ޗައިނާގައި ކުޑަކުދިން ވަގަށް ނަގައި، އެހެން ގައުމުތަކަށް ވިއްކަމުން ދިޔަ ބަޔަކު އެގައުމުގެ ފުލުހުން ހޯދައިފި އެވެ.

ހޮންކޮންގެ ސައުތު ޗައިނާ މޯނިން ޕޯސްޓް ނޫހުން ބުނީ ކުދިން ވަގަށް ނަގައި ވިއްކަމުން ދިޔަ ގްރޫޕް އަތުލައިގަތުމަށް ފަހު ޗައިނާ ފުލުހުން 92 ކުޑަކުދިން ސަލާމަތްކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން ގިނަ ކުދިންނަކީ އުމުރުން ދެ އަހަރަށް ވުރެ ހަގު ކުދިން ކަމަށާއި ވިހޭތާ ގިނަ ދުވަސްތަކެއް ނުވާ، ވަރަށް ތުއްތު ކުދިން ވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށް ވެސް އެނޫހުން ބުންޏެވެ. އަދި ބުނީ ވަގަށް ނަގާފައި ތިބި ކުދިން އެހެން ގައުމުތަކަށް ފޮނުވާ އިރު އެ ކުދިން ރޮއި، ދެކޮޅުހަދާފާ ނެތީ ނިދާބޭސްދީ މަސްތުކޮށްފައި ތިބި ކަމަށެވެ.

ކުދިން ވަގަށް ނަގައި ވިއްކަމުން ދިޔަ މީހުން ހޯދުމަށް ޗައިނާގެ ހުނާން ޕްރޮވިންސާއި ސީޗުއާން ޕްރޮވިންސްގެ ފުލުހުން ތަހުގީގު ފެށީ މިދިޔަ މާޗުމަހު އެވެ. އަދި އެކަމުގައި އުޅޭ މީހުން ހޯދައި ހައްޔަރުކުރަން ފެށީ މިމަހުގެ 11 ވަނަ ދުވަހު އެވެ. ޗައިނާ ސަރުކާރުގެ ރަސްމީ ނޫސް އެޖެންސީ ޒިންހުއާ ނޫސް ބުނީ އެމައްސަލައިގައި އެގައުމުގެ 11 ޕްރޮވިންސަކުން 301 މީހުން ހައްޔަރުކުރި ކަމަށެވެ.

ކުޑަކުދިން ވިއްކުމުގެ ޖަރީމާ އެމީހުން ހިންގާފައި ވަނީ ވަރަށް ބޮޑަށް ރާވައިގެން ކަމަށް ޗައިނާ ފުލުހުން ބުނެފައި ވެއެވެ.

"ހުނާން ޕްރޮވިންސް ފަދަ ތަންތަނަށް ގޮސް ކުދިން ވިއްކުމަށް ރިން މެމްބަރުން ދަތުރުކޮށްފައިވަނީ ބަހާއި ޓްރެއިން ފަދަ ވަސީލަތްތައް ބޭނުންކޮށްގެން، (އެމީހުންގެ އަތްދަށުގައި ތިބި) ކުދިން ވަރަށް ތުއްތު ކުދިން، އެމީހުން ވަނީ އެކުދިންނަށް ގިނަ އަދަދަކަށް ނިދާބޭސް ދީފައި، އެކަމުގެ ސަބަބުން އެކުދިން ނަފުސާނީ އަދި ޖިސްމާނީ ގޮތުން ތިބޭނީ ހަލާކުވެފައި." ޖަރީމާ ފަޅާއަރުވާލުމުގައި އިސްކޮށް އުޅުނު ފުލުހެއް ކަމަށް ޗެން ބުނެފައިވެ އެވެ.