މިދިޔަ ހޮނިހިރު ދުވަހު ރިޔާސީ އިންތިހާބުގައި ދެވަނަ ބުރު ބޭއްވުމަށް ރާއްޖެ ރަށްތަކަށް ފޮނުވި ވޯޓު ކަރުދާސްތައް އަނބުރާ ގެންނަން ފަށައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނަރަލް އާސިމް އަބްދުއްސައްތާރު މިއަދު ސަން މައުލޫމާތު ދެއްވަމުން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ބޭއްވުމަށް ރާއްޖޭގެ ހުރިހާ ރަށަކަށް ވޯޓު ކަރުދާސް ފޮނުވި ކަމަށާއި ނަމަވެސް ވޯޓުކަރުދާސްތައް ގެންނަނީ "އިންތިހާބު ބޭއްވޭ ގޮތް ނުވީމާ" ކަމަށެވެ.

"އިއްޔެ ރޭ ވޯޓުކަރުދާސްތައް ގެންނަ ފަށައިފިން. ވޯޓު ކަރުދާސްތައް މި ގެންނަނީ އިންތިހާބު ބޭއްވޭ ގޮތް ނުވީމަ،" އާސިމް ވިދާޅުވި އެވެ.

ނަމަވެސް މިހާތަނަށް ކިތައް ރަށުން ވޯޓު ކަރުދާސް މާލެ ގެނެސްފައިވާކަން ބުނަން ދަތި ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފުރަތަމަ ބުރަށް ފޮނުވި ވޯޓު ފޮށިތައް ނުގެންނަ ކަމަށާއި އެ ފޮށިތައް ދެ ވަނަ ބުރަށް ބެހެއްޓީ ކަމަށެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ވޯޓުލީ ކަރުދާސްތައް ގެނެސްފައި ވަނީ، ވަކި ސެކިއުރިޓީ ބޮކްސްތަކެއްގަ އެވެ. އަދި ދެ ވަނަ ބުރުގެ ވޯޓު ކަރުދާސް ފޮނުވައި އަދި އަލުން ގެންނަނީ ވެސް ވަކި ބޮކްސްތަކެއްގަ އެވެ.

މި މަހުގެ ހަތް ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ ބާތިލް ކުރުމަށް ޖުމްހުރީ ޕާޓީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ނިމެންދެން 28 ވަނަ ދުވަހު އިންތިހާބުގެ ދެވަނަ ބުރު ނުބޭއްވުމަށް އެ ކޯޓުން އަމުރު ނެރިފައިވަނިކޮށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިހާބު ބޭއްވުމަށް މަސައްކަތްކޮށްފަ އެވެ. އެ އިންތިހާބު ނުބޭއްވުމަށް ހުކުރު ދުވަހުގެ ރޭ އިލެކްޝަންސް ކޮމިޝަނުން ނިންމީ އިންތިހާބެއް ބޭއްވުމުގެ މާހައުލެއް ނެތް ކަމަށް ބުނެ އެވެ.