މިސާލަކަށް ސަލާމަތީ ބާރުތައް އޮތީ ރުހުންނެތް ދެ ވަޒީރެއްގެ ބެލެނިވެރިކަމުގެ ދަށުގަ އެވެ. ބަޑި ގުދަނުގެ ތަޅުދަނޑި އޮތީ ރުހުންނެއް ވަޒީރެއްގެ އަތްޕުޅުގަ އެވެ. މާލިއްޔާ ވަނީ ރުހުންނެތް ވަޒީރެއްގެ ހަވާލުގަ އެވެ.


މީގެ މާނައަކީ މާދަމާ, މައިދާނަށް ނުކުމެ ބަޑި ތަޅައި ގަތުމެއް، އަދި މާދަމާ ދައުލަތުގެ މާލިއްޔާގެ "ފޫކަހައިލުމެއް" ނޫނެވެ. އެކަމަކު "ރުހުމުގެ ލޮލަށް އައިބު" ނުފެނިފައި ތިއްބާ، އަދި މާދަމާ ވާނެ ގޮތް އެކަކަށް ވެސް ނޭނގޭއިރު މިއީ ވުމުގެ ފުރުސަތު ނެތް ހާލަތެކޭ ނުބުނެވޭނެ އެވެ.


ވަޒީރުން އައްޔަން ކުރުމުގެ މަރުހަލާ ގާނޫނީ ގޮތުން ފުރިހަމަ ވަނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެނެވެ. އެހެން ކަމަށްވާއިރު ރުހުންނެތް ވަޒީރުންތަކެއް ވުޒާރަތަކާ ހަވާލުވެގެން ތިބުމާ މެދު ސުވާލުކުރުމުގެ ޖާގަ 'ޑިފޯލްޓު"ން އުފައްދައިދެ އެވެ. މުޅި މައްސަލައަށް ތަފާތު ގާނޫނީ ރައުޔު އައުމަކީ މުޅިން އެހެން ކަމެކެވެ.


ކުރީގެ ބަންޑާރަ ނައިބު އަދި މަޝްހޫރު ގާނޫނީ ވަކީލު ޑރ. މުހައްމަދު މުނައްވަރު ވިދާޅުވާ ގޮތުގައި ވަޒީރުން އައްޔަން ކުރެވުނު ކަމަށް ގާނޫނީ ގޮތުން ބެލެވޭނީ "ރައްޔިތުން މަޖުލީހުގެ ރުހުން" ލިބިގެނެވެ. އެނޫން ގޮތަކަށް ވަޒީރުން، ވަޒީރުން މަގާމުގައި ތިއްބެވުމުގެ ގާނޫނީ އެއްވެސް ހައިސިއްޔަތެއް ނޯނެ އެވެ.


"އެއީ ދެ މާނައެއް ނެގޭ ގޮތަށް އޮތް ކަމެއް ނޫން. ގާނޫނު އަސާސީގެ މަފްހޫމަށް ބަލާއިރު ރިޔާސީ ނިޒާމެއްގައި އެކަން އޮންނަ ގޮތަކީ ވަޒީރުން އެ މަގާމުތަކުގައި ދެމިތިއްބެވޭނީ އަދި މަސްއޫލިއްޔަތު އަދާކުރަން ފެއްޓެވޭނީ މަޖުލީހުގެ ރުހުން އޮވެގެނޭ. ރުހުން ނެތުން ކަމަށް ވާނީ ފުރަތަމަ އައްޔަން ކުރެވޭ އިރުގައި މަޖުލީހުން ރުހުން ނެތުން. އަނެއް ގޮތަކީ އެ މަގާމުތަކުގައި ދެމި ތިއްބެވޭނީ ރުހުން ލިބިގެންނޭ،" މުނައްވަރު ވިދާޅުވި އެވެ.


