އަންނަ އަހަރު އިންތިހާބު ކުރާ ރައްޔިތުންގެ މަޖިލީހުގެ އިދާރީ ދާއިރާތައް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރީ ދާއިރާތައް ކަނޑައަޅައި މިއަދު އިލެކްޝަންސް ކޮމިޝަނުން ނެރުނު ވަގުތީ ރިޕޯޓުގައިވާ ގޮތުން އަލަށް އިންތިހާބު ކުރާ މަޖިލީހުގައި މާލެ އަށް ދެ ގޮނޑި އިތުރުވެގެންދާނެ އެވެ. އެގޮތުން މާލެ އަށް އިތުރުވާ ދާއިރާއަކީ ހެންވޭރު ދެކުނު ދާއިރާ އާއި މާފަންނު މެދު ދާއިރާ އެވެ. އެހެން ކަމުން އަންނަ އަހަރު އިންތިހާބު ކުރާ މަޖިލީހުގައި މާލޭގައި 13 މެންބަރުން ތިއްބަވާނެ އެވެ. މިހާރު މާލޭގައި ތިންބަވަނީ 11 މެންބަރުންނެވެ.

ރިޕޯޓުގައިވާ ގޮތުން އަލަށް އިންތިހާ ކުރާ މަޖިލީހަށް އައްޑޫ ސިޓީ އަށް ވެސް ގޮނޑި އެއް އިތުރުވާނެ އެވެ. އެގޮތުން އައްޑޫ ސިޓީ އަށް އިތުރުވާ ދާއިރާ އަކީ މީދޫ ދާއިރާ އެވެ. އެގޮތުން އަލަށް އިންތިހާބު ކުރާ މަޖިލީހުގައި އައްޑޫ ސިޓީ ތަމްސީލް ކުރާ ހަތް މެންބަރުން ތިއްބަވާނެ އެވެ. އަދި މިހާރު އައްޑޫ ސިޓީގައި ތިއްބަ ވަނީ ހަ މެންބަރުންނެވެ.

ކޮމިޝަންގެ ރިޕޯޓުގައިވާ ގޮތުން އަލަށް އިންތިހާބު ކުރާ މަޖިލީހަށް ނ. އަތޮޅަށް ވެސް ގޮނޑިއެއް އިތުރުވެ އެވެ. އެ ގޮތުން ދެން އިންތިހާބު ކުރާ މަޖިލީހެއްގައި ހަތަރު މެންބަރުން ތިއްބަވާނެ އެވެ. މިހާރު އެ އަތޮޅުގައި ތިއްބަވަނީ ތިން މެންބަރުންނެވެ.

ކޮމިޝަނުން ނެރެފައިވާ ވަގުތީ ރިޕޯޓުގައިވާ ގޮތުން މިހާރު ހދ. އަތޮޅުގައި ފަސް މެންބަރުން ތިބި ކަމުގައި ވިޔަސް އަންނަ އަހަރު އިންތިހާބު ކުރާ މަޖިލީހުގައި ތިއްބަވަނީ ހަ މެންބަރުންނެވެ.

އިދާރީ ދާއިރާތައް ކަނޑައަޅައި ކޮމިޝަނުން ނެރުނު ރިޕޯޓުގައިވާ ގޮތުން އަންނަ އަހަރު އިންތިހާބު ކުރާ މަޖިލީހުގައި އދ. އަތޮޅުގައި ތިން މެންބަރުން ތިއްބަވާނެ އެވެ. މިހާރު އދ. އަތޮޅުގައި ތިއްބަވަނީ ދެ މެންބަރުންނެވެ. ތ. އަތޮޅުގައި ތިން މެންބަރުން ތިބައްވާ އިރު އަންނަ އަހަރު އިންތިހާބު ކުރާ މަޖިލީހުގައި އެ އަތޮޅު ތަމްސީލު ކުރެއްވުމަށް ހަތަރު މެންބަރުން ތިއްބަވާނެ އެވެ. ހަމަ އެހެންމެ މިހާރު ގދ. އަތޮޅުގައި ހަތަރު މެންބަރުން ތިއްބެވި ނަމަވެސް އަންނަ އަހަރު އިންތިހާބު ކުރާ މަޖިލީހުގައި ތިއްބަވާނީ ފަސް މެންބަރުންނެވެ. އެގޮތުން އަންނަ އަހަރު ތިނަދު އަށް ގޮނޑިއެއް އިތުރުވެގެން ދާނެ އެވެ.

އަންނަ އަހަރު އިންތިހާބު ކުރާ މަޖިލީހުގެ އިދާރީ ދާއިރާތައް ކަނޑައަޅައި އިލެކްޝަންސް ކޮމިޝަނުން ނެރެފައިވާ ވަގުތީ ރިޕޯޓުގައިވާ ގޮތުން ރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓްރީ ކޮށްފައިވާ އާބާދީގެ ފުރަތަމަ ފަސްހާސް މީހަކަށް ނުވަތަ ފަސްހާސް މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއެއްގައި ދެ މެންބަރުން ތިބޭނެ އެވެ.

ކޮމިޝަންގެ ރިޕޯޓުގައިވާ ގޮތުން ރާއްޖޭގެ އިދާރީ ދާއިރާގައި ރަޖިސްޓްރީ ކޮށްފައިވާ އާބާދީގެ 5000 އަށް ވުރެ އިތުރުވާނަ އާބާދީގެ ފުރަތަމަ 5000 މީހުންނަށް ވުރެ އިތުރުވާ ކޮންމެ 5000 މީހަކަށް މެންބަރެއް އިންނަވާނެ ކަމަށް ކޮމިޝަންގެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ކޮމިޝަންގެ ރިޕޯޓުގައި އިތުރަށް ބުބެފައި ވަނީ މަޖިލީހުގެ އިދާރީ ދާއިރާތައް ކަނޑައަޅާފައި ވަނީ މި އަހަރުގެ މޭ މަހުގެ 31 ވަނަ ދުވަހާއި ހަމައަށް ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގައި ރަޖިސްޓްރީކޮށްފައިވާ މީހުންގެ ލިސްޓަށް ބަލައިގެން ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.