29 Sep 2013, 10:47
ރާއްޖެ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ވިޔަފާރިކަމަށްވާ ޓޫރިޒަމް ބޮއިކޮޓް ކުރުމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން އަނެއްކާ ވެސް ގޮވަންފަށައިފި އެވެ. އެމްޑީޕީގެ ފަރާތުން އެކަމަށް ގޮވާލާފައި ވަނީ އެ ޕާޓީގެ ސްޕޯކްސް ޕާސަން އިންޓަނޭޝަނަލް އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބުދުލް ޣަފޫރެވެ.
އޭޖެންސެ ފްރާންސް ޕްރެސް (އޭއެފްޕީ) އަށް ދެއްވި އިންޓަވިއުއެއްގައި ހާމިދު ތުހުމަތުކުރައްވާފައި ވަނީ ރާއްޖޭގައި ޑިމޮކްރަސީ ހުއްޓުވުމަށް ބޭނުން ކުރަނީ ޓޫރިޒަމުން ލިބޭ އާމްދަނީ ކަމަށެވެ.
"ރާއްޖޭގައި ޑިމޮކްރަސީ ހުއްޓުވުމަށް ހަރަދުކުރަނީ ޓޫރިޒަމުން ލިބޭ ފައިދާ. ރާއްޖެ އަށް ޓޫރިސްޓުން އައުން މަނާކުރުމަށް އެހެން ގައުމުތަކުގައި އަޅުގަނޑުމެން އެދެނީ އެހެންވެ،" އޭއެފްޕީ އަށް ދެއްވި އިންޓަވިއުގައި ހާމިދު ވިދާޅުވި ކަމަށް ސްކައިނިއުސް ބުންޏެވެ.
ހާމިދު ވިދާޅުވެފައި ވަނީ އެމްޑީޕީން ކުރާ މުޒާހަރާތައް ރިޒޯޓްތަކާ ހިސާބަށް މިހާރު ފަތުރާލާފައިވާ ކަމަށެވެ.
ސްކައިނިއުސްގެ ހަބަރުގައި އަދި ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ވަކި މުއްދަތެއް ނެތި ލަސްކުރުމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ ދެކޮޅަށް އަނަންތަރާގައި މުޒާހަރާ ކުރި ކަމަށެވެ. އަދި އެކަމަށް ރިޒޯޓްގެ މެނޭޖްމެންޓުން ހުރަސް ނާޅާ ކަމަށް އެރިޒޯޓްގެ އޮފިޝަލަކު ވިދާޅުވި ކަމަށް ބުނެފައިވެ އެވެ.
ރާއްޖެ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ، އަދި ރާއްޖެއަށް ވަންނަ ބޭރު ފައިސާގެ ބޮޑުބައެއް ހިއްސާކުރާ ޓޫރިޒަމް ވިޔަފާރި ބޮއިކޮޓް ކުރުމަށް އެމްޑީޕީން މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ގޮވާލި އެވެ. އަދި އެކަމުގެ ނުބައި އަސަރު ރާއްޖޭގެ ޓޫރިޒަމަށް އެކި ފަހަރު މަތިން ކުރި އެވެ. އެމްޑީޕީ އަށް ސަރުކާރުގެ ބާރުތައް ނޯންނަ ކޮންމެ ފަހަރަކު އެ ޕާޓީން ހަތިޔާރަކަށް ހަދަނީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އެވެ. އެ ގޮތުން މި ދިޔަ އަހަރުގެ ކުރީ ކޮޅު ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމާ އެކު އެ ފަހަރު ވެސް ގޮވަން ފެށީ ރާއްޖޭގެ އިގްތިސާދުގެ މައިބަދަ، ޓޫރިޒަމް ބޮއިކަޓް ކުރުމަށެވެ.
އެ ފަހަރު ޓޫރިޒަމަށް ދިން ގެއްލުމުން އަރައިގަނެވުނީ ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލުންނާއި އިންޑިސަޓްރީ ގުޅިގެން އެތައް މިލިއަން ޑޮލަރެއް ހަރަދުކޮށް، އަދި އެތައް ކެމްޕޭނެއް ކޮށްގެނެވެ.