29 Sep 2013, 09:50
މި ރާއްޖޭގެ ސިޔާސީ މަސްރަހަށް ބަލާ އިރު މުޅިން ވެސް އަޑުއިވެނީ ހަރުދަނާ އަދި ތަރައްގީވެފައިވާ ބޮޑެތި ޑިމޮކްރަސީ ތަކުން މިސާލްތައް ނަގައިގެން ރައްޔިތުން ގުނބޯ ހައްދާ އަޑެވެ. ނަމަވެސް އެ ސިޔާސީ ފަރާތްތަކުން އަމަލުކުރަނީ ކިހިނެއްތޯ އެވެ؟ އެބޭފުޅުންގެ ގިނަ އަމަލުތައް ހުރީ އަފްޣާނިސްތާނާއި ޒިމްބާބޭގައި އަމަލުކުރާ ގޮތަށޭ ބުނެވިދާނެ އެވެ. އެހެރަ ހިންގާލާފައި ހުންނަ ބޮޑެތި ޖަރީމާތަކެވެ. ނަމަވެސް ރައްޔިތުންނަށް ޓަކައޭ ބުނެ އެހެރަ ދައްކާލާ މޮޅެތި ވާހަކަތައްތާ އެވެ. ދެކޮޅެއް ނުޖެހެ އެވެ.
ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން 11.77 މިލިއަން ރުފިޔާ މި އަހަރު ދޫކޮށްފައިވާ އިރު މިހާރު އަޑުއިވިގެންދާ ވާހަކައަކީ ސިޔާސީ ބޮޑެތި ޕާޓީތަކަށް ހުޅުމާލެ އިން ބިން ދޫކުރަން ނިންމާ ވާހަކަ އެވެ. އެހުރިހާކަމެއް ދައުލަތުގެ ފައިސާ އިން ޕާޓީތަކަށް ދެނީ ގައުމަށް ހިދުމަތް ކުރުމަށެވެ. ނަމަވެސް ސިޔާސީ ޕާޓީތަކުގެ އަމަލުތައް ހުރީ އެހެންތޯ އެވެ؟ ތިމާމެންގެ ވެރިކަމެއް ނޫނިއްޔާ ގައުމަށް ކުރިއެރުމެއް ނޭދޭކަހަލަ އެވެ. ލިބިފައިވާ ބާރެއް ބޭނުންކޮށްގެން ޖެއްސުން ކުރުމަށް މަސައްކަތް ކުރެ އެވެ. ގައުމު ހަލަބޮލި ކޮއްލުމަކީ އެމީހުންގެ "ހޮބީ" އެއް ކަހަލަ އެވެ. ސިޔާސީ މަގުސަދަށް ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ އެވެ.
"ހަގީގަތުގައި މިގައުމަށް ވެގެން އުޅެނީ އެހެން ޑިމޮކުރަކްޓިކް ގައުމުތަކާ ހިލާފަށް އެހެން ގޮތެއް، އެއީ މިގައުމު ވަނީ ހުރިހާ ކަމަކުން ވެސް ޒާތީވެފައި. އެއްވެސް މީހަކު ނުބަލާ ރަނގަޅުގޮތެއް، މުޅިން ވެސް ބަލަނީ އަނެކާ އަށް ދެރައެއް ދެވޭނެ ގޮތެއް،" ޕޮލިޓިކަލް ސައިންސް ދާއިރާ އިން މަތީ ތައުލީމް ހާސިލުކޮށްފައިވާ ނަމަވެސް ގައުމު މިއަދު އޮތް ހާލަތުން ނަން ހާމަ ކުރަން ނޭދޭ ފަރާތެއް ވިދާޅުވި އެވެ.
