29 Sep 2013, 09:33
ތޫނިސް (ސެޕްޓެމްބަރ 29): ގައުމީ މަސްލަހަތަށް ރިޢާޔަތްކޮށް އިންތިޤާލީ ސަރުކާރަކަށް މަގުފަހިކުރުމަށް ޓަކައި އިސްތިއުފާ ދިނުމަށް ތޫނިސްގެ ސަރުކާރުން ނިންމައިފި އެވެ.
ތޫނިސްގެ އިސްލާމީ ފިކުރުގެ ޕާޓީއެއްކަމަށްވާ ނަހުޒާ މޫމެންޓް އިސްކޮށް އޮވެގެން އުފައްދާފައިވާ ސަރުކާރުން ބުނީއިންތިޤާލީ ސަރުކާރަކާ ވެރިކަން ޙަވާލުކޮށް އަލުން އިންތިޚާބެއް ބޭއްވުމަށް މަގުފަހިކުރުމަށް ޓަކައި ސަރުކާރު އިސްތިއުފާ ދިނުމަށް އެޕާޓީން ނިންމީ ގައުމުގައި މިހާރު އުފެދިފައިވާ ސިޔާސީ ގަޑުބަޑު ސުލްޙަވެރި ގޮތުގައި ހައްލުކުރުމަށް ޓަކައި ގައުމީ މަސްލަހަތު އިސްކޮށްގެން ކަމުގަ އެވެ.
އިސްލާމިކް ނަހްޒާ ޕާޓީ އިސްކޮށްއޮވެގެން އުފައްދާފައިވާ ކޯލިޝަން ސަރުކާރު އިސްތިއުފާ ދިނުމަށް ހަމަޖެހިފައި ވަނީ ތޫނިސްގެ ހަލަބޮލިވެފައިވާ ސިޔާސީ މަސްރަޙު ފިނިކުރުމުގެ ގޮތުން އަންނަ ހަފްތާގައި ފެށުމަށް ހަމަޖެހިފައިވާ ގައުމީ ވާހަކަތަކަށްފަހުގަ އެވެ. ނަހްޒާ ޕާޓީގެ އިސްވެރިއަކު ވިދާޅުވީ ގައުމީ ވާހަކަތައް ދެތިން ހަފްތާއަށް ދިގުދެމިގެން ހިނގައިދާނެ ކަމަށާ ނަމަވެސް އެވާހަކަތަކަށް ފަހު ބޮޑުވަޒީރު ޢަލީ އަލްޢުރައްޔިޟުގެ ސަރުކާރު އިސްތިއުފާ ދެއްވާނެ ކަމުގަ އެވެ.
އެއަށް ފަހު ހުރިހާ ޕާޓީތަކެއް ގުޅިގެން އިންތިޤާލީ ސަރުކާރެއް އުފެއްދުމަށް ފަހު އަލުން އިންތިޚާބެއް ބޭއްވުމަށް މަގުފަހިކުރުމުގެ ކަންތައް އެސަރުކާރުން ކުރުމަށް ހުރިހާ ޕާޓީތަކަކުން އެއްބަސްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އަންނަ ހަފްތާގައި ފެށުމަށް ހަމަޖެހިފައިވާ ގައުމީ ވާހަކަތަކުގައި މިކަން މުޅިން ފައިނަލް ވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ތޫނިސްގެ ސިޔާސީ މަސްރަޙު ހަލަބޮލިވެގެން ދިޔައީ ލާދީނީ ޚިޔާލުގެ އިދިކޮޅު ދެ ލީޑަރަކު މިއަހަރުތެރޭގައި އަވަހާރަކޮށްލުމާ ގުޅިގެންނެވެ. ހަތިޔާރުއެޅި ބަޔަކު ހިންގާފައިވާ މިޖަރީމާތަކާ ދެކޮޅަށް ސަރުކާރަށް އެކަށީގެންވާ ގޮތެއްގައި ފިޔަވަޅުނޭޅޭ ކަމަށްބުނެ އިދިކޮޅު ލާދީނީ ޕާޓީތަކުން ވަނީ މަގުތަކަށް ނުކުމެ މުޒާހަރާކޮށް ތޫނިސްގެ ސިޔާސީ މަސްރަޙު ގަޑުބަޑުކޮށްލާފަ އެވެ. ނަމަވެސް ލާދީނީ ފިކުރުގެ ޕާޓީތަކަކީ އިސްލާމިކް ނަހްޒާ ޕާޓީ އިސްކޮށްއޮވެގެން އުފައްދާފައިވާ ކޯލިޝަން ސަރުކާރުގައި ވެސް ބައިވެރިވާ ޕާޓީތަކެކެވެ. (ރޮއިޓާސް)