29 Sep 2013, 17:49
ކެއާ ސޮސައިޓީގެ ފަރާތުން ނުކުޅެދޭ ކުދިންނަށް ތައުލީމު ދެމުން އަންނަ ކެއާ ޑިވެލޮޕްމަންޓް ސެންޓަރު (ސީޑީސީ) އަށް ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ލިބެންދެން އެތަނުގެ ކުލި ސަރުކާރުން ދެއްވާނެ ކަމަށް ޖެންޑާ މިނިސްޓަރު ޑރ. އާމާލު އަލީ ވިދާޅުވެއްޖެ އެވެ.
ޖެންޑާ މިނިސްޓަރީގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އާމާލު ވިދާޅުވީ ސީޑީސީ އަށް ދިމާވެފައިވާ ދަތިތަކުން މި އަހަރަށް ފަހު އެތަނުގެ ކިޔެވުން ހުއްޓާލަން ޖެހިދާނެ ކަމަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެފަދަ މުހިއްމު ތައުލީމެއް ގެއްލުމުގެ ސަބަބުން ގިނަ ބަޔަކަށް ނިކަމެތިކަން ލިބިދާނެތީ، ތަނެއް ހަދައި ހަވާލުކުރެވެންދެން ކެއާ ސޮސައިޓީން ހިދުމަތް ދެމުން އަންނަ އިމާރާތުގެ ކުލި ސަރުކާރުން ދައްކަވައި ދެއްވުމަށް ކެބިނެޓުން ނިންމަވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އާމާލު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކުރިން ވެސް، ހާއްސަކޮށް 10 ބުރީގެ އިމާރާތެއް އެޅުމަށް ކެބިނެޓުން ނިންމާފައިވާ ކަމަށެވެ. އެގޮތުން ކެއާ ސޮސައިޓީ އަށް ކުރީގެ ސަރުކާރުން ދެއްވި ފަސް އަހަރަށް އަދި މިހާރުގެ ސަރުކާރުން 35 އަހަރަށް އިތުރުކޮށް ދެއްވި ބިމުގައި އެ އިމާރާތް އެޅުމުން އެތަނުގެ ހަތަރު ބުރި އެއްވެސް ކުއްޔަކާއި ނުލާ ސީޑީސީ އަށް ދިނުމަށް ވިސްނަވަމުން ގެންދަވާ ކަމަށެވެ. އަދި އެކަން ކުރުމަށް އަންނަ އަހަރު ސަރުކާރުގެ ބަޖެޓުގައި ހިމަނާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ބައްދަލުވުމުގައި ޖެންޑާ މިނިސްޓަރީގެ ޑެޕިއުޓީ މިނިސްޓަރު ޝިދާތާ ޝަރީފު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެގައި ބޯހިޔާވަހިކަން ނެތި އެންމެ ދަތިހާލުގައި ދިރިއުޅެމުން އަންނަ ފަރާތްތަކަށް އަނެއްކާ ވެސް މި އަންނަ އަހަރުން ފެށިގެން ސަރުކާރުގެ ފަރާތުން 15 ފްލެޓެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްގެން 2011 ވަނަ އަހަރު ވަނީ ހާއްސަ ފްލެޓްތަކެއް ސަރުކާރުގެ ފަރާތުން ދީފަ އެވެ.
ނުކުޅެދުންތެރިކަން ހުންނަ 41 ކުދިންނަށް ހާއްސަ ތައުލީމެއް ދެމުން އަންނަ ކެއާ ސޮސައިޓީ މިހާރު ހިންގަމުން އަންނަނީ 12 އަހަރު ދުވަހުގެ މުއްދަތަށް ކޮންޓްރެކްޓެއްގެ ދަށުން ލިބުނު ބިމެއްގައި ގާތްގަނޑަކަށް 48000ރ. ގެ ކުއްޔަކަށެވެ.