29 Sep 2013, 10:05
އިސްލާމްއާބާދު (ސެޕްޓެމްބަރ 29) : ޕާކިސްތާނަށް އިއްޔެއައި ބިންހެލުމުގައި ވެސް ގިނަ އަދަދެއްގެ ބަޔަކު މަރުވެ އެތައް ސަތޭކަ އިމާރާތެއް ބިމާހަމަވެފައިވާ ކަމަށް އެގައުމުގެ މީޑިޔާ ބުނެފި އެވެ. ޕާކިސްތާނުގެ ޖިޔޮ ޓީވީ ބުނާގޮތުން އެގައުމުގެ ހުޅަނގު ދެކުނުގެ ބަލޫޗިސްތާން ސަރަހައްދަށް އިއްޔެ އައި ބާރުގަދަ ބިންހެލުމުގައި 25މީހުން މަރުވެ އެތައް ސަތޭކަ ބަޔަކު ހާލުގައިޖެހި ގިނަ އަދަދެއްގެ ގެދޮރު ހަލާކުވެފައިވާ ކަމުގަ އެވެ. އިއްޔެގެ ބިންހެލުން އައިސްފައިވަ ނީ ރެކްޓާ މިންގަނޑުން 7.2 ގެ ބާރުމިނުގައި ކަމަށް ވެސް ޚަބަރުލިބެ އެވެ.
މީގެ ހަފްތާއެއްހާ ދުވަސްކުރިން ރެކްޓާ މިންގަނޑުން 7.8ގެ ބާރުމިނުގައި ބަލޫޗިސްތާން އައި ބިންހެލުމުގައި 450 އަށްވުރެ ގިނަމީހުން މަރުވެ އެތައް ސަތޭކަ ބަޔަކު ޒަޚަމްވެ ޢިމާރާތްތައް ވެއްޓި މުވާސަލާތީ ޚިދްމަތްތަކަށް ބުރޫއަރާފައިވެ އެވެ. އަދި އެބިންހެލުމުގެ ސަބަބުން އެސަރަހައްދުގެ އައްސޭރިފަށުގައި ކިސަޑާއި މަށީގެ ކުޑަ ޖަޒީރާއެއް ވެސް އުފެދިފައިވެ އެވެ. މިދެބިންހެލުމުގެ ސަބަބުން ޙާލުގައިޖެހިފައިވާ މީހުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ކަންތައް ސިފައިންގެ ބެލުމުގެ ދަށުން ކުރިޔަށްދާ ކަމަށް ޑިޒާސްޓާ މެނޭޖްމެންޓާ ބެހޭ ޕާކިސްތާނުގެ އިދާރާ އިން ބުނެ އެވެ.
އެމެރިކާގެ ޖިޔޮލޮޖިކަލް ސާވޭ ބުނާގޮތުން ޕާކިސްތާނުގެ ހުޅަނގު ދެކުނުގެ ބަލޫޗިސްތާނަށް އިއްޔެ އައި ބިންހެލުމުގެ މަރުކަޒު ހުރީ ޕާކިސްތާނުގެ ރަށެއްކަމަށްވާ އޮރާންގެ އިރުއުތުރުން 96 ކިލޯމީޓަރު ދުރުގައިވާ ހިސާބެއްގައި 14.8 ކިލޯމީޓަރު ފުނުގަ އެވެ. ނަމަވެސް ޕާކިސްތާނުގެ ސައިސްމޮލޮޖިކަލް މަރުކަޒުގެ ވެރިޔާ ޒާހިދު ރާފީ ވިދާޅުވީ އިއްޔެ ބިންހެލުމަކީ ހަގީގީ ބިންހެލުމެއް ކަމަށާ އެއީ މިދިޔަ ހފްތާގެ ބިންހެލުމުގެ ސަބަބުން ބިންގަނޑު ހަމަނުޖެހި ހުރިތަންތަން ހަމައަކަށް އެޅުމަށް އެރި ގުޑުމެއް ނޫންކަމުގަ އެވެ. މިދެބިންހެލުމުގެ ސަބަބުން 500 އަށް ވުރެ ގިނަ މީހުން މަރުވެ އެތައް ހާސްބަޔަކު ޒަޚަމްވެ 330 ހާސް މީހުން ޙާލުގައިޖެހިފައިވާ ކަމަށާ ނަމަވެސް މިކާރިސާއާ ގުޅިގެން އަދި ބޭރުގެ އެހީއަކަށް ނޭދޭ ކަމަށް ޕާކިސްތާން ސަރުކާރުން ބުނެ އެވެ.
މިދިޔަ އެޕްރީލް މަހުވެސް ބަލޫޗިސްތާން ސަރަހައްދަށް 7.8 ގެ ބާރުމިނުގައި ބިންހެލުމެއް އައިސްފައިވެ އެވެ. އެބިންހެލުމުގައި 35 މީހަކު މަރުވެފައިވާ އިރު އޭގެ މަރުކަޒު ހުރިކަމަށް ވަނީ އީރާނާއި ޕާކިސްތާނުގެ ސަރަހައްދީ ރޮނގުގެ ކައިރީގައިވާ އީރާނުގެ ރައްފުށުގެ ހިސާބެއްގަ އެވެ. (ރޮއިޓާސް)