ސްޕެއިން ލީގުގައި ރޭ އަމިއްލަ ދަނޑުގައި 1-0 އިން ބަލިވެ ރެއާލް މެޑްރިޑް، ވާދަވެރި އެތުލެޓިކޯ މެޑްރިޑްގެ އަތްދަށު ވެއްޖެ އެވެ.

މެޑްރިޑްގެ ދެ ޓީމް ރޭ ރެއާލްގެ ދަނޑުގައި ކުޅުނު ފޯރިގަދަ މެޗުގައި ފެނިގެންދިޔަ ހަމަ އެކަނި ލަނޑު މެޗުގެ 11 ވަނަ މިނިޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ، އެތުލެޓިކޯގެ ބްރެޒިލް ފޯވާޑް ޑިއެގޯ ކޮސްޓާ އެވެ. އެތުލެޓިކޯގެ މި މޮޅަކީ އެޓީމުގެ ރެއާލްއާ ދެކޮޅަށް އެންމެ ފަހުން ކުޅުނު 24 މެޗުގެ ތެރެއިން މޮޅުވެވުނު ފުރަތަމަ މެޗެވެ.

މެޗުގެ ފުރަތަމަ ކޮޅުގައި ރެއާލްއިން ރަނގަޅަށް ކުޅުނު ނަމަވެސް އެތުލެޓިކޯއިން ލަނޑު ކާމިޔާބު ކުރިފަހުން ކާލޯ އެންޗެލޮޓީގެ ޓީމަށް ވަރަށް ބޮޑަށް ޕްރެޝަރާ ކުރިމަތިލާން ޖެހުނުތަން ފެނިގެން ދިޔައެވެ.

ފުރަތަމަ ހާފްގައި ރެއާލްގެ ފަރާތުން އެދެވޭ ނަތީޖާއެއް ނުފެނުމުން ދެވަނަ ހާފްގެ ކުޅުން އެންޗެލޮޓީ ފަށާފައިވަނީ، އެސިއާ އިޔަރަމެންޑީއާއި ޑިމާރިއާގެ ބަދަލުގައި ގެރެތު ބޭލްއާއި ލޫކާ މޮޑްރިޗް އަރުވައިގެންނެވެ. އެހެން ނަމަވެސް ރެއާލްއަށް މިސީޒަންގައި ދުނިޔޭގެ ރެކޯޑް ފީއަކަށް ޓޮޓެންހަމް އިން ގެނައި ވެލްޝް މިޑްފީލްޑަރު ރެއާލްގެ ދަނޑުގައި ކުޅުނު ފުރަތަމަ މެޗުގައި ހައިރާން ކުރުވަނިވި ކުޅުމެއް ދެއްކޭ ގޮތެއް ނުވިއެވެ.

ރެއާލްގެ މި ބައްޔަކީ 2011 ވަނަ އަހަރުގެ ޑިސެންބަރުގެ ފަހުން އެޓީމުގެ ދަނޑުގައި ބަލިވި ފުރަތަމަ މެޗެވެ. އަދި 1999 ވަނަ އަހަރުގެ ފަހުން އެތުލެޓިކޯއަށް ރެއާލްގެ މައްޗަށް ލީގުގައި ކުރިހޯދުނު ފުރަތަމަ މެޗަށްފަހު އެޓީމު ވަނީ ލީގުގައި މިސީޒަންގައި ކުޅުނު ހަތްމެޗުން މޮޅުވެ ތާވަލުގެ ކުރީގައި އޮތް ބާސެލޯނާއާ ޕޮއިންޓުގެ ގޮތުން ހަމަހަމަކޮށް 21 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ ހޯދާފަ އެވެ. ރެއާލް މެޑްރިޑް އޮތީ 16 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގަ އެވެ.

ސްޕެނިޝް ލީގުގައި ރޭ ކުޅު އިތުރު މެޗުތަކަށް ބަލާއިރު ވަލަޑޮލިޑްއާ މަލާގާ ބައްދަކުރި މެޗު 2-2 އިން ވަނީ އެއްވަރު ވެފަ އެވެ. ރާޔޯ ވަޔެކާނޯގެ މައްޗަށް 1-0 އިން ވެލެންސިޔާ ކުރިހޯދި އިރު ރެއާލް ސޮސީޑާޑްއާއި ސެވިއްޔާ ބައްދަލު ކުރި މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. އަދި ބާސެލޯނާ ވަނީ އަލްމެރިއާ އަތުން 2-0 އިން މޮޅުވެފަ އެވެ.