28 Sep 2013, 23:35
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ލާދީނީ ބޭފުޅެއް ކަމަށް އަދާލާތު ޕާޓީގެ ނައިބު ރައީސް ޑރ. މައުރޫފު ހުސައިން ގަބޫލުކުރައްވާ ސަބަބުތަކެއް މިރޭ ހާމަކުރައްވައިފި އެވެ.
ޑރ. މައުރޫފު އެކަންތައްތައް ހާމަކުރެއްވީ އިލެކްޝަންސް ކޮމިޝަނަށް ފޮނުއްވުމަށް ލިއުއްވާފައިވާ ކަމަށް އޭނާ ވިދާޅުވާ ސިޓީއެއް، ދިޓީވީ މެދުވެރިކުރައްވައި މިރޭ ހުށައަޅުއްވަމުންނެވެ.
ޑރ. މައުރޫފުގެ ސިޓީގައި މައިގަނޑު ތިން ނުކުތާއެއް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެއިގެ ތެރެއިން ފުރަތަމަ ނުކުތާ އަކީ "ލާދީނީ" މިބަސް އޭނާ މާނަކުރައްވާ ގޮތެވެ. އަނެއް ނުކުތާއަކީ ރައީސް ނަޝީދަކީ އެފަދަ ބޭފުޅަކަށް ވާކަމަށް އޭނާ ގަބޫލުކުރައްވާ ސަބަބުތަކެވެ. އަދި ތިން ވަނަ ނުކުތާއަކީ އެފަދަ ބޭފުޅުންގެ ސަބަބުން ލިބިފައިވާ ކަމަށް އޭނާ ދެކެވަޑައިގަންނަވާ ގެއްލުންތަކެވެ.
"ލާދީނީ" މިބަސް އޭނާ މާނަކުރައްވާ ގޮތް ކިޔައިދެއްވަމުން ވިދާޅުވީ އެއީ އިނގިރޭސި ބަހެއް ކަމަށްވާ "ސެކިއުލާ" މިބަހުގެ މާނައިގެ ގޮތުގައި ބޭނުންކުރައްވާ ދިވެހި ބަސް ކަމަށެވެ.
"ލާދީނީވުމަކީ ސެކިއުލާ( ދީނާއި ސިޔާސަތު ވަކިކުރުމުގެ ފިކުރު)، ނޫނީ އަރަބި ބަހުން މިކިޔާ އަލްމާނީ ފިކުރު، އޭގެ މާނައަކީ ފަހަރެއްގައި ވެސް މުރުތައްދު ވުމެއް ނޫން، ނޫނީ ދީނުން ބޭރުވުމެއް ނޫން،" މައުރޫފު ވިދާޅުވި އެވެ.
ލާދީނީ މާނަކޮށްދެއްވުމަށް ފަހު މައުރޫފު ދެން ވިދާޅުވީ އެފަދަ ބޭފުޅަކަށް ނަޝީދު ވެވަޑައިގަންނަވާ ކަމަށް އޭނާ ގަބޫލުކުރާ ސަބަބުތަކެކެވެ. އެފަދަ 50 ސަބަބު ސިޓީގައި ހިމަނާފައި ވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ނަޝީދަކީ ލާދީނީ ބޭފުޅެއް ކަމަށް ދެކެވަޑައިގަންނަވާ ފުރަތަމަ ކަމެއްގެ ގޮތުގައި ފާހަގަ ކުރެއްވީ ނަޝީދު ވެރިކަމަށް ވަޑައިގެންނެވުމަށް 2008ގައި ކުރެއްވި ކެމްޕޭނަށް އިނގިރޭސިވިލާތުގެ ކޮންޒަވޭޓިވް ޕާޓީން އެހީތެރި ވެދީފައިވުމެވެ. އެކަން ކޮންޒަވޭޓިވް ޕާޓީގެ ވެބްސައިޓްގައި އޭރު ލިއެފައި އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
މައުރޫފު ފާހަގަ ކުރެއްވި އެހެން ބައެއް ސަބަބުތަކަކީ ނަޝީދާއި އެމްޑީޕީގެ އިސް ބޭފުޅުން އެކި ފަހަރު މަތިން ދައްކަވާފައިވާ ވާހަކަފުޅުތަކަކާއި އެމްޑީޕީގެ ވެރިކަމުގައި ކޮށްފައިވާ ބައެއް ކަންތައް ތަކެވެ.
".... އަނެއް ބޭފުޅަކަށް މިހިރީ ޑރ. ޝަހީދު. އާދެ ޔަހޫދީންގެ އެޖެންޓެއްގެ ގޮތުގައި އީރާނާ ހަނގުރާމަ ކުރުމަށް، އިންސާނީ ހައްގުތަކުގެ ނަމުގައި ހަނގުރާމަކުރުމަށް އދ. އިން ކަނޑައަޅާފައި ހުންނަވާ ޑރ. ޝަހީދު. އެބޭފުޅާ އެބައޮތް ޓުވީޓްގައި ވިދާޅުވެގައި އަހަރެމެން އެމްޑީޕީއަކީ އަބަދު ވެސް ލާދީނީ ބައެކޭ އަދި އެކަމަށް އަހަރެމެން ފަހުރުވެރިވަމޭ،" އޭނާ ވިދާޅުވި އެވެ. އަދި ޑރ. ޝަހީދުގެ އެހެން ޓުވީޓަކާ ހަވާލާ ދެއްވައި ޑރ. މައުރޫފު ވިދާޅުވީ "އެމްއެންޑީއެފްގެ މުއްލާއިންގެ އަތްދަށަށް ދިޔުމަށް ވުރެ ސެކިއުލާ އިންޑިއަން އާމީގެ ބާރުގެ ދަށަށް ދިއުން ވެސް ރަނގަޅު ކަމަށް ޑރ. ޝަހީދު ވިދާޅުވި" ކަމަށެވެ.
