ހދ. ކުޅުދުއްފުށީގައި ވޯޓު ކަރުދާސް ޕްރިންޓު ކުރި ދެ މީހުންގެ މައްޗަށް ދައުލަތުން ދައުވާ އުފުލައިފި އެވެ.

ހައިކޯޓުގެ މީޑިއާ އޮފިޝަލް އަމީން ފައިސަލް ވިދާޅުވީ ކުޅުދުއްފުށީ ބެނިސަން އަހްމަދު އަބްދުއްރަހީމާއި އެރަށު މާވިނަ އަހުމަދު އާތިފުގެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެ ކޯޓަށް ފޮނުވީ އިއްޔެ ކަމަށެވެ.

އޭނާ ވިދާޅުވީ އެ މައްސަލަ މިހާރު ހައިކޯޓުން ބަލައިގެންފައިވާ ކަމަށެވެ.

މިއީ މިފަހަރުގެ ރިޔާސީ އިންތިޚާބާ ގުޅިގެން ކޯޓަށް ފޮނުވި ފުރަތަމަ މައްސަލަ އެވެ.

ގާނޫނުގައި ބުނެފައިވާ ގޮތުން އެ މީހުންގެ މައްޗަށް ދައުވާ ސާބިތުވެއްޖެ ނަމަ އެއް އަހަރާއި ހަތަރު އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމަށް ނުވަތަ 12،000ރ. އާ 48،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމަށް ހުކުމް ކުރާނެ އެވެ.

ގާނޫނު ބުނާ ގޮތުން އިންތިޚާބީ ކުށުގެ މައްސަލަތައް ފުރަތަމަ މަރުހަލާގައި ބަލާނީ ހައި ކޯޓުންނެވެ. އެ ބާވަތުގެ މައްސަލަތައް ގިނަވެގެން 30 ދުވަހުގެ ތެރޭގައި ހައި ކޯޓުން ބަލައި ނިންމަން ޖެހޭނެ ކަމަށް ވެސް ގާނޫނުގައި ވަނީ ކަނޑައަޅައި ބަޔާންކޮށްފަ އެވެ.