29 Sep 2013, 13:51
އިންޑޮނޭޝިޔާގެ ޕަލަމްބަން ގައި މިހާރު ކުރިޔަށްދާ އިސްލާމިކް ސޮލިޑަރިޓީ ގޭމްސްގެ 1500 މީޓަރު ދުވުމުގައި ރާއްޖޭގެ އެތުލީޓުން ކަމަށްވާ އަހުމަދު ހަސަން އާއި ޝިފާޒް މުހައްމަދުރަނގަޅު ކުރިއެރުންތަކެއް ހޯދައިފި އެވެ.
އިއްޔެ ކުރިޔަށް ގެންދިޔަ 1500 ދުވުމުގެ ފައިނަލް ގައި ވާދަކޮށް ޝިފާޒް ރޭސް ނިންމާފައިވަނީ 14 ވަނަ އަށެވެ. އޭނާ ދުވުން ނިންމީ 4 މިނިޓް 12.99 ސިކުންތުންނެވެ. މިއީ މި އިވެންޓުގައި ގާއިމުކުރި ހޯދި އެންމެ ރަނގަޅު ނަތީޖާ އެވެ.
މިއަހަރުގެ ޖުލައި މަހު ބޭއްވުނު އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ޝިފާޒު ދުވެފައިވަނީ 4 މިނިޓް 26.05 ސިކުންތުންނެވެ. އަދި ސެޕްޓެމްބަރު މަހު ލަންކާ ނޭޝަނަލް ގައި ދުވެފައިވަނީ 4 މިނިޓް 20.07 ސިކުންތުންނެވެ. އެހެން ކަމުން 1500 މީޓަރު ދުވުމުގައި ޝިފާޒަށް ވަނީ މިއަހަރު 14 ސިކުންތުގެ ކުރިއެރުމެއް ލިބިފަ އެވެ.
އިއްޔެ ކުރިއަށް ގެންދިޔަ 1500 މީޓަރު ދުވުމުގެ ފައިނަލްގައި ރާއްޖެއިން ދެންވާދަކުރީ އަހްމަދު ހަސަން ދުވުން ނިންމާފައި ވަނީ 15 ވަނަ އަށެވެ. އޭނާ އިވެންޓް ނިންމީ 4 މިނިޓް 13.94 ސިކުންތުންނެވެ. މިއީ އަހްމަދު ހަސަންވެސް މި އިވެންޓު ނިންމި އެންމެ އަވަސް ވަގުތެވެ.
އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި އޭނާ ދުވުން ނިންމީ 4 މިނިޓް 23.54ސިކުންތުންނެވެ. އަދި ލަންކާ ނޭޝަނަލް ގައި އޭނާ ދުވުން ނިންމީ 4 މިނިޓް 16.22 ސިކުންތުންނެވެ.
މި އިވެންޓްތަކާ އެކު ރާއްޖެއިން މިމުބާރާތުގައި އެތުލެޓިކްސް އިން ވާދަކުރާ އިވެންޓްތައް ނިމުނީއެވެ. މުބާރާތަށްފަހު ޓީމް މާލެ އައުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ދެ ވަނަ ދުވަހު އެވެ.