އެމްޑީޕީގެ މުޒާހަރާއެއްގެ ތެރޭގައި ހުރެފައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ފުލުހުންނަށް ހަމަލާދޭ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ބޮންޑޭ ފުލުހުނަށް ހަމަލާދީފައި ވަނީ ރިޔާސީ އިންތިހާބްގެ ދެވަނަ ބުރު ފަސް ކުރުމަށް ސުޕްރީމް ކޯޓު ކުރި އަމުރާ ގުޅިގެން އިންތިހާބުގެ ތާރީހެއް ދިނުމަށް ގޮވާލައި އެމްޑީޕީން މިދިޔަ ހުކުރު ސަލްސާ ރޯޔަލް ކައިރީގައި ކުރަމުން ގެންދިޔަ މުޒާހާރާގެ ތެރެއިންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވެސް ވަނީ އެކަން ކަށަވަރުކޮށްދެއަދި އެ މައްސަލަ ފުލުހުން ބަލަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ސޯޝަލް ނެޓްވޯކްތަކުގައި އާއްމުކޮށްފައިވާ އެމްވީޔޫތުގެ އެ ވީޑިއޯ އިން ފެންނަ ގޮތުގައި ސަލްސާ ރޯޔަލް ކައިރީގައި އެއްވެ ތިބެ މުޒާހަރާ ކުރަމުން ދިޔަ އެމްޑީޕީގެ ސަޕޯޓަރުން ކޮންޓްރޯލް ކުރުމަށް އެ ސަރަހައްދުގައި ޝީލްޑް ހިފައިގެން ތިބި ރަޔަޓް ފުލުހުން ހަރަކާތްތެރިވަމުން ގެންދެ އެވެ. އެވަގުތު މުޒާހަރާގެ ބައިވެރިންގެ އެންމެ ކުރީ ސަފުގައި އެމްޑީޕީގެ ދިދައެއް (އެމްޑީޕީގެ ދިދައެއް ހަރުކޮށްފައިވާ ދަނޑިއެއް) ހިފައިގެން ހުރި ބޮންޑޭ ފުލުހުންނާ ދިމާލަށް ކޮންމެ ވެސް އެއްޗެހިތަކެއް ކިޔުމަށް ފަހު ފުލުހުންގެ ފައުޖަށް އެ ދިދަ ދަނޑި ބޭނުންކޮށްގެން ދެ ފަހަރެއްގެ މަތިން ހަމަލާދޭ ތަން ފެނެ އެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި ބޮންޑޭ ފުލުހުންގެ ޝީލްޑްތަކުގައި ދެ ފަހަރެއްގެ މަތިން ދިދަދަނޑިން ޖަހާފަހުން މުޒާހަރާގެ ބައިވެރިން އޭނާ ހުއްޓުވަ އެވެ. އަދި އެއަށް ފަހު މުޖާހަރާގެ ބައިވެރިންނާ އެކު އޭނާ މަޑުކޮށްގެން ހުންނަތަން ފެނެ އެވެ.

ފުލުހަކަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ބޮންޑޭގެ މައްޗަށް ދައުލަތުން ވަނީ ދައުވާ އުފުލާފަ އެވެ. ނަމަވެސް އެ މައްސަލައިގެ ޝަރީއަތް އަދި ނުނިމެ އެވެ.
https://www.youtube.com/watch?v=O8LO1rslhLI