ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް)ގެ ފޯމަލް އެޖެންޑާގައި ރާއްޖެ ހިމެނުމާ މެދު ދައްކާ ވާހަކަތަކަކީ ޝައްކުތަކެއްގެ މައްޗަށް ދައްކާ ވާހަކަތަކެއް ކަމަށް ސަރުކާރުން ބުނެފި އެވެ.

ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ނިއުޔޯކްގައި އެންމެ ފަހުން ބޭއްވި ސީމެގްގެ ބައްދަލުވުމުގައި އެގްރޫޕްގެ ފޯމަލް އެޖެންޑާގައި ރާއްޖެ ހިމަނަން މަސައްކަތް ކުރާ ކަމުގެ ވާހަކަތައް މީޑިއާގައި ފެތުރުނު ކަމަށެވެ. ރާއްޖެ ސީމެގް އެޖެންޑާގައި ހިމެނުމާ މެދު ކުރާ ސުވާލަކީ އެއްވެސް އަސްލެއް ނެތް ކަމެއް ކަމަށް ވެސް އެބަޔާނުގައިވެ އެވެ.

"ރާއްޖޭގައި މިހާރު އޮތް ސިޔާސީ ހާލަތަކީ ގާނޫނު އަސާސީ މަތިވެރިކުރުމާއި ގާނޫނުގެ ވެރިކަން ނެގެހެއްޓުމަށް ސަރުކާރުން މަސައްކަތްކުރާ ހާލަތެކެވެ. އެހެންވީމާ ސީމެގް އެޖެންޑާގައި ރާއްޖެ ހިމެނުމާ މެދު ކުރާ ސުވާލުތަކަކީ ޝައްކުތަކެއްގެ މައްޗަށް ދައްކާ ވާހަކަތަކެކެވެ. އަދި އެކަމުގައި އެއްވެސް ބިންގަލެއް ނެތެވެ،" ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

ބަޔާނުގައި އަދި ވަނީ ރާއްޖެއަކީ ސީމެގްގެ ފުރިހަމަ މެމްބަރެއް ކަމަށާއި މި އަހަރުގެ ނޮވެމްބަރު މަހު އޮންނަ ކޮމަންވެލްތު ގައުމުތަކުގެ ވެރިންގެ ބައްދަލުވުމާ ހަމައަށް އެގޮތުގައި ދެމި އޮންނާނެ ކަމަށެވެ.

ހުކުރު ދުވަހު އޮތް ސީމެގްގެ ބައްދަލުވުމުގައި ރާއްޖޭގެ އެކްޓިން ފޮރިން މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ ބައިވެރިވެވަޑައިގެންނެވި އެވެ. އެގްރޫޕަކީ މިހާރަށް ވުރެ އިފެކްޓިވް އަދި އިތުބާރު ކުރެވޭ ގްރޫޕަކަށް ހެދުމަށް ޓަކައި ގްރޫޕް އިސްލާހު ކުރުމަށް ޑރ. ޝަކީލާ ގޮވާލެއްވި ކަމަށް ވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.