ދެން އޮތީ އަނެއްވާހަކަ އެވެ. ގާނޫނާއި ހިލާފު ބޮޑެތި ކުއްތައް ކޮށްފައިވާ ފަރާތްތައް އަދު ރާއްޖޭގެ ސިޔާސީ މައިދާނުގެ އިސްސަފުގައި އެބަހަރަކާތްތެރިވެ އެވެ. މަސްތުވާތަކެއްޗާއި ބަދުއަހުލާގީ އަމަލުތަކާއި ކޮރަޕްޝަންގެ ބޮޑެތި ހުތުރު އަމަލުތައް ހިންގާފައިވާ ކަމަށް ބޮޑެތި ތުހުމަތުތައް ކުރެވޭ ފަރާތްތައް ސިޔާސީ މައިދާންތަކުގެ އިސްސަފުން ވަނީ ޖާގަހޯދާފަ އެވެ. ޑިމޮކުރަސީ އަށް ވަކާލާތުކުރާ އިރު އެބުނާ ޑިމޮކުރެޓިކް ގައުމުތަކުގައި އަމަލުކުރާ ގޮތްތައް ނުފެންނަނީ ތޯއްޗެ އެވެ. ކުރެވޭ ބޮޑެތި ތުހުމަތުތަކާ އެކު އެހެން ގައުމުތަކުގެ ސިޔާސީ ފަރާތްތައް އިސްތިއުފާދެ އެވެ. ނަމަވެސް މިގައުމުގައި ވަނީ އެހެނެއް ނޫނެވެ. ކުށްކޮށްފައި ގަދަ ފައިހިއްޕާލަނީ އެވެ. އަޑު ގަދަވަނީ އެވެ. އެންމެ މޮޅު މީހަކީ އެންމެ ގޮތެއް ވެސް ނެތް މީހާ ކަހަލަ އެވެ. މިއީ ލަދުވެތި ކަމެކެވެ.
ޑިމޮކުރަސީގެ އެއް ބާރު ކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކަށް ބަލާލަމާތޯ އެވެ. ތަފްސީލަކަށް ދާކަށް ނުޖެހެ އެވެ. އެތަނުގެ މަސައްކަތް ކުރިއަށްދާ ގޮތް ރައްޔިތުންނަށް ވަރަށް ސާފެވެ. ގިނަފަހަރަށް އެމަޖިލީހަކީ އޭރު އޮންނަ ވެރިކަމަކަށް ޖެއްސުންކުރަން އޮންނަ ހަތިޔާރަކަށް ވަނީ ހަދާފަ އެވެ. ބިލްތައް ފާސް ނުކުރުމާއި ބޭނުންތެރި ގާނޫނުތައް ނުހެދި ހުރުމާއި ސިޔާސީ މަގުސަދަށް ވަޒީރުން ބަދަލުކުރުން ފަދަ ބައިވަރު ކަންތައްތަކެވެ. އެހެން ނޫނެވެ. ސިޔާސީ ބޭނުންތަކަށް މަޖިލިސް ބޭނުންކުރުމާއި އެމަޖިލީހުގެ މުދަލަށް ގެއްލުންދިނުން ފަދަ ކަންކަމީ ހުރިހާ ޕާޓީއެއް ޝާމިލްވާގޮތަށް ހިންގާފައިވާ ޖަރީމާތަކެކެވެ. އެހެރަ އުޅެލާފައި ހުރި ގޮތްތާ އެވެ. އަދިއެއަށް ފަހު ރައްޔިތުންނޭ ވިދާޅުވެ ދައްކާލާ ވާހަކަތާއެވެ. ހަމަލަދުވެތި ތާ އެވެ.
މަޖިލީހުގެ އަމަލުތައް އެގޮތަށް ހުރި ނަމަވެސް ރައްޔިތުންގެ ފައިސާ އިން އެމެމްބަރުންގެ މުސާރައަށް އެކަނިވެސް 6.3މިލިއަން ރުފިޔާ މަހަކު ދައުލަތުން ހަރަދުވެ އެވެ. އެއީ މެމްބަރުންގެ މުސާރައަށް އެކަނިވާވަރު ކަމުގައިވާ އިރު އެހެނިހެން ހަރަދުތަކާއި އެ އިދާރާގެ އިދާރީ ހަރަދުތަކާއި އެ އިދާރާގެ މުއައްޒިފުންގެ ހަރަދުތައް އަދި ކޮއިބައިތޯ އެވެ. މިއީ މިގައުމަށް އެކަށީގެންވާވަރެއް ނޫނެވެ.
