29 Sep 2013, 11:29
ހއ. އަލިދު އާއި އދ. ކުޑަރަށް ރިސޯޓުގެ ކުލި ނުދައްކައިގެން އެއްބަސްވުން ބާތިލުކޮށްފައިވާ މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރުމަށް އެ ދެ ރަށް ހިންގާ ޔޮޓް ޓުއާސް މޯލްޑިވްސް އާއި ޓޫރިޒަމް މިނިސްޓްރީން މަޝްވަރާކުރަން ފަށައިފި އެވެ.
ސަރުކާރަށް ދައްކަން ޖެހޭ ކުއްޔާއި ޖޫރިމަނާގެ ފައިސާއަށްވާ ގާތްގަނޑަކަށް ހަތް މިލިއަން ޑޮލަރު ނުދައްކައިގެން އެ ދެ ރިސޯޓުގެ އެއްބަސްވުން ބާތިލުކޮށްފައި ވަނީ މިދިޔަ މެއި މަހުގެ 28ގަ އެވެ.
އެ މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ދެ ރަށުގެ އެއްބަސްވުން ބާތިލުކުރުމުން ޔޮޓް ޓުއާސް އިން ކޯޓަށް ހުށަހެޅި މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރުމަށް ދެ ފަރާތުން ވާހަކަ ދައްކަމުންދާ ކަމަށެވެ.
"ކުރިން ވެސް ހަމަޖެއްސި އުސޫލުގެ ދަށުން ކުލި ދެއްކުމާ ބެހޭ ގޮތުން މަޝްވަރާކުރަމުން މިދަނީ. މިއަދު ވެސް ކޯޓުގައި އަޑު އެހުމެއް އެބައޮތް. އޭގެ ކުރިން ވެސް އެއްބަސްވުމަކަށް އާދެވޭތޯ ބަލަނީ،" އޭނާ ވިދާޅުވި އެވެ. "އޭރު ވެސް އޮންނާނެ ދިހަ އަހަރަށް ކުލި ބަހާލާ އިރު ވަކި އަދަދެއް އެއްފަހަރާ ދައްކަން ޖެހޭ ކަމަށް. އެ އެއްބަސްވުމާ އެއްގޮތަށް ކުރިޔަށް ގެންދަން މަޝްވަރާކުރަނީ."
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ހިއްސާ އޮންނަ ޔޮޓް ޓުއާސް އިން ހިންގާ ދެ ރިސޯޓުގެ އެގްރިމަންޓް އުވާލާފައި ވަނީ ކުއްޔާއި ޖޫރިމަނާ ނުދައްކައިގެން ދެވަނަ ފަހަރަށް ފޮނުވި ނޯޓިސްއާ އެއްގޮތަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ކުލި ދައްކާފައި ނުވާތީ އެވެ.
ނަމަވެސް އެ އެއްބަސްވުން ބާތިލުކުރުމުން ޔޮޓް ޓުއާސް އިން ކޯޓަށް ހުށަހަޅާފައިވާ އެ މައްސަލާގައި ބުނެފައި ވަނީ އެ ދެ ރިޒޯޓް އަނބުރާ ދައުލަތަށް ނެގުމަށް އަންގާފައިވާ އެންގުމަކީ ބާތިލު އެއްޗެއް ކަމަށް ކަނޑައަޅައިދީ ބަދަލުގެ ގޮތުގައި 30 މިލިއަން ޑޮލަރު ނަގައި ދިނުމަށެވެ.