29 Sep 2013, 15:51
ގާނޫނު އަސާސީގައި ކަނޑައެޅިފައިވާ މުއްދަތުގައި އިންތިޚާބު ބޭއްވުން ކަށަވަރު ކުރުމަށް ސުޕްރީމް ކޯޓަށާއި ދައުލަތުގެ މުއައްސަސާތަކަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ގޮވާލައިފި އެވެ.
އެޗްއާރްސޫއެމުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ގައުމީ މަސްލަހަތާއި ހަމަޖެހުން ނަގާލުމުގެ ފުރުސަތު ލިބިދޭ ފަދަ މާހައުލަކަށް ތަންނުދީ ދައުލަތުގެ އެންމެހާ ފަރާތްތަކުން ގާނޫނު އަސާސީ ނެގެހެއްޓުމަށް ކުރަން ޖެހޭ އެންމެހައި މަސައްކަތް އަވަސްކުރުމަށް އެ ކޮމިޝަނުން އިލްތިމާސް ކުރާ ކަމަށެވެ.
ކުރިއަށް ހުރި އިންތިޚާބުތަކުގައި ވޯޓުލާ މީހުންގެ ލިސްޓުގައި ފާހަގަކުރެވިފައިވާ މައްސަލަތައް އިސްލާހު ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ވެސް އެ ކޮމިޝަނުން ވަނީ ގޮވާލާފަ އެވެ.
ރުޅިވެރިކަމާ ނަފްރަތާއި ހަމަނުޖެހުން އުފެއްދުމަށާއި ހަގީގަތް އޮޅޭ ގޮތަށް ބަސްމަގާއި އަމަލުތައް ނުބެހެއްޓުމަށް އެ ކޮމިޝަނުން ވަނީ އެދިފަ އެވެ. އަދި މީހުންނަށް އަނިޔާ ކުރުމާއި މަރުގެ އިންޒާރު ދިނުން ފަދަ ކަންކަން އެއްވެސް ފަރާތަކުން ނުކުރުމަށް ވެސް އެޗްއާރްސީއެމުން ވަނީ ގޮވާލާފަ އެވެ.