29 Sep 2013, 10:28
މެންޗެސްޓާ ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި 2-1 އިން އެޓީމް ބަލިކޮށް ވެސްޓްބްރޮމް އަލްބިއޮން އިން ޔުނައިޓެޑް ސިއްސުވާލައިފި އެވެ.
ނިމިގެންދިޔަ ހަފްތާގައި މެންޗެސްޓާ ސިޓީއަތުން 4-1 އިން ބަލިވެ ޔުނައިޓެޑް މޮޅަކަށް އިންތިހާއަށް ބޭނުންވެފައި އޮތް މި ދަނޑިވަޅުގައި، ވެސްޓްބްރޮމް އަތުން ބަލިވުމުން މިސީ ޒަން ވެގެން ގޮސްފައިވަނީ، 1990ގެ ފަހުން ސީޒަންގެ ކުރީކޮޅުގައި ޔުނައިޓެޑު މިހާ ދައްކޮށް ފެނިގެންދިޔަ ފުރަތަމަ ސީޒަނަށެވެ.
ރޭގެ މެޗުގެ ނަތީޖާއާއެކު ލީގު ތާވަލުގައި މެންޗެސްޓާ ޔުނައިޓެޑް އޮތީ އެޓީމު ލީގުގައި ކުޅުނު ހަ މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ތާވަލުގެ 12 ވަނައިގަ އެވެ. އަދި ރޭގެ މޮޅާއެކު ވެސްޓްބޮރޮމް ވަނީ، ކުޅުނު ހަމެޗުން އަށް ޕޮއިންޓް ހޯދައިގެން ތާވަލުގެ 10 ވަނައަށް ކުރިއަށް ޖެހިލާފަ އެވެ.
ރޭގެ މެޗުގެ 54 ވަނަ މިނިޓުގައި ވެސްޓްބްރޮމްއަށް ޔުނައިޓެޑްގެ ގޯލް ހުޅުވާލަ ދިނީ، ޔޫސުފް މުލުމްބޫ ތަނަވަސްކޮށްދިން ފުރުސަތަކުން މޯގަން އަމަލްފިޓާނޯ ލަނޑެއް ކާމިޔާބު ކޮށްގެންނެވެ. އެހެން ނަމަވެސް އޭގެ ތިން މިނިޓު ފަހުން ޔުނައިޓެޑްގެ ތަޖުރިބާކާރު ފޯވަޑް ވެންރޫނީ ވަނީ ހިލޭ ޖެހުމަކުން ލަނޑެއް ކާމިޔާބުކޮށް ޔުނައިޓެޑަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.
ވެސްޓްބްރޮމްއަށް ދެވަނަ ފަހަރަށް ކުރިހޯދައިދިނީ މެޗުގެ 67 ވަނަ މިނިޓުގައި މޯގަން އަމަލްފިޓާނޯ ތަނަވަސް ކޮށްދިން ފުރުސަތަކުން ސެއިޑޯ ބެރާނިއޯ އެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ރޭ ވެސްޓްބްރޮމް ހޯދި ކާމިޔާބީއަކީ، 1978ގެ ފަހުން ޔުނައިޓެޑްގެ މައްޗަށް އެ ދަނޑުގައި ހޯދި ފުރަތަމަ ކާމިޔާބެވެ. އަދި 1984ގެ ފަހުން ޔުނައިޓެޑް އަތުން މޮޅުވި ފުރަތަމަ މެޗުވެސްމެ އެވެ.
މެޗަށްފަހު ވެސްޓްބްރޮމްގެ ކޯޗު ސްޓީވް ކްލާކް ވަނީ، ޔުނައިޓެޑްގެ ފަރާތުން ފެނިގެންދިޔަ ދަށް ކުޅުމުގެ ބަދަލުގައި، އޭނާގެ ޓީމު ދެއްކި ކުޅުމަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފަ އެވެ.
"މި ކާމިޔާބާ އެކު އަހަރެންގެ ކުޅުންތެރިންނަށް ވަރަށް ބޮޑަށް ތައުރީފް ހައްގު،" ކްލާކް ބުންޏެވެ. "އަހަރެމެން މިތަނަށް އައީ، ވަރަށް ބޮޑު އުންމީދަކާއެކު. މިފަހަރުގެ ޓްރާންސްފާ ވިންޑޯ ނިމެން ކައިރިވެފައިވަނިކޮށް ޓީމަށް ގެނައި ކުޅުންތެރިންނާއެކު މިހާރު އަޅުގަނޑުމެންގެ ސަޕޯޓަރުންނަށްވެސް ގަބޫލު ކުރެވޭނެ މިސީޒަންގައި ރަނގަޅު ކުޅުމެއް ޓީމަށް ދެއްކިދާނޭ ކަން."
އިނގިރޭސި ލީގު ޗެމްޕިއަނުންގެ ތެރެއިން ބްލެކްބާން ފިޔަވައ، 1996ގެ ފަހުން ލީގުގައި ކުޅުނު ފުރަތަމަ ހަމެޗުގެ ތެރެއިން ތިންމެޗުން ބަލިވި ޓީމެއް މެންޗެސްޓާ ޔުނައިޓެޑް ފިޔަވައި މިހާތަނަށް ނެތްއިރު، އެޓީމުގެ ކޯޗި ޑޭވިޑް މޮއެސް ބުނީ ފުޓްބޯޅައިގައި ބަލިވުމާ ކުރިމަތިލާން ޖެހޭނެ ކަމަށާއި އަދި ކުރިއަށް ހުރި މެޗުތަކުން ކާމިޔާބު ހޯދުމުން އެކަން ނިމުނީ ކަމަށެވެ.
"ފުޓްބޯޅައިގައި ގޯސް ނަތީޖާތަކާ ކުރިމަތިލާން ޖެހޭނެ،" މޮއެސް ބުންޏެވެ. "އަހަރެންމެން އަބަދުވެސް ބަލާނީ ކުރިއަށް ދާން، އަދި ޖެހިގެން އޮތް މެޗަށް. ކުރިއަށް ބައިވަރު މެޗުތައް އެބަހުރި އެހެންވީމާ އެ މެޗުތަކަށް ތައްޔާރުވާންވީ."
ލީގުގައި ޖެހިޖެހިގެން ދެ ބައްޔާ ކުރިމަތިލާފައިވާއިރު ޑޭވިޑް މޮއެސްގެ ޓީމް ދެން ވާދަކުރަން ޖެހޭނީ، ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގައި އަންނަ ބުދަ ދުވަހުގެ ރޭ ޝަހްތާ ޑޮނެޓްސްކްއާ އެވެ.