މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުންގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ފާސްކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމެޓީގައި މޯލްޑިވްސް މީޑިއާ ކައުންސިލުން (އެމްއެމްސީ) އިން މިއަދު އެދިއްޖެ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގައި ހިމެނޭ ހަތް މެންބަރުންގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅުމަށް މީޑިއާ ކައުންސިލުން ނިންމީ ބްރޯޑްކާސްޓިން ދާއިރާ ތަރައްގީ ކުރާ ކަމަށް އެ ކޮމިޝަނުން މަސައްކަތް ނުކުރުމާއި މީޑިއާ އަށް ބިރު ދައްކައި، މީޑިއާތަކާ މެދު ހަމަހަމަކަން ގާއިމް ނުކުރެވޭތީ އާއި ބްރޯޑްކާސްޓިން ގާނޫނު ފުރިހަމަ އަށް ތަންފީޒު ނުކުރެވޭ ކަމަށް ތުހުމަތުކޮށެވެ.

މީޑިއާ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ކުރަންޖެހޭ ގާނޫނީ މަސައްކަތްކޮށް ދިނުމަށް މީޑިއާ ކައުންސިލުން އެދިފައިވާ ކަމަށެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުންގެ އިތުބާރު ނެތް ކަމަށް ފާސް ކުރަން ކޮމެޓީ އަށް ހުށަހަޅާފައި ވަނީ ގައުމީ ސަލާމަތަށް އުނިކަން އަންނަ ގޮތަށް ބްރޯޑްކާސްޓްކޮށްފި ނަމަ، ބްރޯޑްކާސްޓް ލައިސަންސް ހިފެހެއްޓުމަށް ފަހު ލައިސަންސް ބާތިލްކުރުމަށް ކޯޓަށް ހުށަހެޅުމުގެ އިންޒާރު އެ ކޮމިޝަނުން ދީފައި ވަނިކޮށެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގައި މިހާރު ހިމެނިވަޑައިގަންނަވާ ހަ މެންބަރަކު އެ ކޮމިޝަނަށް އައްޔަން ކުރީ މާޗް 22، 2011، ގައި އެމްޑީޕީއާއި ޑީއާރްޕީ/ޕީއޭގެ އިތުރުން މިނިވަން މެންބަރުން ވޯޓު ދެއްވައިގެންނެވެ. އަދި އެ ކޮމިޝަންގެ މެންބަރަކު އިސްތިއުފާދެއްވުމުން އަލަށް އައްޔަން ކުރި ހއ. ދިއްދޫ އާލިޔާ، މުހައްމަދު އަސްލަމް ވެސް އެ ކޮމިޝަނަށް އައްޔަން ކުރީ އެމްޑީޕީ އާއި ޕީޕީއެމާއި ޑީއާރްޕީގެ މެންބަރުން ވޯޓު ދެއްވައިގެންނެވެ.

އޭނާގެ އިތުރުން އެ ކޮމިޝަންގައި ހިމެނިވަޑައިގަންނަވަނީ ހ. ރަންކޮކާ، އައިޝަތު ހަނާ އާއި ހ. ރީތިގަސްދޮށުގެ، މުހަންމަދު ޝަހީބާއި މއ. ލައިޓްކޯނާ، މަރިޔަމް ޝައުގީ އާއި ވ. މަށިވެލި، އިބްރާހީމް އަޝްރަފް އާއި ގ. ހާފްސީ މުއުމިނާ އާދަމްގެ އިތުރުން މ. ނޫވިލު އަބްދުﷲ ޝުޖާއު އެވެ.

އެމްއެމްސީން ބްރޯޑްކާސްޓިން ކޮމިޝަންގެ މައްޗަށް ކުރާ ތުހުމަތާ ގުޅޭ ގޮތުން އެ ކޮމިޝަންގެ ބަހެއް ލިބޭ ގޮތެއް އަދި ނުވެ އެވެ.