ރާއްޖޭގައި ދެފުށް ފެންނަ މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގޮވާލައްވައިފި އެވެ.

ދިޓީގެ ޚަބަރުތެރެ އިން ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޔާމީން މިރޭ ވިދާޅުވީ ޕީޕީއެމުން ބުނަމުން ގެންދަނީ ދެފުށް ފެންނަ ހަރުދަނާ އުސޫލުތަކެއް ގާއިމު ކުރުމަށް ފަހު އިންތިޚާބު ބޭއްވުމަށް ކަމަށެވެ.

"އަޅުގަނޑުމެން މި ދަންނަވަނީ ދެފުށް ފެންނަ އިންތިޚާބަކަށް ދެފުށް ފެންނަ ޕްރޮސީޖަރަކަށް އުސޫލުތަކެއް ގާއިމް ކުރައްވާށޭ. އެ އުސޫލުތައް ގާއިމު ކުރައްވާފަ އަލުން ވޯޓުލަންޏާ ވޯޓުލާށޭ. ދެވަނަ ބުރުގައި ވޯޓުލަންޏާ އެކަން އެގޮތަށް ކުރައްވާށޭ،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ މި މަހުގެ ހަތް ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ގެންގޮސްފައި ވަނީ ދެފުށް ފެންނަ ގޮތަށް ނޫން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ވޯޓުލާ މީހުންގެ ފައިނަލް ލިސްޓުގެ ކޮންމެ ސަފްހާއެއްގައި ހުރިހާ ކެންޑިޑޭޓުން ސޮއިކުރައްވައި އިނގިލީގެ ނިޝާން ޖެހުމަށް އިލެކްޝަންސް ކޮމިޝަންގައި އެދުނު ކަމަށާއި އެގޮތަށް އެދުނީ އެ ލިސްޓުގެ ސައްހަކަން ކަށަވަރު ކުރުމުގެ ގޮތުން ކަމަށެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން އެގޮތަށް އަމަލުކޮށްފައި ނުވާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

އިންތިޚާބުގެ ފުރަތަ ބުރުގައި ފައިސާގެ ނޫފޫޒުތައް އޮތް ކަމަށާއި ނަމަވެސް އެކަން ހައްލުކުރުމަށް އިލެކްޝަންސް ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަނުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

ވޯޓު ކަރުދާސްތައް ޕްރިންޓު ކުރާއިރު ގައްޔާއި ޕްރިންޓްކޮށް ގުދަނާއި ހަމައަށް ގެންދާ އިރު ކޮންމެ ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅާ ފަރާތަކަށް އެކަން ހިނގާ ގޮތް ބެލެން ޖެހޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މިރޭގެ ޕްރޮގްރާމްގައި ޔާމީން ވަނީ ޕީޕީއެމްގެ ސަރުކާރެއްގައި ގެންގުޅޭނެ ސިޔާސަތުތަކުގެ މައްޗަށް ވެސް އަލިއަޅުވާލައްވައި ވާހަކަ ދައްކަވާފަ އެވެ.

އެމަނިކުފާނު ވިދާޅުވީ ޕީޕީއެމްގެ ވެރިކަމެއްގައި ރާއްޖެ އިން ބޭރުން ތަމްރީން ލިބިފައިވާ ދިވެހި ޑޮކްޓަރުން ރާއްޖޭގެ ކޮންމެ ރަށެއްގައި ބައިތިއްބައި ކޮންމެ ރަށަކުން ބޭސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

މާލެ އާއި އެއް ފެންވަރަށް ރާއްޖެތެރެ ވެސް ތަރައްގީ ކުރެވެން ޖެހޭނެ ކަމަށާއި އެގޮތުން މާލެ ފެންވަރުގެ ހަތް ސަރައްދު ޕީޕީއެމްގެ ވެރިކަމެއްގައި ގާއިމް ކުރާނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

ދައުލަތުގެ ޚަރަދު ކުޑަކޮށް ރާއްޖެ ތަރަގީ ކުރަން ޖެހޭ ކަމަށާއި އެކަން އެގޮތަށް ކުރެވޭނީ އެއްފަސް ކުރެވެން ހުރި ރަށްތައް އެފަސްކޮށްގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.