އަނެއް ކަމެއްގެ ގޮތުގައި އޭނާ ވިދާޅުވީ އެމްޑީޕީ އުފައްދަން އުޅުނު އިރު އެކަމުގެ މަގުސަދާ ބެހޭ ގޮތުން އޭރު އިނގިރޭސިވިލާތުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނެވި އެމްބެސެޑަރަށް ނަޝީދު ދެއްވި ކަމަށް އޭނާ ތުހުމަތުކުރައްވާ ޖަވާބެކެވެ. އެގޮތުން މަގުސަދަކީ ދީނީ މީހުންގެ ބާރު ކަނޑުވާލުން ކަމަށް ނަޝީދު ވިދާޅުވި ކަމަށް ގޯގޯ ލަތީފު ވިދާޅުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޑރ. މައުރޫފު ފާހަގަ ކުރެއްވި އެހެން ކަންތައްތަކުގެ ތެރޭގައި އެމްޑީޕީގެ ވެރިކަމުގައި އައްޑޫ ސިޓީގައި ބުދު ބެހެއްޓުމާއި ޑެންމާކަށް ކުރެއްވި ދަތުރުފުޅުގައި ނަޝީދު ދެއްކެވި ވާހަކަފުޅުތައް ހިމެނެ އެވެ. އަދި "23 ޑިސެމްބަރު މުޒާހަރާ"އާ ދެކޮޅަށް މުޒާހަރާއެއް ބޭއްވުން ވެސް އެއީ ލާދީނީއޭ ކިޔާ ސަބަބެއް ކަމަށް އޭނާ ވިދާޅުވި އެވެ. މިއަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން ތައްޔާރު ކުރި މެނިފެސްޓޯގައިވާ ގެސްޓްހައުސް ވިޔަފާރީގެ ސިޔާސަތު ވެސް އެއީ ލާދީނީ ކިޔާ ސަބަބެއް ކަމަށް މައުރޫފު ވިދާޅުވި އެވެ.
".. ދެން މިއަންނަނީ ބިރެއް ނެތި މަޖާކުރުމާއި ގެސްޓްހައުސް ވިޔަފާރިއާ މިކަހަލަ ލާދީނީ ޝިއާރުތަކެއް އޭނާގެ މެނިފެސްޓޯގައި ހިމަނާފައިވާ ވާހަކަ،" އޭނާ ވިދާޅުވި އެވެ.
މައުރޫފު މިރޭ ޚުލާސާކޮށް ހުށައެޅުއްވި ސިޓީ މާދަމާ އިލެކްޝަންސް ކޮމިޝަނަށް ފޮނުއްވާނެ ކަމަށާއި އޭގެ ފަހުން އެސިޓީ އިންޓަނެޓްގައި އާއްމުކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ނަޝީދަކީ ލާދީނީ ބޭފުޅެއް ކަމަށް ވިދާޅުވާ ސަބަބު އޮޅުން ފިލުވަން އިލެކްޝަންސް ކޮމިޝަނުން އުޅެނީ ވަރަށް އަވަސް ވެގަނެގެން ކަމަށެވެ.
"މުހައްމަދު ނަޝީދު އެއީ ލާދީނީ ބޭފުޅެއް ކަމަށް އަޅުގަނޑު ވެސް އަދި ވަރަށް ގިނަ އެހެން ބޭފުޅުން ވެސް ބުނާތީ، އެއީ ކިހިނެތް ބުނާ އެއްޗެއްތޯ، އެބޭފުޅުން ވަރަށް ކަންބޮޑުވެގެން ވަރަށް އިމަޖެންސީ ހާލަތެއްގައި އެނގެން ބޭނުންވެގެން ދެފަހަރު މަތިން އަޅުގަނޑަށް ސިޓީ ފޮނުވީ،" މައުރޫފު ވިދާޅުވި އެވެ.
ސިޓީ ހުށައަޅުއްވަމުން ދެއްކެވި ވާހަކަފުޅުގެ ތެރޭގައި މައުރޫފު ވަނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ ވެސް ދޮގު ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ ނަޝީދަށް 95،000 މީހުން ވޯޓު ދެއްވި ކަމަށް އިލެކްޝަންސް ކޮމިޝަނުން ދެއްކުމަކީ އެއީ ދިވެހި ރައްޔިތުންނަށް އޮޅުވާލުން ކަމަށެވެ. މައުރޫފު މިހެން ވިދާޅުވެ، ނަތީޖާ ދޮގު ކުރެއްވި އިރު ރިޔާސީ އިންތިހާބާ ގުޅިގެން ޖުމްހޫރީ ޕާޓީން ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލަ އަދި ވަނީ ނުނިމި އެވެ.