29 Sep 2013, 16:05
ފޯނުން އެކި ފަރާތްތަކަށް ބިރުދެއްކުމާއި މަރުގެ އިންޒާރުދިނުން ފަދަ ކަންތައްތައް މިދުވަސްވަރު އިތުރުވެފައިވާ ކަމަށާއި އެފަދަ އަމަލުތައް ހިންގާ ނަމަ އެ މައްސަލައެއް ބެލުމަށް ފަހު އިތުރު އިންޒާރަކާ ނުލައި ހިދުމަތް ކަނޑާލާނެ ކަމަށް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން މިއަދު ބުނެފި އެވެ.
މުއާސަލާތީ ހިދުމަތްތައް ރެގިއުލޭޓްކުރާ ކޭމް އިން ނެރުނު އިއުލާނެއްގައި ވަނީ ފޯނުން އެކި ފަރާތްތަކަށް ބިރުދެއްކުމާއި މަރުގެ އިންޒާރުދިނުން ފަދަ ކަންތައްތައް މިދުވަސްވަރު އިތުރުވެފައި ވާތީ އެފަދަ މައްސަލަތައް ތަހުގީގުކޮށްދިނުމަށް ގަވައިދުން ފިޔަވަޅު އަޅައިދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އަށް އެ އޮތޯރިޓީން ދަންނަވާ ކަމަށެވެ.
ފޯނު މެދުވެރިކޮށް މަރުގެ އިންޒާރުދީ ބިރު ދެއްކުމުގެ މައްސަލައާ ބެހޭ ގޮތުން ކޭމް އިން އިއުލާން ނެރުނުއިރު އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުންތަކަކަށް މަރުގެ އިންޒާރުދޭ މައްސަލައެއް ވަނީ ހޫނުވެފަ އެވެ.
"މުއާސަލާތީ ވަސީލަތްތައް މެދުވެރިކޮށް ނަމަވެސް މީހުންނަށް މަރުގެ އިންޒާރުދީ ބިރުދެއްކުން ފަދަ ކަންކަމީ ޖިނާއީ ކުށްކުށަށްވާ އިރު އެއްވެސް މުއާސަލާތީ ހިދުމަތެއް ބޭނުންކޮށްގެން މިފަދަ ކަންކަން ނުކުރުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރަމެވެ. އަދި މިފަދަ އަމަލުތައް ކުރަމުންދާ ނަމަ، އެކަމަށް ބޭނުންކުރާ ވަސީލަތްތަކުގެ ހިދުމަތް، އެ މައްސަލައެއް ބެލުމަށް ފަހު، އިތުރު އިންޒާރަކާ ނުލައި ކަނޑާލެވޭނެ ވާހަކަ ވެސް ދެންނެވީމެވެ." އެ އޮތޯރިޓީން ނެރުނު އިއުލާނުގައި ބުނެފައިވެ އެވެ.
ކޭމް އިން ބުނީ އެއްވެސް ފަރާތަކަށް އެފަދަ ކޯލެއް ނުވަތަ މެސެޖެއް ލިބިއްޖެ ނަމަ އެ މައްސަލައެއް ފުލުހުންނަށް ހުށަހަޅުމަށް އަންގާ ކަމަށެވެ.