އެމްޑީޕީ އިން ޓޫރިޒަމް "ކަތިލަން" ކުރާ މަސައްކަތަކީ ދިވެހި ރައްޔިތުންނާ ދެކޮޅަށް ކުރާ "ހަނގުރާމައެއް" ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ކުރީގެ ނައިބް މުހަންމަދު މަލީހު ޖަމާލް ވިދާޅުވެއްޖެ އެވެ.

މަލީހު މިއަދު "ސަން" އަށް ވިދާޅުވީ އެމްޑީޕީ އަށް ސިޔާސީ ގޮތުން ކާމިޔާބު ނުވާ ކޮންމެ ވަގުތެއްގައި އިގްތިސާދު ބޮއިކޮޓް ކުރަން ގޮވާ މަންޒަރު ފެނިގެންދާ ކަމަށެވެ. އަދި އެއީ ރައްޔިތުންނާ ދެކޮޅަށް ކުރާ ހަނގުރާމައެއް ކަމަށް މަލީހު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އެމްޑީޕީ އަބަދުވެސް ސިފަވެގެންދަނީ ރާއްޖޭގައި ހުރި އިގްތިސާދުގެ މުހިންމު ބައިތަކާ ދެކޮޅު ބައެއްގެ ގޮތުގައި، އެކަމުގެ އިތުރު ބޮޅެއް އަނެއްކާ ވެސް ފެނިގެން މިދަނީ، އެގޮތުން ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރުމަށް އެ ޕާޓީގެ އެންމެ އިސްކޮށް އުޅޭ ފަރާތްތަކުން ގޮވާ މަންޒަރު ފެނިގެން މިދަނީ" މިހާރު ޕީޕީއެމްގައި އިސްކޮށް ހަރަކާތްތެރިވާ މަލީހު ވިދާޅުވި އެވެ.

އެމްޑިޕީގެ ސްޕޯކްސް ޕާސަން އިންޓަނޭޝަނަލް އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބުދުލް ޣަފޫރު ޓޫރިޒަމް ބޮއިކޮޓް ކުރުމަށް ގޮވާލި މައްސަލައަށް އަލިއަޅުވާލައްވައި މަލީހު ވިދާޅުވީ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު އެގޮތަށް ގޮވާލުމީ ފޮރިން އިންވެސްޓްރުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދޭނެ ކަމެއް ކަމަށެވެ. އަދި ބޮއިކޮޓް ކުރަން ގޮވުމީ މުޅި ރާއްޖެ އަށް ކުރާނެ ގެއްލުމެއް ކަމަށް މަލީހު ވިދާޅުވި އެވެ.

މަލީހު ވިދާޅުވީ އިގްތިސާދު ބޮއިކޮޓް ކުރުމަށް ގޮވުން ހުއްޓުވުމަށް ގާނޫނެއް ހެދުމަށް މަސައްކަތްކުރާ ކަމަށާއި އެގާނޫނު ހެދުމުން ބޮއިކޮޓް ކުރުން ގޮވުން ހުއްޓުވޭނެ ކަމަށެވެ. އަދި މަލީހު ވަނީ އާދޭހާ އެކު ޓޫރިޒަމް ބޮއިކޮޓް ނުކުރުމަށް އެމްޑިޕީ އަށް ގޮވާލާފަ އެވެ.

އެމްޑީޕީގެ ބަހެއް މިއަދު ލިބިފައިނުވާ އިރު އެ މައްސަލާގައި އެމްޑީޕީގެ ސްޕޯކްޕާސަން އިމްތިޔާޒް ފަހުމީ މީގެ ކުރިން ވިދާޅުވެފައި ވަނީ އެމްޑީޕީ އިން ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރުމަށް އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ. އަދި މިހާރު ރާއްޖޭގައި އޮތް ސަރުކާރުގެ "އަނިޔާވެރިކަމާ ގުޅޭ ފޮޓޯ އާއި ވީޑިއޯ" ޔޫރަޕުގެ ގައުމުތަކަށް އެ ޕާޓީ އިން ހިއްސާކުރަމުންދާ ކަމަށާއި އެކަމުގެ ސަބަބުން ރާއްޖެ އަށް ޓޫރިސްޓުން ނާންނަ ނަމަ އެއީ އެޕާޓީން ކުރާ ކަމެއް ކަމަށް އިންތި ވިދާޅުވި އެވެ.

ރާއްޖެ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ވިޔަފާރިކަމަށްވާ ޓޫރިޒަމް ބޮއިކޮޓް ކުރުމަށް އެމްޑީޕީ އިން އަނެއްކާ ވެސް ވަނީ ގޮވަންފަށައިފަ އެވެ. އެމްޑީޕީގެ ފަރާތުން އެކަމަށް ގޮވާލާފައި ވަނީ އެ ޕާޓީގެ ސްޕޯކްސް ޕާސަން އިންޓަނޭޝަނަލް އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބުދުލް ޣަފޫރެވެ. އޭނާ އެގޮތަށް ގޮވާލާފައި ވަނީ އޭޖެންސެ ފްރާންސް ޕްރެސް (އޭއެފްޕީ) އަށް ދެއްވި އިންޓަވިއުއެއްގަ އެވެ.