ހުޅުމާލޭގައި މިކްސްޑް ރެސިޑެންޝަލް ހައުސިން ކޮމްޕްލެކްސް އަދި ރޯ ހައުސްތަކެއް އަޅަން ހަ ފަރާތަކުން ކުރިމަތިލައިފި އެވެ.

ބިން ހިއްކައިގެން ތަރައްގީކުރާ ރަށުގެ މެދުމިނުގެ ބިމެއްގައި 60 - 70 ވަރަކަށް މިކްސްޑް ރެސިޑެންޝަލް ހައުސިން އަދި ރޯ ހައުސްތަކެއް ތަރައްގީކުރަން ހަމައެކަނި ދިވެހި ކުންފުނިތަކަށް ހުޅުވާލި މުއްދަތު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ހަމަވެފަ އެވެ. އެ މުއްދަތު ހަމަވިއިރު ކުރިމަތިލާފައިވަނީ ރެއިންބޯ ކޮންސްޓްރަކްޝަނާއި އަމިން ކޮންސްޓްރަކްޝަން އަދި އަމިން ބިލްޑްވެއާ، ޓޮޕް ޑެކް ޕްރައިވެޓް ލިމިޓެޑް، ޖައުސާ ޕްރޮޕަޓީ ޑިވެލޮޕްމަންޓް އަދި ދަވިޒް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑެވެ.

އެ ރަށް ތަރައްގީކުރާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނީ އެ މަޝްރޫއުގެ ދަށުން ހުޅުވާލުމަށް ހަމަޖެހިފައި ވަނީ ހަތް ބިމެއް ކަމަށެވެ. އަދި އޭގެ ތެރެއިން ތިން ބިމެއް މިކްސްޑް ރެސިޑެންޝަލް ހައުސިން އަށް ހާއްސަކޮށްފައިވާ އިރު އަނެއް ހަތަރު ބިން ހާއްސަކޮށްފައި ވަނީ ރޯ ހައުސް ތަރައްގީކުރުމަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެޗްޑީސީން ބުނީ މިކްސް ޔޫޒު ހައުސިން ކޮމްޕްލެކްސް ތަރައްގީކުރުމަށް ހަމަޖެހިފައި ވަނީ ނެއިބާހުޑް ތިނެއްގައި ކަމަށެވެ. އަދި ރޯ ހައުސް ތަރައްގީކުރަން ހަމަޖެހިފައި ވަނީ ނެއިބާހުޑް އެކެއްގައި ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.