ރާއްޖެ އަށް މަލްޓިޕާޓީ ޑިމޮކްރަސީއައުމާ އެކު ތައާރަފްވި އެންމެ ބޮޑުކަމަކީ ސިޔާސީ ކަމެއްގެ ގޮތުގައި ދޮގު ހެދުން "އޯކޭ" ވުމެވެ. އެގޮތުން ރާއްޖޭގެ ސިޔާސީ ވެރިން ހައްދާ ކޮންމެ ދޮގަކާ ބެހޭގޮތުން އެބޭފުޅުންނަށް ތާއީދު ކުރާ މީހުން ބުނާނީ އެއީ "ސިޔާސީ ގޮތުން ދެއްކި ވާހަކައެއް" ކަމަށާއި އެހެންވީމާ "އޯކޭ" ކަމަށެވެ. އެއް ޕާޓީގައި ހުރެ އަނެއް ކެނޑިޑޭޓަށް "ރަތްމަހަކަށް" ނުގޮވާ ވަރަށް އެއްޗެތި ގޮވާފައި ހަމަ ހަފްތާއެއްގެ ތެރޭގައި ހުންނާނީ އެއްޗެތިގޮވި ކެނޑިޑޭޓުގެ ފަހަތުގައެވެ. ލަދެއްނެތި ސިޔާސީ ދެ ބޯގެރި ދުންވުން ރާއްޖޭގައި އާންމުވެއްޖެ އެވެ. އެ ނިޒާމަށް ބަދަލު ގެންނަން ޖެހެ އެވެ. ސަބަބަކީ ޑޮމޮކުރަސީއޭ ކިޔާއިރު އެކަން ލަދުވެތި ވީ މައެވެ.
ކޮރަޕްޝަން އޮތް ތަނެއް ކުރިއެއް ނާރާނެ އެވެ. ގައުމަށް ލިބޭ މަދު ފައިސާ ކޮޅަކީ ސިޔާސީ ވެރިންގެ އެއް އަތުން އަނެއް އަތައް ބަދަލު ކުރަން އޮތް އެއްޗަކަށް ވެއްޖެ ނަމަ ގައުމުގެ ހާލަކީ ނިކަމެއްޗެއްގެ ހާލެވެ. ގައުމު ވެއްޓޭނީ އަނދަވަޅަކަށެވެ. ނަމަވެސް ހިތާމައާ އެކު ގަބޫލް ކުރަން ޖެހޭ ހަގީގަތަކީ މިއަދު މިގައުމަކީ ކޮރަޕްޝަން އެންމެ ބޮޑެތި ގައުމުތަކުގެ ތެރޭގައި ހިމެނޭކަމެވެ. ގައުމަށް ލިބޭ މަދު ފައިސާ ކޮޅު އެއީ ސިޔާސީ މަގާމްތަކުގައި ތިބޭ މަދުބަޔެއްގެ ޖީބްތައް ބޮޑުކޮށްލާ އެއްޗެއްކަން އޮޑިޓާ ޖެނެރަލްގެ ކޮންމެ އޮޑިޓް ރިޕޯޓްއަކުން އެގި ހާމަވެ އެވެ. މިއީ ހަމަ އެބުނާ ޑިމޮކުރަސީތޯ އެވެ. ހަމަގައިމު ވެސް އަޅުގަނޑު ލަދުގަނެ އެވެ.
"ވަކަރުގަނޑު މާވަޑިޔާ ހިތެކެވެ. ނިޔާ ފަނޑިޔާރާ ހިތެކެވެ." މިއީ ހަރުބަހެކެވެ. އާންމުކޮށް އެހެން ބުނެ އުޅެނީ ނިޔާ އިއްވުމަކީ ފަނޑިޔާރުން ބޭނުންހާ ގޮތަކަށް ކުރާކަމެކޭ ބުނުމަށެވެ. އަދު ރާއްޖޭގެ ޝަރުއީ ދާއިރާއަށް ބަލާ އިރު އެދާއިރާއަކީ ބޮޑެތި ފާޑުކިޔުންތަކެއް ރާއްޖެ އާއި ރާއްޖެއިން ބޭރުން ވެސް އެބަހުއްޓެވެ. އެކަމުގައި ސަބަބުތައްވެސް އެބަހުއްޓެވެ. އެގޮތުން ފަނޑިޔާރުންނާ މެދު ކުރެވޭ ތުހުމަތުތައް ވެސް މަދެއް ނޫނެވެ. އެތުހުމަތުތަކުގެ ތެރޭގައި ލަދުވެތި އެތައް ކަމެއްވެ އެވެ.
