ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ވޯޓު ފަސް ކުރުމުގެ ސަބަބުން އެމްޑީޕީ އިން ކުރަމުންދާ ސިލްސިލާ މުޒާހަރާގައި ފުލުހުންގެ މަސައްކަތަށް ހުރަސް އެޅުމުގެ ސަބަބުން މިރޭ ތިން މީހަކު ހައްޔަރު ކޮށްފި އެވެ.

މިއަދު ހަވީރުން ފެށިގެން ފަރީދީމަގު އެފްޑީއައި ކަންމަތީގައި ކުރަމުން ދިޔަ އެ މުޒާހަރާގައި ބެރިކޭޑްތައް ކުރިއަށް ޖައްސައި ފުލުހުންގެ މަސައްކަތަށް ހުރަސް އަޅަން އުޅުމުގެ ސަބަބުން ހައްޔަރު ކުރީ ކޮން ބައެއްކަން ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.

އެ މުޒާހަރާގައި މިއަދު ހަވީރު ވެސް ދެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

މިރޭގެ މުޒާހަރާގައި ދަންވަރު 11:20 އެހާކަންހާއިރު ފުލުހުންނާއި އާންމުންނާ ދެމެދު ހަމަނުޖެހުން ވެސް ހިނގި އެވެ. އަދި އެ ވަގުތު ފުލުހުން ވަނީ ޕެޕާ ސްޕްރޭ ވެސް ޖަހައިފަ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ފަސްކުރީ ސުޕްރީމް ކޯޓުގެ އަމުރަކަށެވެ. އެ ކޯޓުން އެ ގޮތަށް އަމުރު ކުރީ ފުރަތަމަ ބުރުގެ ވޯޓު އޮޅުވާލާފައިވާ ކަމަށް ޖުމްހޫރީ ޕާޓީން ކުރާ ތުހުމަތަކާ ގުޅިގެންނެވެ.