29 Sep 2013, 10:20
އެމްޑީޕީ މުޒާހަރާއާ ގުޅިގެން މާލޭގައި ހިނގި ހަމަނުޖެހުންތަކުގައި ހައްޔަރު ކުރި މީހުންގެ ތެރެއިން ހަ މީހަކު ދެ މަސް ދުވަސް ވަންދެން މަގުމަތީގައި އެއްވެ ނޫޅެވޭ ގޮތަށް ޝަރުތުކުރުމަށް ފަހު ކޯޓުން ދޫކޮށްލައިފި އެވެ.
ފުލުހުން ބުނީ މި މަހު 23 ވަނަ ދުވަހުން ފެށިގެން އިއްޔެ އާ ހަމައަށް 15 މީހަކު ހައްޔަރުކޮށްފައިވާ އިރު، އޭގެ ތެރެއިން ހަ މީހަކު ދޫކޮށްލާފައިވާ ކަމަށެވެ. އަދި އެ މީހުންގެ ތެރެއިން އެކަކު ދޫކޮށްލާފައި ވަނީ ދެ މަސް ދުވަހުގެ މުއްދަތަށް ރޭގަނޑު 9:00 އިން ހެނދުނު 9:00 އަށް މަގުމަތީގައި އެއްވެ ނޫޅުމަށް ޝަރުތުކޮށްފަ އެވެ. އަދި އަނެއް ފަސް މީހުންނަށް ޝަރުތުކޮށްފައި ވަނީ ދެ މަސް ދުވަހުގެ މުއްދަތަށް ރޭގަނޑު 8:00 އިން ހެނދުނު 8:00 އަށް މަގުމަތީގައި އެއްވެ ނޫޅުމަށެވެ.
ފުލުހުން ބުނީ މާލެތެރޭގައި ހިންގި ހަމަނުޖެހުންތަކުގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިކަން ދައްކައި މާރާމާރީ ހިންގި މައްސަލަތަކާ ގުޅިގެން ހައްޔަރުކުރި 15 މީހުންގެ ތެރެއިން ތިން މީހަކު އެއްވެސް ޝަރުތަކާ ނުލައި ދޫކޮށްލާފައިވާ ކަމަށެވެ. އަދި ހަ މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި ބައިތިއްބައިގެން މައްސަލަ ތަހުގީގުކުރުމަށް ކޯޓުން މުއްދަތު ޖަހާދީފައިވެ އެވެ.
މާލެތެރޭ ސިލްސިލާކޮށް ހިންގާ މުޒާހަރާތަކާ ގުޅިގެން ރޭ ވެސް ވަނީ ހަތް މީހަކު ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭ އުމުރުން 18 އަހަރުން ދަށުގެ ކުއްޖަކު ހިމެނޭ ކަމަށް ފުލުހުން ބުނެ އެވެ.