28 Sep 2013, 22:23
އަލިމަސް ކާނިވާލުގައި އޮތް އެމްވީކޭ ބަހެއްގައި މިރޭ އަލިފާން ރޯކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ކާނިވަލު ތެރޭގައި ޕާކްކޮށްފައި އޮތް، މާލޭގައި ބަހުގެ ހިދުމަތްދޭ، ބަހެއްގައި ރޯކޮށްލުމާ އެކު މާގިނައިރުތަކެއް ނުވެ، އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމުން އައިސް އަލިފާން ނިއްވާލާފައިވާ ކަމަށެވެ. އަލިފާން ނިއްވާލީ މުޅި ބަހަށް އަލިފާން ފެތުރުމުގެ ކުރިން ކަމަށާއި ނަމަވެސް ބަހުގެ ސީޓްތަކުގައި އަލިފާން ރޯވެ ހަލާކުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ނަމަވެސް އެ ބަހަށް އެ ހާބޮޑެތި ގެއްލުންތަކެއް ނުވެ އެވެ.
މާލޭގައި ބަހުގެ ހިދުމަތްދޭ، އެމްވީކޭ ބަހެއްގައި މިރޭ ރޯކޮށްލާފައިވާ އިރު، އަލިމަސް ކާނިވަލް ތެރޭގައި ޕާކުކޮށްފައި އޮތް ދެ ވޭނެއްގައި ރޭ ވަނީ ރޯކޮށްލައިފަ އެވެ. ކާނިވަލުގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި އެ ދެވޭން ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިފަ އެވެ.
ރެ އާއި މިރޭ ކާނިވަލުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ އިރު، މިދިޔަ ހޯމަ ދުވަހު ވަނީ އިމާދުއްދީން ސްކޫލް ކައިރީގައި މަރާމާތަށް ބާއްވާފައި އޮތް ޓެކްސީއެއްގައި ރޯކޮށްލައިފަ އެވެ. އަދި ހަމަ އެ ދުވަހުގެ ފަތިހު ވަނީ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ބޭބޭފުޅު، މުހައްމަދު ޝާހިދުގެ ކާރުކޮޅުގައި ރޯކޮށްލައިފަ އެވެ.