29 Sep 2013, 17:42
ރިޔާސީ އިންތިޚާބު ގެ ދެވަނަ ބުރު ލަސްވަމުން އަންނާތީ އެއިންތިހާބުން އެއް ވަނަ ހޯދި އެމްޑީޕީ އިން ދެން މަސައްކަތް ކުރިއަށްގެންދާނެ ގޮތްތައް ކަނޑައަޅައި ގަރާރެއް ފާސްކޮށްފި އެވެ.
އެމްޑިޕީ އިން މިއަދު ދަރުބާރުގޭގައި ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލިހުން ނިންމާފައި ވަނީ ކުރިއަށް އޮތް ތަނުގައި ބޮޑު މުޒާހަރާއެއް ކުރުމަށާއި މިހާރު ވެސް ކުރަމުންދާ އިހްތިޖާޖްތައް މެދު ކަނޑާނުލައި ކުރިއަށް ގެންދިއުމަށެވެ. އަދި މި އަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަސް އަންނަ އިރު ދެ ވަނަ ބުރުގެ އިންތިހާބު ނުބޭއްވިއްޖެ ނަމަ ވެރިކަން ހަވާލުކުރަން ޖެހޭނީ ރައީސް ނަޝީދަށް ކަމަށް އެ ގަރާރުގައި ބުނެފައިވެ އެވެ. އަދި މުޅި ރާއްޖޭގައި ކެމްޕެއިން ކުރުމަށް އެ ގަރާރުގައި ބުނެފައިވެ އެވެ.
އެ ޖަލްސާގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ "މިވެރިކަމުގައި" އިންތިހާބެއް ބޭއްވޭނެ ކަމަށް އެމަނިކުފާނު ގަބޫލުފުޅު ނުކުރައްވާ ކަމަށާއި އެހެންކަމުން ވެރިކަން ބަދަލުކުރުމަށް ގޮވާލާ ކަމަށެވެ. އަދި ރައީސް ނަޝީދު ވިދާޅުވީ ސުޕުރީމް ކޯޓްގެ ހުކުމްތައް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.
ރައީސް ނަޝީދުގެ ވާހަކަފުޅުގައި ވަނީ ސިފައިންނާއި ފުލުހުން އެމްޑީޕީ އަށް ގުޅުމަށް ގޮވާލާފަ އެވެ.