24 Nov 2010, 15:18
ދިވެހިރާއްޖެ ކާބަން ނިއުޓްރަލް ގައުމަކަށް ހެދުމަށް ކުރާ މަސައްކަތާއެކު، 2020 ވަނަ އަހަރު އަންނަންވާ އިރަށް ރާއްޖެއަށް ތެޔޮ އެތެރެ ކުރަން ނުޖެހޭނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
‹ކާބަން އޮޑިޓް ރިޕޯޓްގައި ވާ ގޮތުން މިދިއަ އަހަރު ރާއްޖޭން ޖައްވަށް ބޭރު ކޮށްފައި ވަނީ 1.3 މިލިޔަން ޓަނުގެ ވިހަ ގޭސް›
ފުރާންސްގެ މަޝްހޫރު ވިޔަފާރިވެރިޔާ ބެންޖަމިން ރޮތްސްޗައިލްޑްގެ ކުންފުނި، ސީޓީބީއާރާ ގުޅިގެން ރާއްޖޭގެ މިދިޔަ އަހަރުގެ ކާބަން އޮޑިޓް ރިޕޯޓް ނެރުއްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ދިވެހިރާއްޖެ، ކާބަން ނިއުޓުރަލް ގައުމަކަށް ހެދުމަށް އެއްވެސް ގޮންޖެހުމެއް ނެތް ކަމަށެވެ. އަދި ރާއްޖޭގައި ތެލުގެ އެކި ބާވަތްތަކުން ހަކަތަ އުފެއްދުމާ ގުޅިގެން، އުފެދޭ ވިހަ ގޭސް ނުވަތަ ގެނދަބުޅީގެ ބާވަތްތަކުގެ މިންވަރު "ކާބަން އޮޑިޓް ރިޕޯޓް"ން އެނގިގެން ދިޔުމުން 2020 ވަނަ އަހަރު އަންނަންވާއިރަށް ތެލުގެ ބާވަތްތަށް ބޭނުން ކުރުން ހުއްޓާލެވިދާނެ ކަމަށެވެ.
ކާބަން އޮޑިޓް ރިޕޯޓްގައިވާ ގޮތުން މިދިއަ އަހަރު ރާއްޖޭން ޖައްވަށް ބޭރު ކޮށްފައި ވަނީ 1.3 މިލިޔަން ޓަނުގެ ވިހަ ގޭހެވެ. މިއީ ރާއްޖޭގެ އާބާދީގެ ކޮންމެ ބޮލަކަށް 4.1 ޓަނު ޖެހޭ އަދަދެކެވެ.
"އަޅުގަނޑުމެންގެ އެންމެ ބޮޑު އެއް އަމާޒަކީ ތެޔޮ ރާއްޖެއަށް އެތެރެކުރާ މިންވަރު ދަށް ކުރުން. އަޅުގަނޑުމެން މިބަލަނީ 2020 އަންނަންވާ އިރަށް ރާއްޖެއަށް ތެޔޮ އެތެރެ ނުކޮށް ތިބެވޭނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ރާއްޖެއަށް އެތެރެ ކުރާ ތެލުގެ ސަބަބުން އަހަރަކު 200 މިލިއަން ޑޮލަރު ހަރަދުވާ ކަމަށާއި އަދި 2020 ވަނަ އަހަރު އަންނައިރު އެ މިންވަރު 800 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ ކަމަށެވެ.
ރައީސް ނޫސްވެރިންނަށް މައުލޫމާތު ދެއްވުމުގެ ކުރިން ސީޓީބީއާރުގެ ވައިސް ޗެއާމަން އާރިއާން ޑި ރޮތްސްޗައިލްޑާއި، އެ ކުންފުނީގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރ ހޫގޯ ފެރެއިރާ އާއި ބީސިޓިޒަންގެ މެނޭޖިން ޕާޓްނަރު ފްލޯރާ ބާނާޑްނާއާ ކޮންފަރެންސް ކޯލް މެދުވެރިކޮށް ވާހަކަފުޅު ދެއްކެވި. އަދި އެ ކޮންފަރެންސް ކޯލްގައި ބައެއް ނޫސްވެރިންގެ ސުވާލުތަކަ ވެސް އެ ބޭފުޅުން ޖަވާބު ދެއްވިއެވެ. މިއީ ޓެލެކޮންފަރެންސެއް މެދުވެރިކޮށް ރާއްޖޭގައި ބޭއްވުނު މިފަދަ ފުރަތަމަ ނޫސް ކޮންފަރެންސެވެ.
ރައީސް ނަޝީދު މި އަހަރުގެ މާޗް މަހު ސްވިޒަރލޭންޑަށް ކުރެއްވި ދަތުރުފުޅުގައި ދިވެހިރާއްޖެ ކާބަން ނިއުޓްރަލް ކުރެއްވުމަށް ސަރުކާރުން އެކި ރޮނގުން ހިންގާ މަޝްރޫއުތަކުގައި އެހީތެރިވެ ދެއްވާނެ ފަރާތެއްގެ ގޮތުގައި ސީޓީބީއާރާއެކު ދިވެހި ސަރުކާރުން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
އެ އެއްބަސްވުމުގެ ދަށުން ވިހަ ގޭހާއި ގެނދަބުޅި ޖައްވަށް ދޫކުރާ މިންވަރު އޯޑިޓް ކުރުމަށާއި، ކާބަން ނިއުޓްރަލް މާސްޓާ ޕްލޭނަށް ބައިނަލްއަގުވާމީ ފަރާތްތަކުން ފައިސާ ހޯދުމުގެ ޒިންމާ އަދާކުރާނީ އެ ކުންފުނިންނެވެ. އަދި ރާއްޖޭގެ ކާބަން ފުޓްޕްރިންޓްގެ ފުރިހަމަ އޮޑިޓެއް ހަދައި ނިމުމުން، ބީސިޓިޒަންސްއިން 2020 ވަނަ އަހަރާ ހަމައަށް ރާއްޖެ ކާބަން ނިއުޓްރަލް ވެވިދާނެ ގޮތްތަކާ ބެހޭގޮތުން މާސްޓާ ޕްލޭނެއް އެކުލަވައިލާނެ އެވެ. އެ މިޕްލޭންގެ ދަށުން އެކިއެކި މަޝްރޫއުތައް ތަންފީޒު ކުރުމަށް ބައިނަލްއަގުވާމީ ފަރާތްތަކުގެ އެހީ ހޯދުމަށް ސީޓީބީއާރު އިން އެހީތެރިވެދޭނެ އެވެ.