މި މައްސަލާގައި ސަރުކާރުގެ ވިސްނުން ހިންގަނީ އެހެން މަގަކަށެވެ. އެއީ ރައީސަށް ގާނޫނު އަސާސީން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން މަގާމަށް އައްޔަންކުރައްވާ ވަޒީރަކު، އެ މަގާމުން މަޖިލީހަށް ވަކިކުރެއްވޭނީ، މަޖިލީހުގެ 39 މެންބަރުން ވޯޓުދީ އެ ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ފާސްކޮށްގެން ކަމަށް ގެންގުޅޭ ވިސްނުމެވެ.


އިތުބާރު އޮތްތޯ ބަލަން ނުވަތަ ނެތްތޯ ބަލަން ކަމަށް މާނަ ކުރިޔަސް އެބާވަތުގެ ވޯޓެއް ރައްޔިތުންގެ މަޖިލީހުގައި އެންމެ ފަހުން ނަގާފައި ވަނީ މީގެ އެއް އަހަރު ކުރިން ނޮވެމްބަރު 10، 2009 ގައެވެ. އެހެން ކަމުން މަޖިލީހުގައި މިދިޔަ ހޯމަ ދުވަހު ނެގި ވޯޓުގެ "މެތަމެޓިކަލް" ނަތީޖާ، އެހެން ކަމަކާ ގުޅުވައިގެން އެއީ އިތުބާރު ނެތް ކަމުގެ ވޯޓެއް ކަމަށް މާނަ ކުރާނެ ޖާގައެއް ނެތެވެ.


މިދިއަ ހޯމަ ދުވަހު ނެގި ވޯޓުގައި ރުހުން ނުލިބުނީ ހޯމް މިނިސްޓަރު މުހައްމަދު ޝިހާބާއި ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތަފާ ލުތުފީ އާއި ފިޝަރީޒް މިނިސްޓަރު ޑރ. އިބްރާހިމް ދީދީ އާއި ޑިފެންސް މިނިސްޓަރު އަމީން ފައިސަލާއި ފިނޭންސް މިނިސްޓަރު އަލީ ހާޝިމާއި ބަންޑާރަ ނާއިބު ޑރ. އަހުމަދު އަލީ ސަވާދަށެވެ. މި ބޭފުޅުންނާ މެދު ސަރުކާރުން ރުހުމުގެ ލޮލުން ބެލި ނަމަވެސް އެއީ އިތުބާރު ނެތް ކަމުގެ ވޯޓަކުން އެ ހަތް ބޭފުޅުން ސަލާމަތްވެ ވަޑައިގަތީ ކަމަށް ބެލެވޭނެ ގާނޫނީ ރުކުން ފުރިހަމަވޭތޯ ސުވާލު އުފެއްދިދާނެ އެވެ.


ކުރީގެ ލީގަލް ރިފޯމް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އޭނާގެ ބްލޮގްގައި މި މައްސަލައަށް ގާނޫނީ ގޮތުން ރައުޔެއް ދެއްވާފައި އެބައޮތެވެ.


"... އެ ވޯޓުން ރުހުން އޮތްކަމަށް ކަނޑަނޭޅިއްޖެ ނަމަ، އެ ވަޒީރަކު ޢައްޔަން ކުރިކުރުން ނިމުމަކަށް އަންނާނެ އެވެ. ޢައްޔަނު ކުރުމުގެ މަރުހަލާ ފުރިހަމަ ނުވާތީ އެވެ،" ނަޝީދުގެ ބްލޮގްގައިވެ އެވެ.


