އިނގިރޭސި ލީގުގައި ރޭ ސްވާންސީ ސިޓީއަތުން 1-2 އިން މޮޅުވެ ލީގު ތާވަލުގެ ކުރީގައި އާސެނަލް ދެ ޕޮއިންޓުގެ ލީޑެއް ހޯދައިފި އެވެ.

ސްވާންސީ ސިޓީގެ ދަނޑުގައި ރޭ ކުޅުނު ފޯރިގަދަ މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފަ އެއް ނުވެ އެވެ. އާސެނަލްއަށް ސުވާންސީގެ ގޯލް ހުޅުވާލަ ދިނީ މެޗުގެ 58 ވަނަ މިނިޓުގައި އާރޮން ރަމްސީ ތަނަވަސްކޮށްދިން ފުރުސަތަކުން ޒުވާން މިޑްފީލްޑަރު، ސާޖް ނަބްރީ އެވެ. އޭގެ ބާރަ މިނިޓު ފަހުން އާސެނަލްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ އޮލިވިއާ ގިރޫޑް ތަނަވަސްކޮށްދިން ފުރުސަތަކުން އާރޮން ރަމްސީ އެވެ. މި މެޗުގައި ރަމްސީ ކާމިޔާބުކުރި ލަނޑާއެކު އޭނާ ވަނީ އާސެނަލްއަށް އެންމެ ފަހުން ކުޅުނު އަށް ލީގު މެޗުގައިވެސް ލަނޑު ޖަހާފަ އެވެ.

ސްވަންސީއަށް ރޭގެ މެޗުގައި ލަނޑު ޖަހައިދިނީ، މެޗުގެ 82 ވަނަ މިނިޓްގައި އެޓީމުގެ ވެލްޝް ޑިފެންޑަރު ބެން ޑެވިސް އެވެ. އެ ލަނޑަށް ފަހު ސްވަންސީއިން އިތުރު ލަނޑެއް ކާމިޔާބު ކުރުމަށް މަސައްކަތް ކުރި ނަމަވެސް މެޗު ނިމުނީ އިތުރު ލަނޑެއް ނުފެނި 1-2 އިން އާސެނަލް ކުރި ހޯދައިގެން ނެވެ.

ޕްރިމިއާ ލީގުގައި އިއްޔެއާއި ރޭގައި ކުޅުނު މެޗުތަކަށް ބަލާއިރު ޗެލްސީއާއި ޓޮޓެންހަމް އެއްވަރުވެ، މެންޗެސްޓާގެ ދެ ކްލަބް ބަލިވުމުން އާސެނަލްއަށް ވަނީ ލީގުގެ ކުރީގައި 15 ޕޮއިންޓާއެކު ސާފު ދެ ޕޮއިންޓުގެ ކުރިއެރުމެއް ލިބިފަ އެވެ. ދެވަނައިގައި އޮތް ޓޮޓެންހަމްއަށް ލިބިފައިވަނީ، 13 ޕޮއިންޓެވެ. އަދި 11 ޕޮއިންޓާއެކު ތިން ވަނައިގައި ޗެލްސީ އޮތް އިރު ހަމަ އެއަދަދަށް ޕޮއިންޓް ހޯދައިގެން ހަތަރު ވަނައިގައި އޮތީ ސައުތުހެމްޕްޓަން އެވެ.

އާސެނަލްއިން ރޭ ހޯދި ކާމިޔާބަކީ އެޓީމުގެ ކޯޗު ކަމުގައި 17 ވަނަ އަހަރީ ދުވަސް ފާހަގަ ކުރަމުން ގެންދާ އާސީން ވެންގާއަށް ލިބުނު ރަނގަޅު ހަދިޔާއަކަށް ވެގެންދާނެވެ އެވެ.