29 Sep 2013, 15:05
ކ. ގުޅީގައި ކައިވެނިން ބޭރުން ބަލިވެ އިނުމަށް ފަހު، ބާރު ގަދަ އިންޖެކްޝަނެއް ބޭނުންކޮށްގެން އެބޯޓްކޮށްލި ކަމަށް ތުހުމަތު ކުރެވޭ ތުއްތު ކުއްޖަކު، ފެންދުއްޔާ އެކު ފާހާނާ ތައްޓަށް ލައި ފްލަޝް ކުރަން އުޅެނިކޮށް ފެނިއްޖެ އެވެ.
ފުލުހުންނާއި އެ ރަށު ކައުންސިލުން ވެސް ވަނީ އެފަދަ މައްސަލައެއް ހުށަހަޅާފައިވާކަން ކަށަވަރުކޮށްދީފަ އެވެ.
ގުޅިން ސަން އަށް ވާހަކަ ދެއްކި މީހަކު ބުނީ މިއަދު މެންދުރު 12:30 އެހާކަންހާއިރު އެ މައްސަލަ ފަޅާއެރީ އެ ރަށުގެ ގެއެއްގައި އުޅޭ އަންހެނަކު އެބޯޓް ކުރުމަށް ފަހު، އެ ތުއްތު ކުއްޖާ ފްލަޝް ކުރަން އުޅެގެން އެކަން ނުވެގެން އެގޭގައި އުޅޭ އޭނާގެ ދައްތައަކަށް ގޮވައިފައި އެ ކުއްޖާ ފްލަޝް ކުރުމުގައި އެހީތެރިވުމަށް އެދުމުން ކަމަށެވެ. އެ ވަގުތު އޭނާގެ ދައްތަ އަތަށް ކޮތަޅެއް ލައްވައިގެން އެ ކުއްޖާ ނެގި ކަމަށް އޭނާ ބުންޏެވެ.
"އެކުއްޖާ ބަލައިލަން މިރަށުގެ ގިނަ ބަޔަކު ދިޔަ. މިރަށުގެ ފޫޅުމާ މީހާ ބުނީ އެއީ ހަތް މަހުގެ ކުއްޖެކޭ. އެކުއްޖާ އޮތް ކަމަށް ބުނީ ދުލިފަށުގެ ތެރޭގައި. އަތާއި ފަޔާއި ލޮލާއި ހުރިހާ ގުނަވަނެއް ވެސް ހުރިކަމަށް މިގޭ ކުއްޖަކު އެގެއަށް ގޮސް އައިސް ބުނި. ފުލުހުންނަށް އެންގީ ރަށު އޮފީހުން. އަންހެން މީހާ މަރުކަޒަށް ދިޔައީ ވެސް ހިނގާފައި. އެ ކުއްޖާ ސިއްހީ މަރުކަޒަށް ގެންދިޔައީ ތައްޓަކަށް ލައިގެން،" އެރަށު ވާހަކަ ދެއްކި މީހަކު ބުންޏެވެ.
އޭނާ ބުނީ އެ މައްސަލަ ރަށު އޮފީހަށް ރިޕޯޓް ކުރީ ވެސް އޭނާގެ ދައްތަ ކަމަށާއި ރަށު ކައުންސިލްގެ އިދާރާ އަށް ގޮސް ބަޔާން ވެސް ދީފައިވާ ކަމަށެވެ. އަދި ކުއްޖާގެ މަންމަ އާއި އެ ކުއްޖާ މާލެ ގެންދިޔައީ ފުލުހުންގެ ބެލުމުގެ ދަށުން ކަމަށް އޭނާ ބުންޏެވެ.
"ކުއްޖާގެ މަންމަ އެކަންތައް ސިއްރުކޮށްދިނުމަށާއި އެ ކުއްޖާ ވަޅުލާން ވެސް އެދުނު ކަމަށް ވަނީ. ނަމަވެސް އޭނާގެ ފަހަރި ބިރުން ކަމަށް ވަނީ އެކަންތައް ރަށު އޮފީހަށް އެންގީ. އަދި ރަށު އޮފީހުން ކަމަށް ވަނީ ފުލުހުންނަށް އެންގީ." އޭނާ ބުންޏެވެ.
ގުޅީގެ ސިއްހީ މަރުކަޒު މިވަގުތު ހިންގެވުމާ ހަވާލުވެ ހުންނެވި މަރިޔަމް ނަދީމާ ސަން އަށް ވިދާޅުވީ އެ ކުއްޖާއަކީ ދުވަސް ނުފުރާ އޮތް ކުއްޖެއް ކަމަށެވެ. އަދި ފެންދުލީގެ ތެރޭގައި އޮތް އެ ތުއްތު ކުއްޖާ ސިއްހީ މަރުކަޒަށް ގެނައި އިރު ވެސް އޮތީ މަރުވެފައި ކަމަށާއި އަންހެން މީހާ މާލެ ގެންދިޔައީ މަސްތުރަ ނުވާތީ ޑޮކްޓަރުންގެ ލަފާގެ މަތިން ކަމަށް ސިއްހީ މަރުކަޒުން ބުންޏެވެ.