އެންމެންގެ ވެސް ޝައްކަކީ ރުހުން ނެތް ވަޒީރަކަށް މަގާމުގައި ދެމި ހުރެވިދާނެތޯ އުފެދޭ ޝައްކެވެ. ހަތް ވަޒީރަކަށް މަޖިލީހުން ރުހުން ނުދީ ފޮނުވައިލިތާ އެއް ދުވަސް ފަހުން ސިވިލް ކޯޓުން ވަނީ މި މައްސަލައާ ވަރަށް މުނާސަބު ރޫލިއެން އެއް ނެރުއްވާފަ އެވެ. މިއަކީ ޕާޓީއެއްގެ ލީޑަރަކު ނުވަތަ ގާނޫނީ ވަކީލެއްގެ ހިޔާލެއް ނޫނެވެ. ސިވިލް ކޯޓްގެ ނިންމެވުމެކެވެ. އެ ކޯޓުން ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުން ބަންޑާރަ ނައިބަށް (ރައީސް ނަޝީދު ބަންޑާރަ ނައިބު ކަމަށް އައްޔަން ކުރައްވާފައިވާ ޑރ. އަހުމަދު އަލީ ސަވާދަށް) ރުހުން ދީފައި ނުވާތީ ދައުލަތުން ދައުވާކުރާ އަދި ދައުލަތަށް ރައްދުވާ ދައުވާތަކުގެ މައްސަލަތައް ސިވިލް ކޯޓުގައި ކުރިއަށް ގެންދިޔުން ހުއްޓައިލީ ކަމަށެވެ.


ބަންޑާރަ ނައިބަކީ ކެބިނެޓްގެ މެންބަރެކެވެ. ސިވިލް ކޯޓްގެ ރޫލިން އައިސް ފައި ވަނީ ދައުލަތުގެ ފަރާތުން ދަޢުވާކުރާ އަދި ދައުލަތަށް ދަޢުވާލިބޭ މައްސަލަތައް ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމުމަށް އެ ކޯޓުގެ ގާޒީން ޢާއްމު މަޖިލީހުގެ ކުއްލި ޖަލްސާއެއް ބާއްވައިގެނެވެ. މިނިންމެވުން އައިއިރު މަތީ މަރުހަލާގެ ކޯޓުތައް ކަމަށްވާ ހައި ކޯޓާއި ސުޕްރީމް ކޯޓު އެބައޮތެވެ. ސިވިލް ކޯޓްގެ އެ ނިންމެވުމަށް ބަދަލުކޮށްފައެއް ނުވެ އެވެ. ކޯޓްތަކުގެ ގާނޫނުގެ ދަށުން އުފެދިފައިވާ ޖުޑީޝަލް ކައުންސިލެއް އެބައޮތެވެ. އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.


އެހެން ކަމުން ބަންޑާރަ ނައިބަކީ ގާނޫނު އަސާސީ ބުނާ ކެބިނެޓް ގޮނޑިއަކަށް ވާއިރު ސިވިލް ކޯޓުގެ ފަނޑިޔާރުންގެ އާންމު މަޖިލީހުންގެ އެ ނިންމެވުން މަޖިލީހުގައި ރުހުން ނުލިބުނު އަނެއް ހަ ވަޒީރުންގެ މައްޗަށް ނުހިނގާނެ ހެއްޔެވެ؟


ބައެއް ގާނޫނީ ވަކީލުން ވިދާޅުވާ ގޮތުގައި ސުޕްރީމް ކޯޓްގެ ކޮންސަލްޓޭޓިވް އޮޕީނިއަންނެއް (އިސްތިޝާރީ ލަފައެއް) މި މައްސަލައިގައި އައުން މިހާރު ވެސް ލަސް ވެއްޖެ އެވެ. އެ ލަސްވާ ލަސްވުމަކީ ރާއްޖޭގެ ދުސްތޫރީ ނިޒާމަށް ބޮޑުވެގެންވާ "ސުނާމީ"އެއް އަތުވެދާނެ ކަމެއްގެ ގޮތުގައި ވެސް އެ ބޭފުޅުން ސިފަ ކުރައްވަ އެވެ. ރުހުން ނެތް ވަޒީރުންތަކެއް ތިއްބައި ދިވެހި ދައުލަތާއި، މުޅި އެޑްމިނިސްޓްރޭޝަނަށް ކެތް ނުކުރެވޭ ވަރުގެ ގެއްލުމެއް، ނުވަތަ ނުރައްކަލެއް ވެއްޖެ ނަމަ ޒިންމާ ނަގާނެ ފަރާތަކާމެދު ގާނޫނީ ގޮތުން ސުވާލު އުފެދޭތީ އެވެ.


