ސްޕެނިޝް ލީގުގައި ރޭ އަލްމެއިރާ އަތުން 2-0 އިން ބާސާ މޮޅުވެ ލީގު ފެށުމުގައި ޖެހިޖެހިގެން ހަތް މެޗުން މޮޅުވުމުގެ ކްލަބް ރެކޯޑެއް ގާއިމް ކުރިއިރު އެޓީމުގެ އެންމެ މުހިއްމު ތަރި ލިއޮނަލް މެސީއަށް އަނިޔާ ވެއްޖެ އެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފްގައި މެސީގެ ފައިގެ ފަލަމަސްގަނޑަށް އަނިޔާ ލިބިގެން ބަދަލު ކުރަން އަމިއްލައަށް އެދުމުގެ ކުރިން އޭނާ ވަނީ 21 ވަނަ މިނިޓުގައި ލަނޑެއް ކާމިޔާބުކޮށް ބާސާއަށް މެޗުގެ ކުރި ހޯދައިދީފަ އެވެ. މެސީގެ އެ ލަނޑަކީ މިފަހަރުގެ ސީޒަންގައި އޭނާ ކާމިޔާބުކުރި އަށްވަނަ ލީގު ގޯލެވެ.

ފަލަމަސްގަނޑަށް ލިބުނު އަނިޔާގެ ސަބަބުން އަންގާރަ ދުވަހުގެ ރޭ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގައި ސެލްޓިކާ ދެކޮޅަށް ގްލާސްގޯގައި ބާސާ ކުޅެން ހަމަޖެހިފައިވާ މެޗުގައި މެސީއަށް ކުޅެވޭނެ ކަމުގެ އުންމީދެއް ނެތެވެ.

ބާސާގެ ދެވަނަ ލަނޑު މެޗުގެ 56 ވަނަ މިނިޓުގައި އެޓީމުގެ ބްރެޒިލް ޑިފެންޑަރު އެޑްރިއާނޯ ކާމިޔާބު ކޮށް ސީޒަންގެ ކުރީކޮޅުގައި ލީގުގައި ޖެހިޖެހިގެން ހަތްވަނަ މޮޅު ބާސާ ހޯދި އިރު، އެޓީމުގެ ކޯޗު ޖެރާޑޯ މާޓީނޯ އަށް ވަނީ، އޭނާގެ ކުރިން އެޓީމަށް ކޯޗުކަން ކޮށްދިން ފަސް ކޯޗުންގެ ރެކޯޑް މުގުރާލެވިފަ އެވެ. ބާސާއަށް ޖެހިޖެހިގެން ލީގުގެ ފުރަތަމަ ހަ މެޗު ކާމިޔާބު ކުރެވިފައިވަނީ، 2010 ވަނަ އަހަރު ޕެޕް ގާޑިއޮލާ ގެ ކޯޗު ކަމުގައާއި އަދި ޓިޓޯ ވިޔަނޯވާގެ ކޯޗު ކަމުގައި ހުސްވި އަހަރު އެވެ.

ޓެކްސް ދެއްކުމުގައި މަކަރުހަދައި އޮޅުވާލުމުގެ ތުހުމަތުގައި މިދިޔަ ހުކުރު ދުވަހު މެސީއާއި އޭނާގެ ބައްބަ ވަނީ، ސްޕެއިންގެ ކޯޓަކަށް ހާޒިރުކޮށްފަ އެވެ.

މެޗަށްފަހު މެސީގެ އަނިޔާއާ ބެހޭގޮތުން ބާސާގެ ޑިފެންޑަރު އެޑްރިއާނޯ ބުނީ، ކުރިއަށް އޮތް މެޗުގައި މެސީއަށް ކުޅެވޭނޭ ކަމަށް އުންމީދު ކުރާ ކަމަށެވެ.

"މެސީ ހުރެގެން ކުޅޭ އިރު ބާސާއަކީ މުޅިން ތަފާތު ޓީމެއް. އޭނާއަކީ މިޓީމަށް ވަރަށް މުހިއްމު ކުޅުންތެރިއެއް. އަހަރެން އުންމީދުކުރަން އޭނާއަށް ލިބުނު އަނިޔާއަކީ މާބޮޑު އަނިޔާއެއް ކަމަށް ނުވެ ކުރިއަށް އޮތް މެޗުގައި ކުޅެވޭނޭ ކަމަށް،" އެޑްރިއާނޯ ބުންޏެވެ.