29 Sep 2013, 00:28
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރިގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވެރިކަމަށް ވަޑައިގެންފި ނަމަ، ފަނޑިޔާރުންނާއި ސިފައިން އަދި ފުލުހުން މަގުމަތިކުރާނެ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންގް މޭޓް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
މިރޭ ގަލޮޅުގައި ޕީޕީއެމް އިން ހުޅުވި "ރާސްޓަސް" ޖަގަހާގައި ވާހަކަ ދައްކަވަމުން ޑރ. ޖަމީލް ވިދާޅުވީ އެމްޑީޕީ އަށް "ރާއްޖޭގެ ވެރިކަމާ 100 ފޫޓު ކައިރިއަށް" އާދެވުނަސް ގިނަ ބަޔަކު މަގުމަތިވެގެންދާނެ ކަމަށެވެ.
"އެމްޑީޕީ އިން މިރާއްޖޭގެ ވެރިކަމާ 100 ފޫޓަށް ކައިރިވި ނަމަވެސް، ކަނޑައެޅިގެން އެނގޭ ކަމަކީ، ރާއްޖޭގެ ފަނޑިޔާރުންނާއި ރާއްޖޭގެ ފުލުހުންނާއި ސިފައިން މަގުމަތިކުރާނޭ. އެހެންވީމާ އެމްޑީޕީ އަށް ނޫނެކޭ ބުނާށޭ" ޖަމީލް ވިދާޅުވި އެވެ.
ޖަމީލް ވިދާޅުވީ އެމްޑީޕީގެ އިސް ސަފުގައި ތިއްބެވި ބޭފުޅުންނާއި އެ ޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ސިފައިންނާއި ފުލުހުންނަށް އަނިޔާކުރުމަށް ގޮވާލަމުންދާ މައްސަލަތަކަކީ ރާއްޖޭގެ ގާނޫނުގެ ތެރެއިން ބެލެންޖެހޭނެ ކަންކަން ކަމަށާއި އެކަންކަން ބެލުމަށް ގޮވާލާ ކަމަށެވެ.
މިރޭގެ އިވެންޓުގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވީ ރިޔާސީ އިންތިހާބާ މެދު ހުރި ޝަކުވާތައް ކޯޓުގެ މަރުހަލާގައި އޮތް އިރު، އެކަމާ އެމްޑީޕީގެ އިސްވެރިން އެހާ ބޮޑަށް ހާސްވަނީ އެބޭފުޅުންނަށް 95،000 ވޯޓު ނުލިބޭނެ ކަން ޔަގީންވާތީ ކަމަށެވެ.
އަދި އިންތިހާބުގެ ފުރަތަމަ ބުރުގައި އުމުރުން ތިން އަހަރުގެ ކުޑަކުދިންގެ ނަމުގައި ވެސް ބަޔަކު ވޯޓުލާފައިވާ ކަމަށް ޔާމީން ތުހުމަތުކުރެއްވި އެވެ.
"ގަބޫލުކުރައްވަންތޯ؟ އުމުރު ހަމަނުވާ ކުދިން ވޯޓުލާފަ އެބަހުރި. މިދިޔަ އިންތިހާބުގައި. އަޅުގަނޑުމެންނަށް ލިބިފައި ހުރި މައުލޫމާތު ކުށް ކަމުގައި ނުވާ ނަމަ، ތިން އަހަރުގެ ތުއްތު ކުދިން ވެސް ވޯޓުލާފައި އެބަހުރި. އެކުދިންގެ ނަމުގައިވެސް އެބަހުރި ވޯޓުލާފައި." ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ މިކަހަލަ ސީރިއަސް ތުހުމަތުތަކެއް ކުރެވޭ އިރު، އެކަންކަން ހައްލުނުކޮށް ދެވަނަ ބުރަކަށް ދާން ބަޔަކު ކުރާ މަސައްކަތަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާއި އިންތިހާބާ ގުޅޭ މައްސަލަތައް ކޯޓުގެ ތެރެއިން ހައްލުކުރުމަށް ފަހު ކުރިއަށް ދިއުމަށް ޕީޕީއެމްއިން ތާއީދުކުރާ ކަމަށެވެ.