"ހަމަ ހަގީގަތުގައި ވެސް މިމައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ނުކިޔާ ލަސްވާނަމަ ގާނޫނީ ނިޒާމަށް ބޮޑު ލޮޅުމެއް އަރާނެ. މިސާލަކަށް ބެޖެޓްގެ މައްސަލައަކީ އޭގެ އެއް މައްސަލަ ބަޖެޓް ހުށަހަޅަން ޖެހެނީ ފައިނޭންސް މިނިސްޓަރު، ރުހުން ލިބިފައިވާ ފައިނޭންސް މިނިސްޓަރަކު މިވަގުތަކު ނެތް،  މި ކޯޅުމާ ހުރެ ބަޖެޓެއް މަޖިލީހާ ހަމަށް ނާންނަ ނަމަ އޭގެ ފަހަތަށް ދެން އަންނާނެ ކަންތައްތައް އެއީ މައްސަލަ މައްޗަށް މައްސަލަ އުފެދޭނެ ކަންކަން،" އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވި އެވެ.


ވަޒީރުންގެ ރުހުމުގެ މައްސަލައިގައި ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ކޯޅުމަށްޓަކައި މުޅި ދުސްތޫރީ ނިޒާމުގެ ބަދަހި ވަތްތައް ރޫޅައިލުމަކީ ކުޑަކުޑަ މައްސަލައެއް ނޫނެވެ. ސުޕްރީމް ކޯޓުން މި މައްސަލައަށް ގޮތެއް ހޯދައިދޭން ޖެހޭ ސަބަބަކީ އެއީ އެވެ.


"ސުޕްރީމް ކޯޓުން މި މައްސަލަ ނިންމައި ދިނުމަކީ މި ވަގުތު ކޮންމެހެން މުހިންމު ކަމެއް. އެއާއެކު މި މައްސަލަ ސުޕްރީމް ކޯޓުގައި ނިންމުމަކީ ގާނޫނު އަސާސީ ތަރުޖަމާ ކުރުމާއި މާނަކުރުމުގައި މިހާރު މި ދިމާވަމުންދާ މައްސަލަ ހައްލު ކުރުމަށްޓަކައި އެޅިގެންދާނެ ވަރަށް މުހިންމު ބިންގަލެއް ކަމަށް އަޅުގަނޑު ދެކެން،" އާޒިމާ ވިދާޅުވި އެވެ.


ރުހުން ނެތް ވަޒީރުން މަގާމުގައި ދެމިތިބެއްވުމުގެ މައްސަލައިގައި ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ކިތަންމެ ވަރަކަށް އަތް އުކިއަސް މުޅި މައްސަލަ އެ ދެފާރުގެ ބާރުން މިހާރު ވަނީ ވީއްލިފަ އެވެ.  މިހާރު ބޯޅަ އޮތީ ސުޕްރީމް ކޯޓްގަ އެވެ. މައްސަލަ ވަނީ އެ ކޯޓަށް ވަދެފައެވެ. އެކަމަކު އަދި އެހެން މަރުހަލާއެއް އެބަ އޮތެވެ. އެއީ ތަދުއްހުލު ވުމެވެ. މި މައްސަލައިގައި ކޯޅެމުންދާ އެންމެން މީގެ ތެރެއަށް ތަދުއްހުލުވާން ފަށައިފި ނަމަ ދުސްތޫރީ ނިޒާމު އިތުރަށް ފުނޑައިލަން ޖާގަ ދެވޭ ކަމަކަށް ވާނެ އެވެ.