ރާއްޖޭގައި ހަރަކާތްތެރިވާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ބުނެފައިވާ ގޮތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ކަމަށް ތުހުމަތު ކުރެވޭ މީހަކު ކަސްބީ އަންހެނުންތަކާ އެކު ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ބުނެ ލީކްކޮށްލާފައިވާ ވީޑިއޯގެ ސަބަބުން ރާއްޖޭގެ ޑިމޮކްރެސީ އަށް ފޫނުބެއްދޭނެ ވަރުގެ ގެއްލުންތަކެއް ވެގެންދާނެ ކަމަށެވެ.
އެބުނާ ޑިމޮކުރަސީ އޮތް މިގައުމުގެ ވެރިންނަށް ޕިލިޕީންސް ފަދަ ގައުމުތަކުގައި ކަސްބީ އަންހެނުންތަކަކާއި ބައްދަލުކުރުމުން ހަތަރު ފަނޑިޔާރަކު ސަސްބެންޑް ކުރިކަން ވެސް ހަމަނޭންގެނީތޯ އެވެ. ނުވަތަ ކޮރަޕްޝަން ނުވަތަ އެފަދަ އެހެނިހެން ކުށްތަކުގެ ތުހުމަތުކުރެވޭ ފަރާތްތަކުން އިސްތުއުފާދޭކަން މިގައުމުގެ ސިޔާސީ ވެރިންނަށް ހަމަ ނޭނގެނީތޯ އެވެ؟ ސައްތައިންސައްތަ އިސްލާމީ މިގައުމުގެ ހާލަކީ ލަދުވެތި ދަރަޖައެކެވެ.
މީޑިއާތަކަށް ބަލަމާތޯ އެވެ. ގިނަ މީޑިއާތަކުގެ އަމާޒަކަށް އަދި މަސައްކަތަކަށް ވެސް ވެފައި އޮންނަނީ ސިޔާސީ އެއްނަފުސު އަނެއް ނަފްސަށް ކަތިލުމެވެ. މުޅި ގައުމު ފިތުނަކުރުމެވެ. ސައްތައިން ސައްތަ މިގައުމުގައި އެކަން ލަދުވެތި އެހެން ނޫންތޯ އެވެ.
ޑިމޮކުރަސީ އަށް ވަކާލާތު ކުރާއިރު އެނިޒާމްގެ ބެލެނިވެރިން ކަމުގައިވާ ރައްޔިތުނާއި ގުޅުން ހުރި ކަންކަމުގައި ރައްޔިތުންނަށް ބަސްކިޔުމުގެ ފުރުސަތު މިގައުމުގައި ލިބޭތޯ އެވެ؟ ގާނޫނާއި ގަވައިދާ ހިލާފު ބޮޑެތި ކަންކަން ކޮށްފައި ސިޔާސީ މަގާމްތަކުގައި ނުވަތަ ސިޔާސީ މުއައްސަސާތަކުގައި ހެވިފަ މިގައުމުގެ ސިޔާސީ ފަރާތްތަކުންތިބޭތޯ އެވެ؟ ގައުމު ދަތިހާލުގައި އޮށްވައި ކޮރަޕްޝަންގެ ބޮޑެތި އަމަލުތައް ހިންގިކަމަށް ތުހުމަތުކުރެވޭ ސިޔާސީ ފަރާތްތައް އެބަތިބިތޯ އެވެ؟ ސީދާ ފާޅުގައި ރައްޔިތުންގެ މުދަލަށް ގެންލުންދިނުމަށް ގޮވާލާ އެކަންކުރާ ސިޔާސީ ފަރާތްތަކުން މިގައުމުގައި އެބަތިބިތޯ އެވެ؟ ތިމާމެން ކުރަން ބޭނުންކޮންމެ ކަމަކަށް ދީން ހަތިޔާރަކަށް ބޭނުންކުރާ ފަރާތްތައް އެބަތިބިތޯއެވެ؟ މިނިވަން ސިކުނޑިޔަކުން އެސުވާލުތަކަށް ވިސްނާ ކޮންމެ މީހަކަށް ވެސް އަޅުގަނޑު މިބުނާ "ލަދުވެތިކަމެއް ނެތް ޑިމޮކުރަސީ" ސިފަވާނެ އެވެ.